ހަބަރު

ދިފާއީ ވަކީލުން ހިމާޔަތްކުރަން ހާއްސަ އޮފީހެއް ގާއިމްކުރާނީ

  • ދިފާއީ ވަކީލުން ހޯދަން ވަރަށް ވެސް އުނދަގޫ
  • ދިފާއީ ވަކީލުންނާ މެދު މުޖުތަމައު ދެކޭ ގޮތް ގޯސް
  • ވަކީލުންގެ އެހީތެރިކަން ހޯދައިދިނުމުގެ ނިޒާމު ދޯހަޅި

މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ވަކީލަކު އައްޔަންކުރުމަށް އުޒުރުވެރިވާ ފަރާތްތަކަށް ދައުލަތުން ހަމަޖައްސައިދޭ ދިފާއީ ވަކީލުންނަށް އެކި ފަރާތްތަކުން ކުރާ ފުރައްސާރައާއި ދިމާވާ ދަތިތަކުން ސަލާމަތްކޮށް ހިމާޔަތް ދިނުމަށް "ޕަބްލިކް ޑިފެންޑާސް" އޮފީހެއް ގާއިމްކުރާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ގާނޫނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ދިނުމުގެ ގައުމީ ނިޒާމެއް ތައާރަފްކުރުމަށް ޔޫއެންޑީޕީއާ ގުޅިގެން މިއަދު ފެށި، މަހާސިންތާގައި އޭޖީ އަނިލް ވިދާޅުވީ، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނު އަސާސީއިން ލިބިދީފައިވާ ހައްގަކަށް ވާއިރު، އެ ހައްގު އެފަރާތްތަކަށް ހޯދައިދިނުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ.

ހާއްސަކޮށް ޖިނާއީ ބޮޑެތި މައްސަލަ ތަކުގައި ދިފާއީ ވަކީލުން ހޯދުން އުނދަގޫކަމަކަށް ވެފައިވާ އިރު އެފަދަ މައްސަލަތަކުގައި ދިފާއީ ވަކީލުންނަށް އެކި ގޮތްގޮތަށް ފުރައްސާރައާއި ގޮންޖެހުން ކުރިމަތިވާ ކަމަށް އަނިލް ވިދާޅުވި އެވެ. އެފަދަ ގޮންޖެހުންތައް ކުޑަކޮށް ދިފާއީ ވަކީލުންނަށް ހިމާޔަތް ދިނުމަށް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭ ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމްކުރުމަކީ އޭޖީ އޮފީހުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ ށ އިން ދިވެހި ކޮންމެ މީހަކަށްމެ ލިބިދީފައިވާ ހައްގަކަށް ވާއިރު، ހައްގު ބޭނުންކުރުމުގައި ހަމަޖެހިފައި އޮންނަން ޖެހޭ ކަންކަން އެންމެ ފުރިހަމަޔަށް ހަމަޖެހިފައި އޮތްކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. ގާނޫނީ ވަކީލަކު ހޯދަން ކުރަންޖެހޭ މަސައްކަތާއި ތަކުލީފު ބޮޑު ކަމަށާއި، މިދިޔަ އަހަރުވެސް އެއް މައްސަލަޔަކަށް 14 ފަހަރު އިއުލާންކޮށްގެން ވެސް ވަކީލަކު ނުލިބުނު ކަން އޭޖީ ފާހަގަކުރެއްވި އެވެ.

".. ވަކީލެއްގެ އެހީތެރިކަމަކީ ކޮންމެ މީހަކަށް އޮތް ހައްގެއް. ޖިނާއީ ބޮޑެތި މައްސަލަތަކާއި ގުޅިގެން މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ފޯރުކޮށްދޭ އެހީތެރިކަން އުސޫލެއްގެ ގޮތުން ދަނީ ކުރަމުން. އެކަން ކުރުމުގައި ވެސް ގޮންޖެހުންތަކެއް އެބަހުރި. ވަކީލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ތަކުލީފަކަށް ބަދަލުވެފައި، ކުރީގެ ޝަކުވާއަކީ ދައުލަތުގެ ފަރާތުން ދާ ވަކީލަކަށް 5000ރ. މައްސަލަ ނިމެންދެން މަހަކަށް ދޭ ޝަކުވާ. ނަމަވެސް އެ އަދަދު ވަނީ އެތައް ގުނައެއް ބޮޑު،" އަނިލް ވިދާޅުވި އެވެ. "މި ހުރިހާ ބަދަލަކާއެކު ވެސް އެ އެހީތެރިކަން ގާނޫނުއަސާސީގެ ތެރެއިން ފޯރުކޮށްދޭން ޖެހޭއިރުވެސް ނުކޮށްދެވޭ ގޮތް މި މެދުވެރިވަނީ. މީގެ ސަބަބުން ހައްގުތަކެއް ގެއްލޭ،"

އޭޖީ ވިދާޅުވީ، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ މަސައްކަތްތައް ކުރާއިރު އެންމެ ފުރަތަމަ މަސައްކަތްކުރަންވީ އެ ހިދުމަތާ ދޭތެރޭ މުޖުތަމައުގައި ޒަމާނުއްސުރެ ގަބޫލުކުރެވިފައި އޮތް ވިސްނުން ބަދަލުކުރުމަށް ކަމަށެވެ. ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭންޖެހެނީ ހަމަ އެކަނި ކުށް ކުރާ މީހުންނަށް ކަމަށް ވިސްނިފައި އޮންނަ އޮތުން މުޅިން ބަދަލުކޮށް، ކޮންމެ ޒާތެއްގެ ކުށެއްގައި ތުހުމަތު ކުރެވޭ މީހެއް ނަމަވެސް، ކުށް ކުރިޔަސް އަދި ނުކުރިޔަސް ގާނޫނީ އެހީތެރިކަމަކީ، ދޭން ޖެހޭ ހައްގެއް ކަން ކޮންމެ މީހަކުވެސް ގަބޫލުކުރަންޖެހޭ ކަމަށް އަނިލް ވިދާޅުވި އެވެ.

".. ގާނޫނީ އެހީތެރިކަމަކީ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި ވެސް އާއިލާ ބެހޭ މައްސަލަތަކުގައިވެސް، އަދި މަދަނީ މައްސަލަތަކުގައި ވެސް ލިބިދޭންޖެހޭ އެހީތެރިކަމެއް،" އޭޖީ ވިދާޅުވި އެވެ.

ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިނުމަށް ފަށާފައިވާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ އަނިލް ވިދާޅުވީ، ވަރަށް އަވަހަށް އެ އޮފީހުގެ ފަރާތުން ލީގަލް އެއިޑާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައި ހިދުމަތްދޭން ފަށާނެ ކަމަށެވެ. އަދި އެ ބިލާއެކު ޑިފެންސް ލޯޔަރުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ގާނޫނުގެ ތެރެއިން ޕަބްލިކް ޑިފެންޑާސް އޮފީހެއް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގާއިމް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެކަންކަން ކުރުމަށް ގާނޫނު އަސާސީން ދައުލަތަށް ލާޒިމްކުރާ ކަންތައްތަކުގެ އިތުރަށް ވެސް ހަރަދުކުރަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށްވެސް އޭޖީ ވަނީ ވިދާޅުވެފަ އެވެ. އެކަމުގައި ރާއްޖެއަށް އެންމެ ކަމުދާނެ މޮޑެލް އަކީ ކޮބައިކަން ދެނެގަންނާނެ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ. އޭޖީ ވިދާޅުވީ މިއަދު ފެށި މަހާސިންތާގައި ދެމެހެއްޓެނިވި ލީގަލް އެއިޑް ނިޒާމެއް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެފަދަ ނިޒާމެއް ގާއިމްކުރާއިރު ރާއްޖެއަށް އެންމެ އެކަށޭނަ މޮޑެލް އަކީ ކޮބައިކަމާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.