- އަމުރު ނެރުނީ ޑިމޮކްރަސީ ނެޓްވޯކުން ލީ މައްސަލައިގައި
- އެދިފައި ވަނީ ގަވާއިދުގެ ބައެއް މާއްދާ ބާތިލްކުރަން
- އަމުރު ނެރުނީ މައްސަލަ ނިމެންދެން
މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށް، ހައިކޯޓުން ދާދިދެންމެއަކު އަމުރެއް ނެރެފި އެވެ. މިގޮތަށް ހައިކޯޓުން އަމުރުކޮށްފައިވަނީ މަރުގެ އަދަބު ދިނުން ފަސްކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އެ ގައިވައިދުގެ މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ އިޖްރައާތު ބަޔާންކުރާ މާއްދާތަކެއް ބާތިލުކޮށްދިނުމަށެވެ.
މައްސަލާގައި ވަނީ، މަރުގެ އަދަބު ތަންފީޒުކުރުމުގެ ގަވައިދުފެ އަށް ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ ހިލާފް މާއްދާތަކެއް ކަމަށް ބުނެ އެ މާއްދާތައް ބާތިލުކޮށްދިނުމަށް އެދިފަ އެވެ.
ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ޑިމޮކްރެސީ ނެޓްވޯކުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަަލަ ނިމެންދެން ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގު ކުރުމުގަ އާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވައިދުގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.
މި އަމަރު ނެރެފައިވަނީ ޑިމޮކްރެސީ ނެޓްވޯކުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަށާއި ދެ ފަރާތުން ދެެއްކި ވާހަކަތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ބަލައި، ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ހައިކޯޓުން މިއަދު މި އަމުރު ނެރެފައިވާއިރު ސުޕްރީމް ކޯޓުން ވަނީ ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު މެރުމަށް ހުކުމްކޮށްފައެވެ. އަދި މިއަދު އެކޯޓުން ވަނީ 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތު ވެސް މަރަން ހުކުމްކޮށްފައެވެ. އަދި މި ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ މަރުހަލާތައް މިހާރު ދަނީ ފުރިހަމަކުރަމުންނެވެ.