މޫސުން

ކުރިއަށް އޮތް ދެ ދުވަހު އުދަ އަރާނެ ކަމަށް ލަފާކޮށްފި

ކުރިއަށް އޮތް ދެ ދުވަހު ވެސް މެދު ރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުގެ ރަށްތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެފި އެވެ. މެޓުން ބުނީ، އުދަ އަރަމުން ދަނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ކަނޑުގެ ދިޔަވަރު ބޮޑުވުމާ ގުޅިގެން ކަމަށެވެ.

ކުރިއަށް އޮތް ދެ ދުވަހު ވެސް އުދަ އަރާނެ ކަމަށް މެޓުން ލަފާކުރިއިރު، މިއަދު މާލެއަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފަ އެވެ. ރާޅުގަނޑު ސަރަހައްދުން މާލެއަށް އުދަ އަރާފައިވާއިރު އެ ސަރަހައްދަށް ހަތަރު ފުޅޮލީ އުޅަނދު ނަވަދެވޭ ގޮތަށް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި އުދަ އެރުމުގެ ސަބަބުން މަގުމައްޗަށް އެޅުނު ގާތައް ނަގައި ސާފުކުރުކުރުމުގެ މަސަކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.

އިއްޔެ ގދ. ގައްދޫއަށް އުދަ އަރައި، އެ ރަށަށް ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.

މެޓުން ބުނީ، ދެކުނާއި މެދު ރާއްޖެ ތެރެއަށް އުދަ އަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އުތުރުގެ އަތޮޅުތަކަށް އުދައިގެ އަސަރު ނުކުރާނެ ކަމަށެވެ. މީގެއިތުރަށް މުޅި ރާއްޖެއަށް މޫސުން ރަނގަޅުވާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.