ރާއްޖެ ކުޅިވަރު

ކޮސޯވޯ ފޯވަޑަށް ފުރުސަތުދޭން ނިއުގެ ނައިޖީރިއާ ކީޕަރު ފޮނުވާލަނީ

ނިއުރޭޑިއަންޓަށް ގެނެސްފައިވާ ކޮސޯވޯގެ ފޯވަޑަށް ފުރުސަތު ދިނުމަށް އެ ޓީމުގެ ނައިޖީރިއާ ކީޕަރު އަބޫ ސުލައިމާން ފޮނުވާލަން ނިންމައިފި އެވެ.

ނިއުއިން މި ގޮތަށް ނިންމީ ޓީމު ލިސްޓުގައި ހިމަނާ ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު އޭޝިޔާގެ ކުޅުންތެރިއަކަށްވާންޖެހޭތީ އެވެ.

ކޮސޯވޯ ފޯވަޑް ނިއުއާ ގުޅުނުއިރު ޓީމުގައި ތިބީ ނައިޖީރިއާގެ ކީޕަރުގެ އިތުރުން އެގައުމުގެ ޑިފެންޑަރަކާއި ބަލްގޭރިޔާގެ ޑިފެންޑަރެކެވެ. މިހެންވެ ކޮސޯވޯ ފޯވަޑަށް ފުރުސަތު ލިބެނީ މީގެ ތެރެއިން އެއް ކުޅުންތެރިއަކު އުނިކޮށްގެންނެވެ.

ކީޕަރު ސުލައިމާން ފޮނުވާލަން ނިންމިއިރު އޭނާ ވަނީ އޭއެފްސީ ކަޕާއި ދިވެހި ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނިއު މިހާތަނަށް ކުޅުނު ގިނަ މެޗުތަކުގައި އޭނާ މޮޅު ސޭވްތަކެއް ކޮށްފައިވެ އެވެ. ކީޕަރު ސުލައިމާން ފޮނުވާލުމަށްފަހު ނިއުއިން މަސައްކަތް ކުރަމުންދަނީ އޭޝިޔާގެ ކީޕަރަކު ނުވަތަ ދިވެހި ކީޕަރަކު ހޯދުމަށެވެ. ނިއުއިން ވާހަކަ ދައްކަމުން އަންނަ ކީޕަރުންގެ ތެރޭގައި މިދިޔަ އަހަރު އެ ޓީމަށް ކުޅުނު އުޒުބަކިސްތާނުގެ ކީޕަރު އަލީޝާ ހިމެނެ އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއު މިވަގުތު އޮތީ ހަތަރު ވަނާގަ އެވެ. އެއީ 13 ޕޮއިންޓާއެކުގަ އެވެ.