މަރުގެ ހުކުމް

ނަބީލް މަރަން ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި

އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލް މެރުމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއީދުކޮށް، އެ ހުކުމް ދަމަހަައްޓައިފި އެވެ

ފަރުހާދުގެ ގަޔަށް ކަޓަރެއް އެއްލާ، އޭނާ މަރާލި ކަމަށް ކްރިމިނަލް ކޯޓުން ނިންމިއިރު ތަހުގީގީ މަރުހަލާގައި ބަންދުގެ މުއްދަތު މަޖިލީހެއްގައި ނަބީލް ވަނީ މާރާމާރީ ހިނގި ކަމަށް އިއުތިރާފުވެފަ އެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ނަބީލް ބުނީ، އޭނާ ފަރުހާދު މަރާނުލާ ކަމަށާއި އެހެން ނަމަވެސް އެ މާރާމާރީގައި ބައިވެރިވި ކަމަށެވެ.

މި މާރާމާރީ ހިންގާފައިވަނީ ނަބީލްގެ އަންހެން ކޮއްކޮ ނިއުމާއާ ފަރުހާދު، ބެހުމުގެ ސަބަބުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ނިއުމާ ވެސް މި މައްސަލާގައި ހެކިބަސް ދީފައިވާއިރު، ނިއުމާ ޝަރީއަތުގެ މަޖީލީހުގައި ބުނެފައި ވަނީ، ނަބީލް ކަޓަރެއް ގެންގުޅު މަންޒަރު ނުފެންނަ ކަމަށެވެ. ނަމަވެސް އޭނާ ދިން ތަހުގީގު ބަޔާނުގައި ނިއުމާ ބުނެފައިވަނީ، ފަރުހާދާ ދިމާލަށް ނަބީލު ކަޓަރު އެލަން އުޅުމުން އޭނާ އެވަގުތު ނަބީލުގެ ގައިގައި ހިފެހެއްޓި ކަމަށެވެ. ޝަރީއަތުން ބަލާފައިވަނީ ނިއުމާގެ ބަޔާނަށެވެ.

ނަބީލް މަރަން ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއިދުކޮށް ނަބީލް މަރަން ހުކުމްކޮށްފައިވާއިރު، ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ނަބީލްގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކޮށްފައިވާ ހުކުމެއް ކަމަށެވެ.

ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށާއި މައްސަލާގައި އެކަށީގެންވާ ހެއްކާއި ގަރީނާތައް ވެސް ލިބިފައިވާ ކަމަށެވެ. އަދި އެ ހެކިތަކަށް ބަލައި ނަބީލްގެ މައްޗަށް ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވާ ކަމަށެވެ.

އެ ދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތް ނަބީލް އާއި ނިއުމާ ވެސް ވަނީ ތަހުގީގު ބަޔާނުގައި ކިޔައިދީފަ އެވެ. އެގޮތުން ނަބީލް ބުނެފައިވަނީ ފަރުހާދަކީ އޭނާގެ ކޮއްކޮ ނިއުމާއާ ބެހޭ މީހެއް ކަމަށާއި އެއް ދުވަހެއްގައި ނިއުމާގެ ގަޔަށް ފަރުހާދު އަތްލައިގެން އެ ޝަކުވާ އޭނާ ގާތު ނިއުމާ ކުރި ކަމަށެވެ. އެހެންކަމުން ފަރުހާދާ ބައްދަލުކޮށް، ޕާކެއް ތެރެއަށް އޭނާ ވައްދައި ސުވާލުކުރުމުން ނިއުމާއާ ނުބެހޭ ކަމަށް ފަރުހާދު ބުނި ކަމަށެވެ. ފަރުހާދު އެހެން ބުނުމުން އެތަނަށް ނިއުމާ ގެނެސްވެސް ސުވާލުކުރި ކަމަށް ނަބީލް ބުންޏެވެ. ދެން ސުވާލުކުރުމުން ފަރުހާދު ދުވައިގަތީ ކަމަށާއި އޭނާ ދުއްވައިގަތުމުން ނަބީލްގެ ޖީބުގައި އޮތް ކަޓަރެއް ނަގައި އެއްލާލި ކަމަށެވެ. އަދި އެ ކަޓަރު ގޮސް ފަރުހާދުގެ ބުރަކައްޓަށް ހެރުނެވެ.

ކުރިމިނަލް ކޯޓުގައި ހެކި ބަސް ދެމުން ފަރުހާދަށް ފަރުވާދިން ޑޮކްޓަރު ބުނެފައިވަނީ ފަރުހާދު މަރުވީ ކަޓަރު ތިލަ ހެރުމުގެ ސަބަބުން ލިބުނު އަނިޔާގެ ސަބަބުން ކަމަށެވެ. ފަރުހާދުގެ ގައިގާ ތޫނު އެއްޗަކުން ލިބިފައިހުރީ އެންމެ ޒަހަމެއް ކަމަށް ވެސް ޑޮކްޓަރު ވަނީ ބުނެފަ އެވެ. އޭނާ ބުނެފައިވަނީ، ކަޓަރު ތިލަ ހެރުމުގެ ސަބަބުން ފަރުހާދުގެ ފުއްޕާމޭއަށް ގެއްލުން ލިބުނު ކަމަށާއި ފުއްޕާމޭއަށް ލޭ ފޮނުވައިދޭ ހޮޅިތައް ވެސް ބުރިވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އޭނާއަށް ނޭވާލުމަށް އުނދަގޫވި ކަމަށެވެ.

ނަބީލަކީ ކުރީގައި އެމްއެންޑީއެފްގެ އެސްޕީޖީގައި ވަޒީފާއަދާކޮށްފައިވާ މީހެކެވެ. ފަރުހަދު މަރާލިކަމުގެ ތުހުމަތުގައި ނަބީލް ހައްޔަރުކުރިއިރު އޭނާ މަސައްކަތްކުރަމުން ދިޔައީ ބެންކް އޮފް މޯލްޑިވްސްގެ މުވައްޒަފެއްގެ ގޮތުގަ އެވެ. ނަބީލަކީ ތައުލީމީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައިވާ މީހެކެވެ.