ދުނިޔެ އެނބުރޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ސައޫދީ އަރަބިއްޔާގެ އިލްމުވެރިޔަކު ވިދާޅުވުމުން އެކަން މި އުޅެނީ ވަރަށް ބޮޑު ކަމަކަށް ވެގެންނެވެ. ނުކުރާކަށް މަލާމާތެއް ނެތެވެ. އެންމެ މަޖާ ކަމަކީ ދުނިޔެ އިރު ވަށައިގެން އެނބުރެނީ ކަމެއް ނުވަތަ ދުނިޔެ ވަށައިގެން އިރު އެނބުރެނީ ކަމެއް ވެސް ގިނަ މީހުންގެ ބުއްދި އަށް ގަބޫލުކުރެވޭ ފަދަ މިންވަރަކަށް ސައިންސުން ތިލަކޮށްދެވިފައި ނުވާ ކަމެވެ. އެހެން ބުނަން ޖެހެނީ އެންމެ ތަހުޒީބު، ތަންދޮރު ދަންނަ މީހުން ތިބި ކަމަށް ބުނާ އެމެރިކާގައި ވެސް ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަށް މިކަމުގެ ހަގީގަތް ނޭނގޭ ކަމެވެ. މި ބުނާ 25 ޕަސެންޓް މީހުން ގަބޫލުުކުރަނީ ދުނިޔެ ނޭނބުރޭ ކަމަށެވެ. މިކަން އެނގިފައި ވަނީ ނެޝަނަލް ސައިންސް ފައުންޑޭޝަނުން 2004 ވަނަ އަހަރު ކުރި ދިރާސާއަކުންނެވެ.
ސައޫދީ އިލްމުވެރިއެއް ކަމަށް ބުނާ ޝައިޚް ބަންދަރް އަލް ޚައިބާރީ ދުނިޔޭގެ ދައުރުވުމާ މެދު ވާހަކަ ދައްކަވާ ވީޑިއޯ އާންމުވެފައި ވާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އޭނާ އުފައްދާ ސުވާލަށް، އޭނާ އަށް ފާޑުކިޔާ ގިނަ މީހުންނަށް ޖަވާބު ނުދެވޭ ކަމެވެ. ޚައިރާބީ ވިދާޅުވަނީ ދުނިޔެ އަކީ އެނބުރޭ ތަނެއް ނަމަ ގައުމަކަށް ދާން ދަތުރުކުރަން ނުޖެހޭނެ ކަމަށާއި މަތީގައި އޮތުމުން ދުނިޔެ އެނބުރެމުން ގޮސް އެ ގައުމަކާ ހަމައަށް ދެވޭނެ ކަމަށެވެ. އޭނާ އެ ވިދާޅުވަނީ އެނބުރޭ ބޮޑު ބޯޅައެއް ފަދަ އެއްޗެއްގެ މަތީގައި މީހަކު ހުރެފައި މައްޗަށް ފުންމާލައިފި ނަމަ މިހާ ގޮސް ތިރިވާނީ ފުންމާލި އިރު ހުރި ދިމާ ނޫން އެހެން ދިމާލަކަށް ކަމަށެވެ. އެހެންނެއް ނުވާނެ ހެއްޔެވެ؟
ސައިންސް ބުނާ ގޮތުން ދުނިޔެ އެނބުރެމުން ގޮސް 24 ގަޑިއިރު ތެރޭ އެއް ބުރު ހަމަކުރެ އެވެ. އެއަށް މި ކިޔަނީ އެއް ދުވަސް ކަމަށެވެ. މާނަ އަކީ ގަޑިއަކު 1000 މޭލު ނުވަަތަ 1600 ކިލޯމީޓަރު ބާރުމިނުގައި ދުނިޔެ އެނބުރުމެވެ. ސުވާލަކީ މިހާ ބާރަށް އެނބުރޭއިރު އަހަރެމެންނަށް އެކަން އިހްސާސް ނުވަނީ ކީއްވެތޯ އެވެ. ބިންމަތީގައި ހުރެފައި ފުންމާލިޔަސް ގޮސް ޖެހެނީ ހަމަ ހުރި ތަނަށެވެ. ދުނިޔެ އެހާ ބާރަށް އެނބުރޭ ނަމަ، މީހަކު ސިކުންތެއްހާ އިރަށް ބިމުގައި ނުޖެހި ހުއްޓަސް ގޮސް ޖެހެންވާނީ އެތައް ސަތޭކަ މީޓަރެއް ދުރަށް ނޫން ހެއްޔެވެ؟ މި ސުވާލުތަކަށް ސައިންސްގެ އެންމެ ސާދާ ޖަވާބަކީ ދުނިޔެ އެނބުރޭއިރު ދުނިޔޭގައިވާ ހުރިހާ އެއްޗެއް ވެސް ހަމަ އެއް ބާރުމިނެއްގައި އެނބުރެމުން ދިއުމެވެ. ކަނޑުތަކާއި ޖައްވާއި ހުރިހާ އެއްޗެއް ވެސް އެއް ވަރަކަށް އެނބުރެމުން ދާތީ އެނބުރޭކަން އިހްސާސް ނުވަނީ އެވެ.
ދުނިޔެ އެނބުރޭ ކަމަށް، ސައިންސްގެ އިލްމު ނެތް އެތައް ބަޔަކު ގަބޫލު ނުކުރާއިރު އިލްމުވެރި މީހުން ވެސް ހަމަ މިގޮތަށް ބުނެ އެވެ. މި މައުލޫގައި އިންޓަނެޓް ސާޗްކޮށްލުމުން މި ބަހުސްގައި ހުރި ފޯރި އެނގެ އެވެ. މިއީ ސައޫދީ އިލްމުވެރިޔަކަށް އެކަނި ހާއްސަވާ ކަމެއް ނޫނެވެ. އެކަމަކު ދުނިޔެ އެނބުރޭ ކަމަށް ސައިންސުން މީގެ އެތައް އަހަރެއް ކުރިން ބުނެދީފައިވާ ބުނެދިނުން އިސްލާމީ އިލްމުވެރިން ކީރިތި ގުރުއާނުން ސާބިތުކޮށްދެއްވަ އެވެ. ދުނިޔޭގެ ނަން މަޝްހޫރު އިލްމުވެރިން މިކަމުގައި ގުރުއާނުން ދަލީލު ދައްކަވާއިރު އެ އިލްމުވެރިން ދަލީލުތައް ނެރުއްވާ ގޮތާ މެދު ސުވާލު އުފައްދަވާ އިލްމުވެރިން ވެސް އެބަ ތިއްބެވެ. މިއީ ޝައުގުން ފުރިގެންވާ އިލްމީ ބަހުސެކެވެ.