ރާއްޖެ ކުޅިވަރު

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ނިއު، ވެލެންސިއާ ވެސް ފަހަތަށް އެއްލާލައިފި

ޔުނައިޓެޑް ވިކްޓަރީ 3-0އިން ބަލިކޮށް ނިއުރޭޑިއަންޓް، އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވަރުގަދަ ވެލެންސިއާ ފަހަތަށް އެއްލާލުމަށްފަހު ހަތަރު ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

މި މެޗުގައި ނިއުގެ ގޯލުތައް ޖަހައިދިނީ އިއްޒަތު އަބުދުލްބާރީ އާއި އަހުމަދު ނިޔާޒް އަދި ހަމްޒާ މުހައްމަދެވެ.

މި މޮޅާއެކު ނިއު ހަތަރުވަނަ ހޯދީ މެޗު ފެށިއިރު އެ ޓީމަށްވުރެ ކުރީގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާ އަށްވުރެ ކުރި ހޯދައިގެންނެވެ. ނިއު އަށް މިހާރު ލިބިފައިވަނީ 13 ޕޮއިންޓެވެ. މި އަދަދަށް ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބެނީ ވަރަށް އާދައިގެ ޓީމެއް އޮތް ނިއު އަށެވެ. ވެލެންސިއާ އޮތީ މިހާރު 12 ޕޮއިންޓާއެކު ހަ ވަނާގަ އެވެ.

ލީގުގެ އެއްވަނާގައިވަނީ މާޒިޔާ އެވެ. އެ ޓީމަށް 20 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވަނީ 17 ޕޮއިންޓާއެކު އީގަލްސް އެވެ. ތިން ވަނާގައިވަނީ 14 ޕޮއިންޓާއެކު ޓީސީ އެވެ.