ކޮލަމް

މަރުގެ އަދަބު ތަންފީޒު ކުރާތީ ރުޅި އަންނަނީ ކީއްވެ؟

Jul 20, 2016
7

ލިޔުނީ: މުސާފިރު
---
ރާއްޖޭގެ ހުރިހައި މީޑިއާއެއްގެ ފަލަ ސުރުޚީއަށް އިހަށްދުވަހު އެރީ ރާއްޖޭގައި ގިސާސް ހިފުމުގެ އިސްލާމީ ޝަރީއަތުގެ ހުކުމެއް ތަންފީޒުކުރަން އުޅޭތީ ޔޫރަޕްގެ އިއްތިހާދާއި އެމެރިކާއާއި އިގިރޭސިވިލާތާއި އެހެން ބައެއް ގައުމުތަކުން އެކަމާއި ދެކޮޅު ހަދައި ކޮލަމްބޯގައި ތިއްބެވި އެގައުމުތަކުގެ ސަފީރުން ދިވެހި ސަރުކާރުގެ ސަފީރާއި ބައްދަލުކޮށް ނުރުހުން ފާޅުކުރި ޚަބަރެވެ. އދންވެސް ދިވެހި ސަރުކާރަށް މިހާރު ނޯޓެއް ފޮނުވާފައިވާ ކަމަށް އައު ފޮރިން މިނިސްޓަރ މުހައްމަދު އާސިމް ވިދާޅުވި ޚަބަރެވެ.

ތެދެކެވެ. އިސްލާމީ ޝަރީއަތް ތަންފީޒުކުރާތީ އިސްލާމަކު އެކަމާއި ދެކޮޅުވެރިވެގެންނެއް ނޫޅޭނެއެވެ. ކޮލަމްބޯގައި އިންނެވި ދިވެހި ސަފީރު ޒާހިޔާ ޒަރީރާއި ބައްދަލުކުރެއްވި، ހުރިހައި ސަފީރުންނަކީވެސް އިސްލާމް ނޫންގައުމުތަކުގެ ސަފީރުންނެވެ. އަދި އިސްލާމީ ޝަރީއަތާއި ފާޅުގައި ދެކޮޅު ހަދަމުންދާ ގައުމުތަކުގެ ސަފީރުންނެވެ.

ދިވެހި ރާއްޖޭގައި ރޯމާ ދުވާލު މީހުންގެ ކުރިމަތީގައި، މަގުމަތީގައި މީހުން މަރައިހެދުން ފަހަކަށް އައިސް ވަރަށް ބޮޑުވެފައި ވެއެވެ. މީހުން މަރަންފެށީ މާލޭގައި ވަރުގަދަކޮށްފައިތިބި ގޭންގްތަކުން އެއްބަޔަކާއި އަނެއްބަޔަކާއި ދެމެދު ހިގަންފެށި ދެކޮޅުވެރިކަމެއްގެތެރޭގައި ރައީސް މައުމޫންގެ ވެރިކަމުގެ ވަރަށް ފަހުކޮޅު އެވެ. އެގޭންގްތައް ކޮންޓްރޯލް ނުވެ މައުމޫނަށްފަހު ދެން ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދުގެ ސަރުކާރާއި މުހައްމަދު ވަހީދުގެ ސަރުކާރުގެ ދުވަސްވަރުގައިވެސް އެކަންއޮތީ ހައްދު ފަހަނައަޅާފައެވެ. އަދި މިއަދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރުވެސް އެކަން މިދަނީ ނުހުއްޓި ކުރިއަށެވެ. ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ގޭންގްތައް ކޮންޓްރޯލްކުރާކަމަށް ތުހުމަތުކުރަނީ ނަޝީދު ސަރުކާރާއި އެވެ. މިއަދު އެމްޑީޕީން އެތުހުމަތު ކުރަނީ މިއަދުގެ ސަރުކާރާއެވެ. ގޭންގްތަކުން މަރަނީ ހަމައެކަނި ގޭންގްތަކަށް ނިސްބަތްވާ މީހުން އެކަންޏެއްވެސް ނޫނެވެ. ގޭގްތަކުގެ ގުންޑާއިންނަށް އެމީހުންގެ އަސްލު ޓާގެޓްކަމަށް ހީކޮށް ކަމާއިނުބެހޭ އެހެންމީހުންވެސް މަރަނީއެވެ.

މިމަރުތަކުގެ ތެރެއިން ދިވެހި ރާއްޖެ ސިއްސުވާލީ، 2012 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ އޭރުގެ މެމްބަރ އަދި ދީނީ އިލްމުވެރިއެއްކަމަށްވާ ޑޮކްޓަރ އަފްރާޝީމް އަލީ ވަރަށް ރަހުމްކުޑަގޮތަކަށް ކަތިވަޅިއަކުން ޖަހައި އަވަހާރަކޮށްލި ހާދިސާއިންނެވެ. ތިމާގެ އަމިއްލަ ބައްޕަ، މަންމަ ނުވަތަ ތިމާގެ އަމިއްލަ ދަރިއަކު މިފަދަ އަނިޔާވެރިގޮތަކަށް މަރާލީމާ ހިތަށްކުރާ އަސަރުއެގޭނީ ތިމާއަށް އެކަންކުރިމަތި ވުމުންނެވެ. މިކުޑަކުޑަ ރާއްޖޭގައި މީހުން މަރާތީ އެކަމާއި ދެރަވެގެން ކަންބޮޑުވެގެން އެއްވެސް ގައުމެއްގެ ސަފީރަކު ބަހެއް ނުބުނެއެވެ.

އަޅުގަނޑުގެ ހަދާނަށް އަންނަނީ ޑޮކްޓަރ އަފްރާޝީމް އަލީ އަވަހާރަކޮށްލައިގެން އުޅުނުއިރު ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެއްޗެކެވެ. ނަޝީދު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގެ ފަހަތުގައި ތިބީ މެދުއިރުމައްޗަށް ނިސްބަތްވާ ބައެއްކަމަށާއި އެމީހުން އެކަންކޮށްފައި ފުރައިގެންގޮސްފައިވާކަން އެބޭފުޅާއަށް އެގިފައިވާކަމަށެވެ. އޭރު ތަހްގީގު އަދި ރަގަޅަށް ހިގައިވެސްނުގަނެ އެވެ. ކޮންތާކުން ނަޝީދަށް ލިބިވަޑައިގަތް މައުލޫމާތެއްކަމެއްވެސް ނޭގެއެވެ. ކޮންމެއަކަސް ތިމާއަށް އެކަމުގެ އެކޮޅު މިކޮޅު ނޭގި ރައްޔިތުންނަށް ކަމުގެ ހަގީގަތް މުޅިން އޮޅޭގޮތަށް އެއްޗެއް ބުންޏަސް މުޅި ގައުމުގެ ރައްޔިތުންގެ ވަރަށް ގިނަ މީހުންގެ ލޮލުން ކަރުނަހިލި ސިހިފައިވާ ދަޑިވަޅެއްގައި ބޮޑު ދޮގެއް ހަދައި ރައްޔިތުން ސޭކު ހައްދަން އުޅުމަކީ މިބިރުވެރި ހާދިސާއަށް ޖޯކު ޖެހުމެވެ. އެހެން މީހުންގެ އިހްސާސްތަކަށް ބެލުމެއްނެތި މަޖަލަކަށް އަގަތެޅުމެވެ. ނަޝީދު ވިދާޅުވިއެއްޗެއް ފުލުހުން ތަހްގީގުކުރަން ބޭނުންނުވީވެސް އެހެންވެގެން ކަމަށްވެދާނެއެވެ. އެކަމަކު އެޚުތޫރަތްތެރި ދަޑިވަޅުގައި އެހާ ސާކާސްޓިކް ގޮތަށް ވާހަކަފުޅު ދައްކަވަން ބޭނުންފުޅުވި ސަބަބު އެގިވަޑައިގަންނަވާނީ ނަޝީދަށެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުން މިކުޑަކުޑަ އެހެނަސް ސައްތައިން ސައްތަ އިސްލާމުން ދިރިއުޅޭ ގައުމުގައި ﷲ ތައާލާގެ ހުކުމްފުޅު ތަންފީޒުކޮށްގެން ނޫންގޮތަކަށް މީހުން މެރުން ހުއްޓުމަކަށް ނާންނާނެކަމަށް ދެކޭ ދިވެހިން ވަރަށް ގިނަވާނެއެވެ. އަފްރާޝީމް އަވަހާރަކޮށްލުމާއިގުޅިގެން ރައީސް ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ސަރުކާރުތެރޭގައި ސީރިއަސް ބަހުސަކަށް އެކަންވިއެވެ. އަބްދުﷲ ޔާމީން ރައީސްކަމަށް ވަޑައިގަތީ މަރުގެ ހުކުމް ތަންފީޒުކުރައްވާނެކަމުގެ ހިއްވަރުގަދަ ޖެހިލުންކުޑަ ވައުދު ރައްޔިތުންނަށް ކުރެއްވުމަށްފަހުއެވެ.

ﷲގެ ޝަރީއަތާއި ދެކޮޅަށް ވާހަކަދައްކަނީ ކޮންބައެއް؟

ރާއްޖޭގެ އަސްކަނިން ދުރަށްޖެހިލަމާތޯއެވެ. އދއާއި ޔޫރަޕްގެ އިއްތިހާދާއި އެމެރިކާއާއި އިގިރޭސި ވިލާތުގެ ދެކޮޅު ހެދުމަށެވެ. އަވަށްޓެރި އިންޑިޔާގެ މުމްބާއީއަށް ހަތިޔާރުއެޅިބަޔަކު އަރައި މީހުންތަކެއް ރަހީނުކޮށް މަރައިހެދުމުން ހަމަލާދިން މީހުންގެތެރެއިން ދިރިހުއްޓައި އަތުޖެހުނު މީހާގެ މައްޗަށް ޝަރީއތްކޮށް އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވައި މުޅިދުނިޔޭގެ ކުރިމަތީގައި ދަންޖައްސައި އޭނާ މެރީ އިހަށްދުވަހުއެވެ. އދ އާއި އެމެރިކާއާއި ޔޫރަޕުގެ އެއްވެސް ގައުމަކުން އެކަމަކާއި ދެކޮޅެއް ނުހަދައެވެ. ބަންގްލަދޭޝްގައި މާކުރިން ހިގާފައިވާ ހަގުރާމައެއްގައި މީހުންމަރާފައިވާކަމަށް ތުހުމަތުކޮށް، މިހާރުގެ ސިޔާސީ ޕާޓީއެއްގެ އެންމެ އިސްލީޑަރެއްގެ މައްޗަށް ޝަރީއަތްކޮށް މަރަން ހުކުމް އިއްވައި އޭނާ ދަންޖައްސައިމެރީވެސް ހަމަ އިހަށް ދުވަހު އެންމެންގެ ކުރިމަތީގައެވެ. އެމެރިކާއާއި އިގިރޭސިވިލާތާއި އދއާއި ޔޫރަޕްގެ އިއްތިހާދަކުން އެކަމަކާ ދެކޮޅަކަށް ބަހެއް ނުބުނެއެވެ. އެއީ އެސިޔާސީ ޕާޓީގެ ނަމުގައި އިސްލާމިކް އޮންނާތީކަމަށް ވެދާނެއެވެ.

ކިރިޔާވެސް އެއްޗެއް ބުނިތަންފެނުނީ ތުރުކީގެ ރައީސް އެވެ. މިސްރުގައި ބަޣާވާތަކުން ވެރިކަން ވަށްޓާލައި ވެރިކަމަށް އަރައި މިހާރު ހުންނެވި އަބްދުލް ފައްތާހު އަލް ސީސީގެ ސަރުކާރުން ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި މަރުވެފައި ތިބި މީހުންނާ މިހެން ގޮސް އެތައްހާސްބައެއްގެ މައްޗަށް އެއްފަހަރާ މަރުގެ ހުކުމް އިއްވައި ތަންފީޒުކުރަން ތައްޔާރުވަނީ އެވެ. އެމެރިކާއާއި ޔޫރަޕާއި އދއަށް ކުރެވޭކަމެއް ނެތެވެ. ބާރަށް އެވާހަކަ ދައްކަންވެސް ނުކުރެ އެވެ. ތުރުކީގައި މަރުގެ ހުކުމް އިއްވުން އޮތީ ހުއްޓާލާފަ އެވެ. އެކަމަކު އިހަށްދުވަހު ބަޣާވާތްކޮށް ރައްޔިތުންގެ އެތައްބަޔަކު މަރާލި މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވަން ގާނޫނަށް ބަދަލުގެންނަން އެބައުޅެއެވެ. އެމެރިކާގައިވެސް މީހުންމަރާ މީހުންނަށް މަރުގެ ހުކުމް ތަންފީޒުކުރެއެވެ. ޔޫރަޕްގައި އިންސާނީ ހައްގުތަކަށްޓަކާ ކަމަށްބުނެ ނުކުރެއެވެ. އެކަމަކު ޔޫރަޕުން އަޅުގަޑުމެންނަށް ފެންނަނީ މީހަކު މެރުމުގެ ހާދިސާއެއްގައި ދޮން މީހަކު ނޫންމީހަކު ބައިވެރިވާނަމަ ފުލުހުން ހިންގާ އޮޕަރޭޝަންގައި އެހާދިސާއެއް ހިންގުމުގެ އަޑީގައި ތިބޭ އެންމެން މަރުވާތަނެވެ. ޝަރީއަތްކޮށް މަރުގެ ހުކުމް ތަންފީޒުނުކުރިއަސް ތުހުމަތުކުރެވޭ މީހުންތިބެނީ ބަޑިޖަހައި މަރާލާފައެވެ.

އަވަށްޓެރި އިންޑިޔާއާއި ބަންގްލަދޭޝްގައި މަރަށް މަރުހިފުމުން އެއްޗެއް ނުބުނެ ތިބެފައި ދިވެހިރާއްޖެއިން އެހުކުމް ތަންފީޒުކުރަން އުޅުނީމައި އދ އާއި އެމެރިކާއާއި އިގިރޭސިވިލާތާއި ޔޫރަޕުގެ ގައުމުތަކުގެ ސަފީރުން އެކަމާއި ތެޅިގަނެގެން ދިވެހިރާއްޖެއަށް އިންޒާރުކުރަންވީ ކީއްވެ ހެއްޔެވެ؟

މިސުވާލުގެ ޖަވާބު ވަރަށް ގިނަ ދިވެހިންނަށް ވަރަށް ފަސޭހެއިން ދޭނެއެވެ. އެއީ އިސްލާމްދީނާއި ގުޅޭކަމަކަށް ވީމައެވެ. މުޅިއަކުން އެހެންނެއްވެސް ނޫނެވެ. އިސްލާމީ ޝަރީއަތް ދިވެހި ރާއްޖޭގައި ތަންފީޒުކުރުން ހުއްޓުވައިދިނުމަށް އެދި ދިވެހިންތަކެއް މިގައުމުތަކުގެ ސަފީރުންނާއި އެހެން ސިޔާސީ ބޭފުޅުންގެ ފައިބުޑަށްވެށްޓި އާދޭސް ދަންނަވަނީއެވެ. ކޮޅުބުގައާއި ޔޫރަޕްގައި ތިބެގެން މިދިވެހި ބޭފުޅުން އެހެންކަމެއް ނުކުރެއެވެ. ނިކަން ބައްލަވާށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޚާރިޖީވަޒީރުކަން ކުރެއްވި ޑޮކްޓަރ އަހުމަދު ޝަހީދަށެވެ. ހަމައެކަނި މަރުގެ ހުކުމް ތަންފީޒުކުރުމަކާއި ދެކޮޅަކަށް ނޫނެވެ. ޒިނޭކުރާ މީހާގެ ގައިގައި ހައްދުޖެހުމާއިވެސް އެވެ. މުހައްމަދު ނަޝީދުގެ ސަރުކާރުގައި އދގެ އިންސާނީ ހައްގުތަކާއިބެހޭ ވެރިޔާ ނަވީ ޕިއްލޭއަށް ސަރުކާރުން ދައުވަތުދެއްވައިގެން ގެނެސް ރާއްޖޭގެ އެންމެ އިއްޒަތްތެރި މަޖިލސްކަމަށްވާ ރައްޔިތުންގެ މަޖިލީހަށް ގެންގޮސް ހައްދުޖެހުމަކީ ނާތަހުޒީބުކަމެއްކަމަށް ބުނުވައި ﷲ ތައާލާގެ ޝަރީއަތަށް ފުރައްސާރަކޮށްފައި ރައީސް އޮފީހަށްގޮސް ނަޝީދާއި ސަލާމްގަލާމްކޮށްފައި ފުރައިގެން ދިޔައީއެވެ.

އިސްލާމީ ޝަރީއަތާ ދެކޮޅަށް ބަހަނާދެއްކުން

މަރަށް މަރުހިފުން ނުވަތަ ހައްދުޖެހުންފަދަ އިސްލާމީ ޝަރީއަތުގެ ހުކުމް ތަންފީޒުކުރުމާއި ދެކޮޅަށް މައިގަޑުގޮތެއްގައި ބޭރުދުނިޔެއާއި ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންދާތަން ފެންނަނީ އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އެޕާޓީގެ ލީޑަރ ޝިޕްގައި ހަރަކާތްތެރިވާ ނުވަތަ ތާއީދުކުރާ މީހުންނެވެ. މުހައްމަދު ނަޝީދާއި ޑޮކްޓަރ ޝަހީދެވެ. މުހައްމަދު ނަޝީދު ޑެންމާކާއި އެމެރިކާގެ ވޮޝިންޓަންގައި މީޑިއާގައި ދައްކަވާފައިވާ ވާހަކަފުޅުން އެމަނިކުފާނުގެ ވިސްނުންފުޅު އެގި ހާމަވެއެވެ. ޑޮކްޓަރ ޝަހީދަށް އދން މިހާރު ޕްރޮމޯޝަނެއް ދީފިއެވެ. އެމީހަކު ބޭނުންދީނަކަށް އެމީހަކު އުޅުމަށް ގައުމުތަކަށް ބާރުއަޅައި ފިއްތައި ވަކާލާތުކޮށްދޭ އދގެ މަންދޫބެވެ. އަނެއްހެން ޔަހޫދީންނާއި ނަސާރާއިންނާއި އޭތިސްޓުންގެ ގާތުގައި ވަރަށް ޝަރަފުވެރި މަގާމެކެވެ. އެކަމަކު ﷲގެ ޙަޟުރަތުގައި ކިހާ ޝަރަފުވެރި މަގާމެއްތޯ ހިތާ ހިތާ ސުވާލުކޮށްލައްވަ ބައްލަވާށެވެ.

ކޮންމެއަކަސް ބޭރުގެ ސަފީރުން ލައްވައި ދިވެހި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ އަޑީގައިތިބީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ. ކޮލަމްބޯގައި ތިއްބަވައިގެން ކުރައްވަނީ އެކަމެވެ. މިއާޓިކަލަކީ ވަރަށް ބަޔަސް އާޓިކަލެއް ކަމަށް ދެކެވަޑައިގަތަސް އެބޭފުޅުންގެ ޓުއިޓަރާއި ފޭސްބުކް ސްޓޭޓްމަންޓްތައް އެހެރީއެވެ. ކުރިއަށް ނެރުއްވަނީ ބަހަނާތަކެކެވެ. ރާއްޖޭގައި އިންސާފުވެރި ޖުޑިޝަރީއެއް ނެތްކަމެވެ. އެފަދަ އިންސާފުވެރި ޖުޑިޝަރީއެއް އޮތީ ކޮން ގައުމެއްގައިތޯއެވެ. އެހެންނެއް ނޫނެވެ. ހަމަ ދެއްކެން އޮތް ބަހަނާއެއް ގޮތްގޮތަށް އަބުރައަބުރާފައި ދައްކަނީއެވެ. ﷲގެ ޝަރީއަތަކީ އަގެއްހުރި އެއްޗެއް ނޫންކަމަށް ދައްކަން، އެއީ އިންސާނީ ހައްގުތަކާއި ޚިލާފް ނާތަހްޒީބު އެއްޗެއްކަން ދައްކައި މީހުންގެ ހިތުގައި ނުގަބޫލުކަން އުފައްދަން ވާހަކަދައްކައި ލިއުންތައް ލިޔަނީއެވެ. ﷲގެ ހުކުމްފުޅު ތަންފީޒުކުރަންޖެހުނީމާ ޔަހޫދީންވެސް ދެއްކީ މިކަހަލަ ބަހަނާތަކެކެވެ. ބަހަނާދެއްކި މީހުންގެ މައްޗަށް ﷲ ލައުނަތް ލައްވައި ކޯފާލެއްވިކަން ކީރިތި ގުރުއާންގައި ﷲ އެވަނީ ބަޔާންކުރައްވާށެވެ. ދަރުސް ލިބޭނީ ދަރުސް ލިބިގަންނަން ބޭނުންވާ ބަޔަކަށެވެ.

ދިވެހި ރާއްޖޭގައި މީހުން މަރާމީހުންގެ މައްޗަށް ގިސާސްގެ ހުކުމް ތަންފީޒުކުރެވޭތަން ދެކެން ދިވެހިން ބޭނުންވެއެވެ. އެކަމަކު ދުނިޔޭގައި އާރާއި ބާރު އޮތްތަން ފެންނަނީ އިސްލާމުން ނޫން މީހުންގެ އަތްމަތީގައެވެ. އަޅުގަޑުމެންގެ ގައުމުކަހަލަ ކުޑަކުޑަ ގައުމަކަށް ފިއްތާލީމާ ގޮތް ހުސްވާ ހިސާބަށްވެސް ދާނެއެވެ.

އެޑިޓަރުގެ ނޯޓް: މުސާފިރުގެ ނަމުގައި މި ކޮލަމް ގަވާއިދުން ޝާއިރު ކުރަމުންދާނެ އެވެ. މި ކޮލަމްގައި މައިގަނޑު ގޮތެއްގައި ލިޔަމުން ދާނީ ދީނީ އެކި މައުލޫތަކަށް ސިޔާސީ ނަޒަރިއްޔާއަކުންނެވެ. މި ކޮލަމްގައި ލިޔާ ވާހަކަތަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ވިސްނުމެވެ. އަދި މި ލިޔުން ޝާއިއު ކުރެވިފައި މި ވަނީ ލިޔުންތެރިޔާ ލިޔެފައިވާ ގޮތަށް އޭގެ އަސްލަށް ބަދަލެއް ނުގެނެސް، ހަމައެކަނި އަވަސް ސްޓައިލް ގައިޑްއަށް ލިޔުމަށް ބައެއް ބަދަލުތައް ގެނެސްގެނެވެ.