ހަބަރު

ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އަލުން ދައުވާ ނުކުރަން ވަކީލުން އެދިއްޖެ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް އަލުން ދައުވާ ނުކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލަށް ނަޝީދުގެ ވަކީލުން ސިޓީ ފޮނުވައިފި އެވެ.

ޕީޖީ މުހުތާޒް މުހުސިނަށް ނަޝީދުގެ ވަކީލުން މިއަދު ފޮނުވި ސިޓީއާ ގުޅިގެން އެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ދައުވާއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ނަޝީދަށް އެތައް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނަނީ ގިނަވެގެން ތިން އަހަރުގެ ޖަލު ހުކުމެއް ނަމަވެސް އެ ދައުވާއާ މެދު ގޮތެއް ނުނިމި ތިން އަހަރަށް ވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ގާނޫނު އަސާސީން ލިބިދޭ އެތައް ހައްގަކުން ނަޝީދު މަހްރޫމްވެފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ނަޝީދުގެ މައްޗަށް އެ ދައުވާ ކުރުމުގައި ބިނާކުރި ހަގީގަތްތަކަށް އެއްވެސް ބަދަލެއް މިހާތަނަށް އައިސްފައިނުވާތީ އެ ދައުވާ އަލުން ކުރަން ގާނޫނު އަސާސީން ޖާގަ ނުދޭ ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ދައުވާ އަލުން ކުރުމަކީ ރައްޔިތުން ރުހޭނެ ކަމަށް ނޫން ކަމަށް ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަލުން ދައުވާކުރެއްވުމަކީ، ދިވެހިރައްޔިތުންގެ ގިނަ ބަޔަކު އެކަމާ ނުރުހޭ ކަމަކަށްވާތީ، ޕަބްލިކް އިންޓްރެސްޓް ނުވަތަ ޢާންމު މަޞްލަޙަތަށްޓަކައި އަލުން ދައުވާ ނުކުރެއްވުމަށްވެސް ވަނީ އެ ސިޓީގައި އެދިވަޑައިގެންފަ އެވެ." އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އިސްލާމީ ޝަރީއަތާއި ޑިމޮކްރެޓިކް މުޖްތަމައުތަކުގައި އަމަލުކުރަމުންދާ އުސޫލުތަކަށް ބަލާއިރު ވެސް އެ ދައުވާއަކީ އަލުން ކުރެވޭނެ ދައުވާއެއް ނޫން ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ އަނބުރާ ގެންގޮސްފައިވާތީ އަލުން އެ ދައުވާ ކުރުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ބަލާއިރު ޕީޖީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދާއި އިތުރު ހަތަރު ބޭފުޅެއްގެ މައްޗަށް ކުރި ދައުވާތައް އިތުރަށް ދިރާސާކުރަން ކަމަށް ބުނެ ޕީޖީން ވަނީ އަނބުރާ ގެންގޮސްފަ އެވެ. ނަޝީދުގެ އިތުރުން އެ މައްސަލައިގެ ދައުވާލިބޭ ބޭފުޅުންގެ ތެރޭގައި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވެސް ހިމެނިވަޑައިގަންނަވަ އެވެ.