ދުނިޔެ

ކައިވެނިކުރަން އުޅެނިކޮށް ފިރިހެން މީހާ އަނބުރައިގަތުުމުން ޕާޓީ ތެރެއިން މީހަކާ ކައިވެނިކޮށްފި

ކައިވެނީގެ ރަސްމިއްޔާތަށް އެންމެން ހާޒިރުވެފައި ވަނިކޮށް، ކައިވެނިކުރާ ފިރިހެން މީހާ އަނބުރައިގަނެ ބަލިވުމުން އައި ރުޅީގައި އަންހެން މީހާ އެ ކައިވެނީގެ ހަފުލާގައި ހުރި އެހެން ފިރިހެނަކާ ކައިވެނިކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ކައިވެނިކުރަން އުޅުނު ފިރިހެން މީހާ އަކީ އިހްތިޔާރަކައި ނުލައި އެކި ހަރަކާތްތައް ކުރެވި އަދި ބައެއް ފަހަރު އަނބުރައިގަން ބައްޔެއް ކަމަށްވާ އެޕިލެޕްޓިކް ހުންނަ މީހެކެވެ. ނަމަވެސް އެކަން އޮތީ ކައިވެނިކުރާ އަންހެން މީހާ އާއި އޭނާގެ އާއިލާ އަށް ވެސް ސިއްރުކޮށްފައި ކަމަށްވެ އެވެ.

ޖުގަލް ކިޝޯރް ނަމަކަށް ކިޔާ މި މީހާ އަނބުރައިގަނެ ހޮސްޕިޓަލަށް ގެންދިއުމުން، އިންދިރާ ނަމަކަށް ކިޔާ އަންހެން މީހާ ބޭނުންވާ އެހެން މީހަކާ ނަމަވެސް ކައިވެނިކުރާށެވެ. އިންދިރާގެ ހޮވުމަކަށްވީ ކައިވެނި ހަފުލާ އަށް ގޮސްހުރި، އޭނާގެ ޅިޔަނެއްގެ އާއިލާގެ މީހެކެވެ. ކައިވެންޏަށް އެދުމުން އެ މީހާ އެއްބަސްވެ ކައިވެނިކުރީ އެވެ.

ކިޝޯރް ހޮސްޕިޓަލުން ދޫކޮށްލުމާ އެކު އިންދިރާގެ ވިސްނުން ބަދަލު ކުރުމަށް އެދި އާދޭސްކުރި ކަމަށްވެ އެވެ. ނަމަވެސް އިންދިރާ އޭނާގެ ވިސްނުން ބަދަލެއް ނުކުރި އެވެ. ފުލުހުން ބުނީ ކިޝޯރްގެ އާއިލާ އިން ފުލުހުންނަށް ވެސް މައްސަލަ ހުށަހެޅި ކަމަށާއި އެކަމަކު އިންދިރާ އޭނާގެ އަމިއްލަ އިހްތިޔާރުގައި އެހެން މީހަކާ އިނުމުން "ދެން ކުރެވޭނެ ކަމެއް ނެތް" ކަމަށެވެ. -- ބީބީސީ