ރިޕޯޓް

މި ދިރިއުޅުން ހިތްފަޅައިގެން ދާހާ ހިތްދަތި! ކެންސަރު ބަލީގައި މުޅި އުމުރު

އައިޖީއެމްއެޗްގެ ވޯޑެއްގެ އެނދެއްގައި އުނދަގޫ ގޮތަކަށް އޮށޯވެ އޮތް، ރ. އުނގޫފާރަށް އުފަން ޒުހުދާ އަބްދުލް ގާދިރާ، 43ގެ ލޯ ވަނީ ކަރުނައިން ފުރި ބަންޑުންވެފަ އެވެ. އެ ލޯބިވާ މަންމަގެ ކަރުނައިން ބަންޑުވެ، މާޔޫސްވެފައިވާ މޫނަށް ބަލަހައްޓައިގެން އެ އިނީ، އޭނާގެ 22 އަހަރުގެ ދަރިފުޅު، މުހައްމަދު ޝަފްރާޒެވެ. ފާއިތުވި އަށެއްކަ އަހަރު އޭނާގެ މަންމަ ތަހައްމަލުކުރަމުން އެދަނީ ކެތްކުރަން އުނދަގޫ ވޭނެކެވެ. އުންމީދެއް ނެތް ދިރިއުޅުމެ ކެވެ. ކެންސަރު ބަލީގައި މަންމަ މަރާ ހަނގުރާމަ ކުރަމުން ދާ މަންޒަރު ބަލަން ދަރިއަކު ކެތްކުރާނެ އެންމެ ފުން މިނަށް ޝަފްރާޒާއި އޭނާގެ އާއިލާ ކެތްކޮށްފި އެވެ. އެކަމަކު ޝަފުރާޒުގެ އުންމީދެއް ނަގައެއް ނުލަ އެވެ.

ޒުހުދާ އާއި އޭނާގެ ހަތަރު ކުދިން ހިމެނޭ ކުޑަ ކުޑަ އާއިލާ ރަށުގައި އުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް އެ އާއިލާގެ އުފާވެރި ތަސްވީރަށް ހިރަފުސް ބުރުވާލީ ނުރައްކާތެރި ކެންސަރު ބައްޔެވެ. ދުންފަތް ލައިގެން ދުފުމަށް އާދަވެފައިވާ ޒުހުދާ ޑޮކްޓަރަށް ދައްކާލީ، އަނގައިގެ އެތެރެއިން ކޮލާ ދިމާލުގައި ހެދެމުން، ބޮޑުވަމުން އައި ފާރުކޮޅެއްގެ އުނދަގޫ ބޮޑުވެގެންނެވެ. ކުޑަ މައްސަލައެއް ކަމަށް ހީކޮށްގެން ޑޮކްޓަރަށް ދައްކާލަން ހޮސްޕިޓަލަށް ވަތް މީހާއަށްނިކުންނަން ޖެހުނީ ބިރުވެރި ހަބަރަކާއިގެންނެވެ. ކެންސަރު އައިސް ޒުހުދާ ހިސޯރުކޮށްލީ އެވެ.

ކުއްލިއަކަށް ލިބުނު ހަބަރަކުން އާއިލާއަށް ލިބުނީ ޝޮކެވެ. ގިނަ ޑޮކްޓަރުންނަށް ދައްކައި ޓެސްޓު ހެދުމުން ބުނީ އެ ފާރުކޮޅަކީ އަނގަޔަށް ޖެހިފައިވާ ކަންސަރުގެ އަލާމާތެއް ކަމަށެވެ. އެއާއެކު، 11 މެންބަރުން އެ އާއިލާ ދުއްވައިގަތީ، އެ ބައްޔަށް ޝިފާއެއް ހޯދައިދޭށެވެ. އިންޑިއާގައި އަށް މަސް ވަންދެން ހޯދި ފަރުވާއާ އެކު ޒުހުދާ ރާއްޖެއަށް އައީ ބަލި މުޅިން ރަނގަޅުވީ ކަމުގެ އުފާވެރި އިހުސާސްއާ އެކު އެވެ. ނަމަވެސް އެއް ފަހަރު ދިފާއީ ނިޒާމާ ކުޅެލުމަށްފަހު، ދެވަނަ ފަހަރަށްވެސް ދިފާއީ ނިޒާމަށް ގަދަޔަށް ހަމަލާދޭން ފަސްޖެހުމެއް ނެތް ކެންސަރު ވައިރަހާ އަނެއްކާވެސް ޒުހުދާއަށް ޖެހުނީ ދުވަސްކޮޅެއް ނުވެ ކުރިމަތިލާށެވެ.

"އަށް މަސް ދުވަސް ވަންދެން އެކޮޅުގަ މަޑުކޮށްގެން ހަމަ އެއްކޮށް ފަރުވާކޮށްގެން އައީ، އޮޕަރޭޝަން ވެސް ކޮށް، ރޭޑިއޭޝަނާއި ކީމޯ ވެސް ދީގެން ހަމަ އެއްކޮށް ރަނގަޅުވެގެން އައީ، އަށް މަސްދުވަހުގެ ތެރޭގައި މަންމަޔަށް 35 ރޭޑިއޭޝަން ދީ، 40 ކީމޯ ދީގެން. އައިއްސަ ވެސް ގަވާއިދުން ހަމަހުން ހަމަހުން ޗެކްއަޕް ހައްދަމުން ދިޔައީ، އެކަމަކު އެއް ފަހަރު ނުދެވުނު އާއިލާގެ ހާލަތު ހުރި ގޮތުން،" އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިހާރުވެސް އެޑްމިޓްކޮށްފައިވާ ޒުހުދާގެ ދެވަނަ ފިރިހެން ދަރިފުޅު ޝަފްރާޒް، މަންމަގެ ކެންސަރު ބަލީގެ ދިގު ދަތުރު އަވަސް އާ ހިއްސާކުރި އެވެ.

ބަލި ރަނގަޅުވެގެން ރަށަށް އައިތާ ދެ އަހަރެއް ނުވަނީސް އަނެއްކާވެސް ކޮލާ ދިމާލުން އަނގަތެރޭގައި ފާރުކޮޅެއް އިންނަ ކަމުގެ ޝަކުވާ ޒުހުދާ ކުރަން ފެށި އެވެ. އިންޑިއާގެ ޑޮކްޓަރުންނާ ހަމަޔަށް ވެސް އެ ޝަކުވާ ގެންދިޔަ ކަމަށް ޝަފްރާޒް ބުންޏެވެ. ނަމަވެސް ދައްކާ ކޮންމެ ފަހަރަކު އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނެ ފާރުކޮޅު ހިންދަން ބޭސްދީ ފޮނުވާލަނީ އެވެ. ދަރިފުޅު ޝަފްރާޒު ބުނާ ގޮތުން ދެވަނަ ފަހަރަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ވަރަށް ބޮޑުވަރުވެފައި ހުއްޓަ އެވެ.

"ފާރުގަނޑު ބޮޑުވާން ހެދީމަ، މަންމަ ގޮވައިގެން ބޭބެ ދިޔައީ، އެ ފަހަރު ރަނގަޅަށް ޓެސްޓު ހެދުމަށްފަހު އިންޑިއާއިން ބުނީ ކެންސަރު ޖެހި ވަރަށް ބޮޑުވަރު ވެފައިވާ ކަމަށް. އެހެންވެ އެމީހުން މަންމަ ފޮނުވާލީ ކީމޯ ބޭސް ދީފަ، އެއީ ކުރިން އެހާ ގިނަ ރޭޑިއޭޝަން ތެރަޕީއާ ކީމޯ ދިނުމުން މަންމަ ހުރީ ވަރަށް ބޮޑަށް ހިކި، ހަށިގަނޑު ބަލިވެފަ. އެހެންވެ ބުނީ ރޭޑިއޭޝަން ދެވޭކަށް ނެތޭ، އެކަމަކު އެ ބޭހުން ވީކަމެއް ނެތް، ފާރުގަނޑު ބޮޑުވަމުން ގޮސް ކޯ ފޫދުއްވާލާ ކޮލުގައި ބާގަޑެއް ގޮތަށް ބޮޑުވާން ފެށީ،" ޝަފްރާޒް ކިޔައިދިނެވެ. "ފާރު ގަނޑު ބޮޑުވާތީ މާލެއަށް ކުރި ދަތުރެއްގައި ހުޅުމާލެ ހޮސްޕިޓަލުން ލަފާ ދިނީ ފާރުގަނޑު ރަނގަޅުކުރެވޭނެ ގޮތެއް އޮތް ކަމަށް،އޭގެ ފަހުން ކެންސަރަށް ފަރުވާ ކުރުމަށް"

ހުޅުމާލެ ހޮސްޕިޓަލުން ދިން ލަފައާ އެއްގޮތަށް ކޮލުގައި ހުރި ފާރުގަނޑު ރަނގަޅުކުރުމަށް ކޮލަށް މަސް ލެއްވުމަށް މޭ މަތިންނާއި ފައިގެ ފަލަމަސްގަނޑުން މަސް ނަގައިގެން ކުރި 10 ގަޑި އިރުގެ އޮޕަރޭޝަނާއެކު ޒުހުދާއަށް އަލުން އާ އުންމީދުތަކެއް ލިބުނެވެ. ކޮލުގައި ހެދުނު ފާރުގަނޑުގެ ސަބަބުން ކާއެއްޗެއް ނުކެވި، ވާހަކަ ނުދެކެވި ވޭނުގައި ލައްކަ ދުވަހު އުޅުނު ޒުހުދާއަށް އަލުން އާ ސިއްހަތެއް ލިބިދާނެ ކަމަށް އާއިލާއަށް ވެސް ހީކުރެވުނެވެ. ނަމަވެސް ދެން ވެސް ތަގުދީރު އެކަމަށް ތަނެއް ނުދިނެވެ.

މިދިޔަ ރޯދަމަހު ހުޅުމާލެ ހޮސްޕިޓަލުގައި ކުރި އެ އޮޕަރޭޝަނަށްފަހު ޒުހުދާ ރަށަށް ފޮނުވާލިތާ ހަފުތާއެއް ނުވަނީސް ކޮލުގައި އިންފެކްޝަން އުފެދިގެން މާލެ ގެނައީއެވެ. އެ ގެނައި ގޮތަށް އަދިވެސް އޮތީ އައިޖީއެމްއެޗްގަ އެވެ. މޫނުގެ ކަނާތް ފަޅީގެ ބޮޑު ބަޔަކަށް ކެންސަރު ސެލް ފެތުރި، އިންފެކްޝަންގެ ސަބަބުން މޫނު މުޅިން ދުޅަވެފައިވާ ޒުހުދާ ފެނުމުން ހިތުގައި ރިހޭނެ އެވެ. ކިތަންމެ ބަލި ހާލެއްގައި އޮތަސް ޒުހުދާއަށް ފަރުވާ ހޯދޭނެ ކަމުގެ އުންމީދު އަދިވެސް އެބަ އޮތެވެ. އެކަމަށް ކުރަންޖެހެނީ ބޮޑު އަދި އެހާމެ އަގު ބޮޑު އޮޕަރޭޝަނެކެވެ.

ޒުހުދާގެ ކަރުން ނޭވާ ހޮޅި ކައިރީގައި ޓިއުމަރެއް އިން ކަމަށް ޓެސްޓުތަކުން ދައްކާތީ ދެން އޮތީ އެ ޓިއުމަރު ނެގުމާއި ކުރަންޖެހޭ އިތުރު ފަރުވާ ކުރުމަށް ކުރަންޖެހޭ ބޮޑު ހޭދައެވެ. މިހާތަނަށް ވެސް އާއިލާއިން ބޮޑު ހަރަދުތަކެއް ކުރަމުން ދިއުމާއެކު، އޮޕަރޭޝަނަށް އާސަންދައިން އެހީ ލިބުނަސް ބޭނުންވާ އެހެނިހެން ހަރަދުތަކަށް ހެޔޮ އެދޭ ފަރާތްތަކުގެ އެހީއަށް ޒުހުދާގެ އާއިލާއިން މި އަންނަނީ އެދެމުންނެވެ.

"މަންމަ އެކަނި ނުބާއްވަން އަޅުގަނޑު ވެސް މިހާރު ވަޒީފާއަށް ނުގޮސް މި ހުންނަނީ. ހުރީ ހަމައެކަނި ބޭބެ. ބޭބެއަށް ލިބޭ އެއްޗަކުން ނުވާނެތީ އެހީއަށް އެދުނީ. މިހާރުވެސް މި އުޅެވެނީ ބައްޕަގެ ވެސް ރަނގަޅު ކަމުން،" ވަރިވެގެން ތިއްބަސް ދަރިންގެ ހައްގުގައި އެކުދިންގެ މަންމަޔަށް އެހީތެރިވާ ބައްޕައަށް ޝަފްރާޒާއި އާއިލާ ޝުކުރު ވެރިވެ އެވެ.

ކޮންމެ ހެޔޮކަމަކީ އެ ހެޔޮކަމާއެކު އެތައް ހާސް ހެޔޮކަމެއްގެ މަގު ހުޅުވިގެންދާނެ ކަމެކެވެ. ހަތަރު ކުދިންގެ މަންމައަކަށް މިއަދު މިވަނީ ދީލަތި ފަރާތްތަކެއްގެ އެހީ އިންތިހާ އަށް ބޭނުންވެފައެވެ. ހިތްދަތިކަމާއި ވޭނުގައި ޒުހުދާގެ ހަޔާތް ވޭތު ކުރާތާ އެތައް އަހަރެކެވެ. އެކަމަކު އަދިވެސް އުންމީދެއް ކަނޑައެއް ނުލަ އެވެ.
-----

އެހީއެއް ދެއްވުމަށް:

  • ބީއެމްއެލް އެކައުންޓް ނަމްބަރު: 101-332002-7717
  • ނަން: ޒުހުދާ އަބްދުލް ގާދިރު
  • ގުޅޭނެ ނަމްބަރު: 7517747