- ލޯނުގެ 40 ޕަސެންޓް ސަރުކާރުން ދޭ
- ލޯނު ދައްކަން 15 އަހަރު ލިބޭ
- ލޯނު ދެނީ ނުވަ ޕަސެންޓް އިންޓްރެސްޓުގައި
ބޮޑު ހާދިސާއެއް ހިނގުމުން ލިބޭ މާލީ ގެއްލުމުގެ ވޭން ބޮޑެވެ. ޒަމާނުއްސުރެއް ފެށިގެން ދިރިއުޅުން އާރާސްތު ކުރުމަށް ކުރި މަސައްކަތް ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައި ކާރިސާތަކުގައި ވީރާނާ ވެގެންދެ އެވެ. މި ފަދަ ވަގުތެއްގައި މާލީ ގޮތުން ލިބޭ ގެއްލުމުން އަރައިގަތުމަށް ގޮތްތަކެއް ބޭނުންވެ އެވެ. ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އާއި ޑިޒާސްޓާ މެނޭޖުމަންޓުން މިދެނީ އެ ފަދަ ގޮތެކެވެ. އެއީ "ބީއެމްއެލް ޑިޒާސްޓާ ރިލީފް" ގެ ނަމުގައި މިއަދު ތައާރަފުކުރި ލޯނުންނެވެ.
"ގުދުރަތީ ކާރިސާތަކާއި މީހުންގެ ފަރާތުން ވެސް އާއްމުންނަށް ލިބޭ މާލީ ގެއްލުންތައް ބޮޑު. އެހެންވެ ބީއެމްއެލް އާއި ގުޅިގެން މި ތައާރަފުކުރަނީ އެ ފަދަ ފަރާތްތަކަށް ގެއްލުމުން އަރައިގަނެވޭނެ ގޮތެއް. މިއީ ރައީސް ޔާމީންގެ އިސްނެގުމެއްގެ ދަށުން ޑިޒާސްޓާ މެނޭޖުމަންޓާއި ބީއެމްއެލް ގުޅިގެން ތައާރަފު ކުރާ " ބޭންކް އޮފް މޯލްޑިވްސް ގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި އެވެ.
ޑިޒާސްޓާ ރިލީފް ލޯނު ކުރުކޮށް
- ބޭންކުން ދޫކުރަނީ ފަސް ލައްކަ ރުފިޔާ
- ސަރުކާރުން 40 ޕަސެންޓަށް ފައިސާ ދޭ
- ލޯނުގެ 60 ޕަސެންޓް ބޭންކުން ދޭނެ
- ލޯނުގެ އިންޓެސްޓް ރޭޓަކީ ނުވަ ޕަސެންޓް
- ލޯނު ދައްކަން 15 އަހަރު ލިބޭ
- ލޯނު ދައްކަން ފަށަން އެއް އަހަރު ލިބޭ
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މި ލޯނު ދޫކުރުމުގައި ބަލާނީ ގެއްލުންވި ފަރާތްތަކަށް ސަރުކާރުން ފައިސާ ދިނުމަށް ކަމަށެވެ.
"މި ލޯނު ހޯދުމަށް ވަރަށް ފަސޭހަ ގޮތެއް މި އޮންނަނީ. އެއީ ލޯނު ލިބުނު ކަމަށް ނޫނީ ލިބުނު ގެއްލުމުގެ މައްޗަށް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު ނޫނީ ސަރުކާރުން ދޭ އެހީތެރިކަމެއް ލިބިފައި އޮތްނަމަ އެއީ ލޯނު ލިބޭކަން ކަށަވަރު ވެގެން ދާނެ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ މި ލޯނު ތައާރަފު ކުރުމުގެ މަސައްކަތް ފެށީ ކޯސްޓް ލައިން ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ކަމަށެވެ.
"އެ ފަރާތްތަކާއެކުގައި ވަރަށް ގާތުން މަސައްކަތް ކުރަމުން ދިޔައިން. އެ މަސައްކަތް ކުރަމުން ދިޔައިރު އެނގުނީ ގެއްލުން ލިބޭ ފަރާތްތަކަށް ހާއްސަ ގޮތެއްގައި މާލެ އާއި ރާއްޖޭގެ އެހެން ހިސާބުތަކުގައި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަނދައިގެން ދިޔައީމަ ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ތަކަށް އެހީތެރިކަމެއް ބޭނުންވާނެ ކަމަށް،" އާދަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކާރިސާއެއް ހިނގައިގެން ގެއްލުން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ސަރުކާރުގެ ނިޒާމުގެ ތެރޭގައި އިވެލުއޭޓް ކޮށްފައި ތިބި ކޮންމެ ފަރާތަކަށް ވެސް މި ލޯނު ލިބޭނެ ކަމަށެވެ.
ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު ހިންގުވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމް ވިދާޅުވީ މި ލޯނު ލިބޭނީ ގުދުރަތީ ގޮތުން ލިބޭ ގެއްލުންތަކަށް ނޫން ކަމަށެވެ. އަދި މި ލޯނަކީ ހަމައެކަނި އާއްމުނަށް ލިބޭ ގެއްލުން ފޫބެއްދުމަށް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގުދުރަތީ ގޮތުންނާއި މީހުންގެ އަމަލު ތަކުން ގެއްލުން ލިބޭ ފަރާތްތަކަށްވެސް ލިބޭނެ. މީގެ މައިގަނޑު ކްރައިޓީރިއާއަކީ ދިވެހި ސަރުކާރުން އެހީ ކާރިސާއެއް ކަމަށް ދެނެގަނެ، ސަރުކާރުން ލިބެން ޖެހޭ އެހީތެރިކަން ލިބޭ ފަރާތަކަށްވުން،" ތަސްނީމް ވިދާޅުވި އެވެ.
ލޯނު ލިބޭނެ ބައެއް ދާއިރާތައް
- ފެން ބޮޑު ވެގެން ގެއްލުންވުން
- އަލިފާނުގެ ހާދިސާތައް
- ވައިގަދަ ވެގެން މުދަލަށް ލިބޭ ހާދިސާތައް
ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް ބޭންކިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ލޯނަށް ބޭންކުން ދޫކުރާ ފަސް ލައްކަ ރުފިޔާ އާއި ސަރުކާރުންދޭ 40 ޕަސެންޓް ހިމެނުމުން މުޅި ޕްރޮޖެކްޓުގެ ޖުމްލަ އަގު 850000ރ. އަށް އަރާނެ ކަމަށެވެ.
"މި ލޯނަކީ ކާރިސާ އަކުން އަރައިގަތުމަށް ލިބޭ އެހީއެއް. ބައެއް ފަހަރު މުޅި ލޮސް ރިކަވާކުރާ ސްކީމަކަށް ނުވެދާނެ. އެކަމަކު އެ ބޭފުޅުންނަށް ލިބޭނެ ރިލީފެއް،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ލޯނު ދޭނެ ފަރާތެއް ކަނޑައަޅާނީ ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ކަމަށެވެ.
"ސަރުކާރުން އެސެސް ކުރުމުން މި ލޯނު ދޫކުރާނީ،" ޝަރީފު ވިދާޅުވި އެވެ.
ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީވުމަށް ލޯނެއް ތައާރަފު ކުރިއިރު، ދާދި ފަހުން ގާތްގާތުގައި ބޮޑެތި ހާދިސާތަކެއް ހިންގާފައިވެ އެވެ. މީގެ ތެރެއިން ކޯސްޓްލައިން ހާޑްވެއާގެ ހާދިސާގައި ގިނަ އަދަދެއްގެ މީހުންގެ ގެދޮރު އަނދައިގެން ދިޔަ އެވެ.