ފިނިޕޭޖް

4426ގެ ޓީޒާއަށް ބޮޑު ތަރުހީބެއް، އެއްލައްކަ ވިއުސް!

Jul 22, 2016
6

އެންމެ ހަފުތާއެއްގެ ތެރޭގައި "4426" ގެ ޓީޒާއަށް އެއް ލައްކަ ވިއުސް ލިބި، ރެކޯޑެއް ހަދައިފި އެވެ. މިއީ ދިވެހި ފިލްމެއްގެ ޓީޒާއަށް ހަފުތާއެއްގެ ތެރޭގައި އެއް ލައްކަ ވިއުސް ލިބުނު ފުރަތަމަ ޓީޒާ އެވެ. މިދިޔަ ހުކުރު ދުވަހު އާންމުކުރި މި ޓީޒާ 125،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލައިފަ އެވެ.

ފާތިމަތު ނަހުލާގެ ސްކްރިޕްޓަކަށް އޭނާ އަދި އަހުމަދު ޝިނާން ޑައިރެކްޓްކުރާ މި ފިލްމްގެ ފުރަތަަމަ ޓީޒާއިން ވެސް ފިލްމަށްކުރާ އިންތިޒާރު ބޮޑުކޮށްލި އެވެ. އަދި އެ ޓީޒާއިން ފިލްމަކީ މޮޅު ފިލްމަކަށްވެގެންދާނެ ކަމަށް ބެލެވެ އެވެ. ކުރު ޓީޒާއިން ވެސް ފިލްމް ބިރުވެރިވާނެ ކަމުގެ އިހުސާސްކުރެވެ އެވެ.

މި ޓީޒާ ގިނަ ބަޔަކަށް ކަމު ގޮސްފައިވާކަން ފިލްމްގެ ފޭސްބުކް ޕޭޖަށް ލިބިފައިވާ ކޮމެންޓްތަކުން ވެސް އެނގެ އެވެ. އަދި ފިލްމްގެ އިންތިޒާރުގައި ތިބި ކަމާއި މިއީ ބަލަން ޖެހޭ ފިލްމެއް ކަމަށް ބުނެ މި ޓީޒާ އެތައް ބަޔަކު ފޭސްބުކްގައި ޝެއާ ވެސް ކޮށްފައިވެ އެވެ.

ޓީޒާއިން އެންމެ ބޮޑަށް ފާހަގަވި އަދި ބެލުންތެރިންނަށް ވެސް އެންމެ ކަމުދިޔަ މަންޒަރަކީ، އައްޒަ ކުއްލިއަކަށް އަލީ ފާރޫގްގެ ދެ އިނގިލި ކާލާ މަންޒަރެވެ. އެ މަންޒަރަކީ ފިލްމުގެ ބިރުވެރިކަން އިހުސާސްކުރެވޭނެ މަންޒަރަކަށް ވެ އެވެ. ފިލްމު އަދި ޓީޒާ ފުރިހަމަވެފައިވަނީ އިކުރާމްގެ ބެކް މިއުޒިކް އަދި ޖުމެއިހްގެ މޭކަޕްކުރުމުގެ ހުނަރާއިވެސް އެކުގަ އެވެ.

މިކަހަލަ އެތައް މަންޒަރެއް ފިލްމުގައި ފެނިގެންދާއިރު މިހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ މާޝަލް އާޓްސްގެ ތަމްރީނުތަކާއިވެސް އެކީގަ އެވެ. މަހެއްހާ ދުވަހަށް މި ތަމްރީނުތައްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ފިލްމުގައި ހަރަކާތްތެރިވާ ތަރިންނަށް ބަލާއިރު ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ތަރިންވެސް އެބަތިއްބެވެ. އެގޮތުން ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބު، އަދި ފައިސަލް ވެސް ހިމެނެ އެވެ. އަދި އަރަމުން އަންނަ ތިން ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި ޖުމެއިހް އަދި ޖުމައްޔިލް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.