ހަބަރު

"އަޅުގަނޑު ދޫދޭން ޖެހޭ ކަމެއްނެތް، އެކަމަކު މަޝްވަރާ ކުރާނަން"

Jul 19, 2016
1

ޕާޓީގެ ތެރޭގައި މިހާރު ޖެހިގެން އުޅޭ މައްސަލައިގައި ޕާޓީގެ ރައީސް، ގޮތް ދޫކުރަން ޖެހޭ ކަމެއް ނެތް ކަމަށާއި އެހެން ނަމަވެސް ކަންކަން މަޝްވަރާކޮށްގެން ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ކައުންސިލްތެރޭގައި ހިޔާލުތަފާތުވެ ކައުންސިލްގެ ގިނަ މެންބަރުން ޖަލްސާ އިން ނިކުންނެވި މައްސަލަގައި މައުމޫން ޕާޓީ އޮފީހުގައި ދެއްވި ޕްރެސްކޮންފަރެންސްގައި ވިދާޅުވީ، އަޅުގަނޑު ހުރިހާ ކަމެއް ވެސް މި ކުރަނީ ރަނގަޅަށް ކަމަށާއި މި ހިޔާލުތަފާތުވުންތަކުގައި އަޅުގަނޑު ގޯސްކޮށް ކުރިކަމެއް ނެތް ކަމަށެވެ. އިސްލާހީ އެޖެންޑާގައި ވެސް ހުންނާނީ މުޅިން ވެސް ރަނގަޅު ކަންކަން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އެއްވެސް ކަމެއް ހިފަހައްޓަވައިގެން ނުހުންނަވާ ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއިން ކަންކަން ކުރުމުގެ ފުރުސަތު އޮންނާނީ ދީފައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މައްސަލަތައް ހައްލު ކުރަން އިސްކުރައްވާނީ ކޮން ގޮތެއްތޯ ނޫސްވެރިއަކު ދެންނެވުމުން މައުމޫން ވިދާޅުވީ، މަޝްވަރާކޮށްގެން މިކަންކަން ހައްލު ކުރެވޭނެ ކަމަށާއި މަސައްކަތް ކުރައްވަނީ ވެސް މަޝްވަރާކޮށްގެން ކަންކަން ހައްލު ކުރަން ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އާ މި މައްސަލަތަކުގައި މަޝްވަރާ ކުރެއްވިންތޯ އެއްސެވުމުން މައުމޫން ވިދާޅުވީ، ތިވާހަކަ މިވަގުތު ދައްކަން ބޭނުންފުޅު ނުވާ ކަމަށެވެ. މައުމޫން ވިދާޅުވީ ޕާޓީ ދޫކޮށްލާ ވަކިވެގެން ދިޔުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

"އާދެ! އަލުގަނޑުމެންނަށް މަޝްވަރާކޮށްގެން ހައްލު ކުރެވޭނެ. މިކަން ވެސް ހައްލު ކުރެވޭނެ. މަޝްވަރާއައިގެން އަޅުގަނޑު ކުރިއަށް ދާން މި ހުރީ،" މައުމޫން ވިދާޅުވި އެވެ. ރައީސް ޔާމީން ވެސް ވަނީ ޕީޕީއެމްގެ ތެރޭގައި ޖެހިގެން އުޅޭ މައްސަލަތައް މަޝްވަރާގެ މަތިން ހައްލު ކުރުމަށް ގޮވާލައްވައިފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ އެތެރޭގެ ހަމަނުޖެހުން ތަކުގެ ސަބަބުން ފައިދާ ވާނީ އިދިކޮޅު ފަރާތްތަކަށް ކަމަށެވެ.

މައުމޫންއާ މެދު ޕާޓީގެ ކައުންސިލްގެ ގިނަ މެންބަރުން ހިތްހަމަ ނުޖެހިފައި ވަނީ ޕާޓީގެ ކައުންސިލްގެ މަޝްވަރާއެއް ނެތި، ޕާޓީގެ ހުރިހާ ބާރުތަކެއް ރައީސް މައުމޫން ނެންގެވުމުންނެވެ. އަދި ސަރުކާރަށް ފާޑު ވިދާޅުވެ އިސްލާހީ އެޖެންޑާއެއް އިއުލާން ކުރައްވައި މައުމޫން ވަނީ މަޝްވަރާ މަޖިލީހެއް އުފައްދައިފަ އެވެ. އެހެން ނަމަވެސް އެ މަޖިލިސް އުފެއްދަން ޖެހެނީ ކައުންސިލްގެ މަޝްވަރާގެ މަތިން ނަމަވެސް މައުމޫން އެކަމެއް ނުކުރައްވަ އެވެ.

މިރޭގެ ޖަލްސާގައި 30 ބޭފުޅަކު ބައިވެރިވީ އިރު 21 މެންބަރަކު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ޖަލްސާ ދޫކޮށް ނުކުންނެވި އެވެ.

މައުމޫން ވިދާޅުވީ، ޕާޓީ ބައެއް މަޖިލިސް މެންބަރުން ޕީޕީއެމްގައި ޖެހިގެން އުޅޭ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން އެމަނިކުފާނާ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށާއި މައްސަލަ ހައްލު ކުރަން ވެސް މަސައްކަތް ނުކުރައްވާ ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި، އެމަނިކުފާނު ޕާޓީ ހިސޯރުކޮށްފައިވާ ކަމަށް ޕީޖީގެ ބައެއް މެންބަރުން ފާޅުގައި މީޑިއާގައި ވިދާޅުވެފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ވާހަކަ ކައުންސިލް ބައްދަލުވުމުގައި ދެންނެވި ކަމަށެވެ.

މީގެ އިތުރަށް މައުމޫން ވިދާޅުވީ، ދާދި ފަހުން ސުލޫކީ ކޮމިޓީ އިން ބައެއް މެންބަރުން ވަކިކުރަން ނިންމި ނިންމުން މިހާތަނަށް ޕާޓީއާ އެއްވސް ގޮތަކަށް ސުލޫކީ ކޮމިޓީ އިން ހިއްސާކޮށްފައި ނެތް ކަމަށެވެ. މައުމޫން ވިދާޅުވީ އެ ބައްދަލުވުން ބޭއްވީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށްކަން އެނގިވަޑައިގެންފައިވާ ކަމަށާއި އެ ކޮމިޓީ ވެސް ބާއްވާ ނަމަ އުސޫލުތަކުގެ ތެރެއިން ބޭއްވުމުގައި މައްސަލައެއް ނެތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އެހެން ނަމަވެސް ޕީޕީއެމް ކައުންސިލްގެ ގިނަ މެންބަރުން ވިދާޅުވަނީ، ފާރިޝް ވަކިކުރި ސުލޫކީ ކޮމިޓީ ސައްހަ ކަމަށާއި އެ ކޮމިޓީގެ ކޯރަމް ވެސް އޮތް ކަމަށެވެ. އަދި ޕާޓީގެ ގުނަވަނެއްގެ ނިންމުމަކާ މެދު ހިތް ހަމަ ނުޖެހޭ ނަމަ އިސްތިއުނާފު ކޮމިޓީ އޮންނާނެ ކަމަށާއި އެގޮތް އިހުތިޔާރު ކުރުމަށް އެދޭ ކަމަށެވެ. އަދި ޕީޕީއެމްގެ ޕީޖީ އިން ވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވާ މެންބަރުން ބައިތިއްބައިގެން ކައުންސިލް ބޭއްވުމަށް ގިނަ މެންބަރުންގެ ތާއީދެއް ނުކުރެ އެވެ. މިރޭގެ ކައުންސިލް ބައްދަލުވުން ވެސް ހުއްޓާލަން ޖެހުނީ އެހެންވެ އެވެ.