ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީގެ އިސް ލީޑަރަކު މެރުމަށް ބަންގްލަދޭޝްގައި ހުންނަ ހަނގުރާމައިގެ ކުށްތައް ބަލާ ޓްރައިބިއުނަލުން އަނެއްކާވެސް ހުކުމްކޮށްފި އެވެ.
ޕާކިސްތާނު އަތުން މިނިވަންވުމަށް 1971 ވަނަ އަހަރު ބަންގްލަދޭޝުން ކުރި ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު އަމަލު ހިންގި ކަމަށް ބުނެ މަރަން މިއަދު ހުކުމްކުރީ އެ ގައުމުގެ ޖަމާއަތޭ އިސްލާމީ ޕާޓީގެ އިސް ލީޑަރެއް ކަމަށް ވާ އަބްދުސް ސުބްހަންގެ މައްޗަށެވެ. އުމުރުން 79 އަހަރުގެ ސުބްހަންގެ މައްޗަށް މަރުގެ ހުކުމް އައީ އެ ހަނގުރާމާގައި ބަންގްލަދޭޝްގެ އުތުރު އަވަށެއްގެ 400 މީހަކު މަރާލުމުގެ ކުށުގަ އެވެ.
އެ ހަނގުރާމައިގެ ކުށްތައް ބެލުމަށް 2010 ގައި އުފެއްދި އެ ޓްރައިބިއުނަލުން މީގެ ކުރިން ވެސް ވަނީ އެ ޕާޓީގެ ލީޑަރާއި އެހެން ބައެއް އިސްވެރިންނަށް ވެސް މަރުގެ ހުކުމް އިއްވައިފަ އެވެ. މިއަދު މަރަން ހުކުމްކުރި ސުބްހަނާ އެކު މަރުގެ ހުކުމް އައިސްފައިވާ އެ ޕާޓީގެ ލީޑަރުން އަދަދު ނުވައަކަށް ވަނީ އިތުރުވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މަރުގެ އަދަބު މިހާރު ވަނީ ތަންފީޒުކޮށްފަ އެވެ.
އެ ޓްރައިބިއުނަލުން ކުރާ ހުކުމްތަކާ މެދު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. ނަމަވެސް ބަންގްލަދޭޝްގެ ސަރުކާރުން ދަނީ އެ ޓްރައިބިއުނަލްގެ ނިންމުންތަކަށް މަރުހަބާ ކިޔަމުންނެވެ.