ވިޔަފާރި

އުރީދޫ އެމް- ފައިސާ: ވޮލެޓުގެ ބޭނުން ކެނޑުނީ

Jul 24, 2016
4
  • ހިދުމަތް ދެނީ 300 އެޖެންޓުން މެދުވެރިކޮށް
  • ހިދުމަތް 180 ރަށުން ލިބޭނެ
  • ފޯނުން ވައުޗަލް އެކައުންޓަކުން ފައިސާގެ މުއާމަލާތް ކުރެވޭނެ

ވޮލެޓަށް ފައިސާ ލައިގެން އުޅުން މިއީ "ނުރައްކަލެވެ." އަދި ވޮލެޓެއް ޖީބުގައި އޮތުމަކީ ބައެއް ފަހަރު ދަތިވެސްވާ ކަމެކެވެ. މި ކަމަށް އެހެން ގޮތެއް ބޭނުންވާ މީހުންނަށް އުރީދޫން މިވަނީ މުޅިން އާ ހިދުމަތެއް ތައާރަފު ކޮށްފަ އެވެ. އެއީ އުރީދޫ މޮބައިލް މަނީ، އެމް-ފައިސާ އެވެ. މި ހިދުމަތާއެކު ޖީބުގައި އޮންނަ ވޮލެޓުގެ ބޭނުން ވަނީ ކެނޑިފަ އެވެ.

އުރީދޫއިން ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވީ އެ ކުންފުނިން ތައާރަފުކުރި އެމް- ފައިސާގެ ސަބަބުން ފައިސާގެ މުއާމަލާތް ކުރުމަށް ފަސޭހަ ވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި ހިދުމަތް ތައާރަފު ވެގެން މިދަނީ ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޒީމާ އާދަމްއާއި މަރުކަޒީ ބޭންކުގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށް ވިދާޅުވި އެވެ.

"މި ހިދުމަތް ފަށާއިރު މި ދެނީ ހަމައެކަނި ވެރިރަށް މާލެއަކަށް އެކަންޏެއް ނޫން. މުޅިރާއްޖެއަށްވެސް މި ހިދުމަތް ލިބޭނެ. މި ހިދުމަތުގެ ސަބަބުން ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިވެހި ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ،" ވިކްރަމް ވިދާޅުވި އެވެ.

ވިކްރަމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންސިސް ފިޝަރީޒްގެ އެމްޑީއާ ވާހަކަ ދައްކާފައިވާ ކަމަށާއި، އެ ކުންފުނިން އެކަނި ރާއްޖޭގެ މަސްވެރިންނަށް ކޮންމެ ދުވަހަކު ދެ މިލިއަނެއްހާ ރުފިޔާގެ މުއާމަލާތް ކުރާ ކަމަށެވެ.

"މި ހިދުމަތް ދެނީ ޕާޓްނަރުން މެދުވެރިކޮށް، ހިދުމަތް ދިނުމުގައި އެންމެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ބައިވެރިވަނީ އެސްޓީއޯ. އެ ކުންފުނީގެ ބޭސް ފިހާރަތައް ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަހުރި،" ވިކްރަމް ވިދާޅުވި އެވެ.

އެމް- ފައިސާއަކީ ކޮބާ؟

އުރީދޫ މޮބައިލް މަނީގެ ހިދުމަތް ކަމަށްވާ އެމް-ފައިސާއަކީ ފޯނު މެދުވެރިކޮށް ވައުޗަލް އެކައުންޓަކުން ފައިސާގެ މުއާމަލާތް ކޮންމެ މީހަކަށްވެސް ކުރެވޭ ހިދުމަތެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫން އައްޔަންކޮށްފައިވާ އެކްސްޕީރިއަންސް ސެންޓަރުތަކާއި އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެމް-ފައިސާ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ނެގުމުގެ ފަސޭހަ ލިބިގެންދާނެ އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ބަލާޖީ ޝިރިވަސަން ވިދާޅުވީ އެމް-ފައިސާ ޕްލެޓް ފޯމަކީ އެންމެ ޔަގީންކަން ބޮޑު ޕްލެޓް ފޯމް ކަމަށެވެ.

"ހިދުމަތް ހޯދާ ކޮންމެ ފަހަރަކު ކަސްޓަމަރުގެ ސްޓޭޓްމަންޓް ވަގުތުން ބަލައިލެވޭނެ،" ބަލާޖީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމް-ފައިސާ ހިދުމަތް ހޯދުމަށް ސްމާޓް ފޯނެއް ބޭނުންނުވާ ކަމަށާއި، އާއްމު ފޯނުތަކުންވެސް ހިދުމަތް ހޯދޭނެ ކަމަށެވެ.

އުރީދޫން މި ހިދުމަތް ދެނީ 300 އެޖެންޓުން މެދުވެރިކޮށެވެ. އަދި މި ހިދުމަތް 180 ރަށުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެމް- ފައިސާ ހިދުމަތް ދޭ ޕާޓްނަރުން

  • ސްޓެލްކޯ
  • އެސްޓީއޯ
  • އާރްއޯއެލް
  • މީޑިޔާނެޓް
  • ފުޑްހަބް
  • ޝްވެކް ސިނަމާ

އުރީދޫން ވަނީ މި ހިދުމަތް ފެށުމާ ދިމާކޮށް، ހާއްސަ އިންޓްރޮޑަކްޝަން އޮފާއެއް ތައާރަފުކޮށްފަ އެވެ. މި އޮފާގެ ސަބަބުން އެމްފައިސާއިން ރީޗާޖު ކުރުމުން 25 ޕަސެންޓް ބޯނަސް ލިބެ އެވެ. އަދި ޕޯސްޓް ޕެއިޑް ބިލް ދެއްކުމުން ކުރިއަށް އޮތް މަހުގެ ބިލުން ފަސް ޕަސެންޓް ޑިސްކައުން ލިބެ އެވެ.

މި ހިދުމަތް ތައާރަފު ކުރުމާ ދިމާކޮށް އުރީދޫން ވަނީ ހިދުމަތް އިޝްތިހާރު ކުރުމަށް ބޭނުންކުރާ ޓީވީ އިޝްތިހާރާއި މެސްކޮޓްވެސް ދައްކާލާފަ އެވެ. އަދި ހިދުމަތް ބޭނުންކުރާ ގޮތުގެ ލައިވް ޑެމޮސްޓްރޭޝަނެއްވެސް ދައްކާލާފަ އެވެ.