ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ބާއްވަން މަސައްކަތްކުރަމުންދާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތަކާމެދު، ރައީސް އަބްދުﷲ ޔާމީންއާއެކު އދ. އިން މަޝްވަރާތަކަށް ކަނޑައެޅުއްވި މަންދޫބު ތަމްރަތް ސަމައުލް މަޝްވަރާކުރައްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި، ސިޔާސީ ޕާޓީތަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި އ.ދ. އިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވި އެވެ.
މަޝްވަރާތައް ކާމިޔާބުކުރެވޭނެ ގޮތަކާމެދު ރައީސްއާއެކު މަންދޫބު މަޝްވަރާކޮށްފައިވާއިރު، ސަރުކާރުން ބުނެފައި ވަނީ ޕާޓީގެ މަޝްވަރާތައް ކާމިޔާބު ކުރުމަށް ދޫ ދޭން ވެސް ތައްޔާރަށް ކަމަށާއި ސަރުކާރުގެ ޑިމާންޑެއް މަޝްވަރާތައް ފަށަން ނެތް ކަމަށެވެ. އަދި ސިޔާސީ ލީޑަރުން މިނިވަން ކުރުމާ މެދު މަޝްވަރާ ކުރާނެ ކަން ސަރުކާރުން މީގެ ކުރިން ވެސް އިއުލާން ކޮށްފައިވެ އެވެ. މީގެ އިތުރަށް، މަޝްވަރާތަކުގައި ލީޑަރުން ބައިވެރިކުރަން ވެސް ސަރުކާރުން އެއްބަސްވެފައިވެ އެވެ.
މަޝްވަރާތައް ފެށުމަށް މަންދޫބު ރާއްޖެ ވަޑައިގަތްތާ ތިން ދުވަސްވެފައިވީ ނަމަވެސް އަދި އެދެވޭ ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. އެއްވެސް މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައެއް ވެސް ނުވެ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީގެ، ރައީސް މުހައްމަދު ނަޝީދު ވަނީ މަޝްވަރާތަކުގައި ބައިވެރިވާނީ އެކި ކުށްކުށުގައި ހުކުމްކޮށް ޖަލަށްލާފައިވާ ސިޔާސީ ލީޑަރުން މިނިވަންކުރުމުން ކަމަށް ވިދާޅުވެފަ އެވެ.
ޕާޓީގެ މަޝްވަރާތައް ފެށުމަށް އދ ގެ މަންދޫބު މީގެ ކުރިން ވެސް ރާއްޖެ ވަޑައިގެން މަސައްކަތް ކުރެއްވި އެވެ. އަދި މަޝްވަރާތައް ފަށަން އެއްބަސްވީ ވެސް އެއަށް ފަހު އެވެ. އެހެން ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ އުސޫލެއް އަދި ނޭނގެ އެވެ.