ހަބަރު

ހުޅުމާލޭގައި މިއަހަރު 700 ހައުސިން ޔުނިޓް ތަރައްގީކޮށް ނިންމަނީ

Jul 22, 2016
2

ހުޅުމާލޭގައި ސޯޝަލް ހައުސިންގެ ދަށުން އިމާރާތް ކުރަމުން އަންނަ 700 ހައުސިން ޔުނިޓް މި އަހަރުގެ ފަހުކޮޅު ނިންމައި އަންނަ އަހަރުގެ ކުރީކޮޅު އެ ފްލެޓްތައް އެކި ފަރާތްތަކާ ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް ލަފާކުރެއްވިއްޖެ އެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފޭސްގެ ދަށުން ހަދަން ފަށާފައިވާ ފްލެޓްތަކެކެވެ.

ހުޅުމާލެ ތަރައްގީ ކުރަމުން އަންނަ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ބުނީ، ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން، ސީއެމްއީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ 700 ހައުސިން ޔުނިޓްގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެތަންތަނުގެ ފެންވައިރު ކުރުމާއި ކަރަންޓް ވައިރު ކުރުމުގެ މަސައްކަތް ވެސް މިދިޔަ މަހު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފްލެޓްތަކުގެ އިންޓީރިއާ މަސައްކަތް ނިންމާލެވޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ. އެއާ އެކު އެ ފްލެޓްތަކުގައި މީހުން ދިރިއުޅެވޭ ވަރަށް ތައްޔާރުވީ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، 700 ފްލެޓް ދޫކުރާނީ ސޯޝަލް ހައުސިންގެ ދަށުން ކަމަށެވެ. އަދި އެ ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓަށް ފޯމް ލާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކަށް ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ފްލެޓްތައް ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި ހުޅުމާލޭގައި އިތުރު 15،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަނީ 7،120 ހައުސިން ޔުނިޓެވެ. އަދި މެދު ފަންތީގެ ހައުސިން ޔުނިޓްގެ ގޮތުގައި 3،000 ހައުސިން ޔުނިޓް އިމާރާތްކުރާނެ އެވެ.