މިއަދުގެ މެންދުރުން ފެށިގެން ގދ. ގައްދޫ ދެކުނު ފަރާތުން ބޮޑެތި ރާޅާއެކު އުދަ އަރައި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމުގެ ސަބަބުން އާންމުންނަށް ގެއްލުންތަކެއް ވެއްޖެ އެވެ. މިއަދު މެންދުރު 1:30 ހާއިރު އުދަ އަރަން ފަށާފައިވާއިރު، މެދު ނުކެނޑި މިހާރުވެސް އުދަ އަރަމުން ދާކަމަށް އެރަށު ކައުންސލުން ބުންޏެވެ.
ގައްދޫ ކައުންސިލް މެންބަރު ސޯދިގު ވިދާޅުވީ، މިއަދު މެންދުރުން ފެށިގެން ރަށަށް އުދަ އަރަން ފަށާފައިވާއިރު ހޭޅިން ފެށިގެން ހަމީޓަރުގެ ސަރަހައްދެއް މިހާރުވެސް ގިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ގެތަކަށް ވެސް ވަރަށް ބޮޑަށް ފެން ވަދެ ގެއްލުންތަކެއް ވަމުންދާ ކަމަށާއި މަގުތައް މުޅިން ފެނު އަޑިއަށް ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ގައްދުއަކީ އާންމުކޮށް އަހަރުގެ މި ދުވަސްވަރު އުދަ އަރާ ރަށެކެވެ. ނަމަވެސް ރަށް ހިއްކުމަށްފަހު އުދައެރުވުން ކުޑަވެފައި އޮތުމަށްފަހު ހިއްކި ސަރަހައްދު އެއްކޮށް ގިރާލުމުގެ ސަބަބުން އަނެއްކާވެސް މިވަނީ އުދަ އަރަން ފަށާފައެވެ.
ސޯދިގު ވިދާޅުވީ ފާއިތުވި ތިން އަހަރުން ފެށިގެން އުދަ އަރަމުން ގޮސްފައިވާއިރު، އާދަޔާ ހިލާފަށް ބޮޑު ރާޅު އަރަން ފެށި، މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
"މީގެ ކުރިން ވެސް އުދަ އަރާ. އެކަމަކު މިހާ ބޮޑަށް އުދަ ނާރާ މިދިޔަ ތިން އަހަރު ތެރޭ ވެސް، ވަރަސް ބޮޑެތި ގެއްލުންތަކެއް ސަރަހައްދުގެ ގޭގެއަށް ލޮނު ވަދެ ގެއްލުން ވަމުން ދަނީ، ގެއްލުން ވެފަ ހުރީ ކިހާ ވަރަކަށް ކަމެއް ބުންނަ ދަތި މި ވަގުތަށް" ސޯދިގް ވިދާޅުވި އެވެ.
އުދަ އަރައި ފެންބޮޑުވެފައިވާ ގެތަކުގައި ތިބި މީހުން ރައްކާތެރި ހިސާބަކަށް ގެންގޮސް އެމީހުންނަށް އެހީތެރިވުމުގެ މަސައްކަތުގައި ރެޑް ކްރެސެންޓާއި، ކައުންސިލާއި ފުލުހުންގެ އިތުރުން އެމްޓީސީސީ އާއި އަމިއްލަ ކުންފުނިތަކުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. އެ ސަރަހައްދަށް ފަސް ޖަމާކޮށް ރަށު ތެރެއަށް ލޮނު ވަނުން މަދުކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން ލަފަކުރަނީ މިރޭ ވަރަށް ބޮޑަށް ދިޔަވަރު ބޮޑުވެ ރާޅު އަރާނެ ކަމަށް، އެގޮތަށް ލަފާވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން މި ދަނީ،" ސޯދިގު ވިދާޅުވި އެވެ.