ހަބަރު

މަޖިލިސް ރައީސްގެ ގޮވާލުން: ގައުމީ ސަލާމާ އެއްގޮތަށް އަމަލު ކުރައްވާ

މިނިވަންކަމުގެ އުފާ ފާޅުކުރަމުންދާއިރު، ގައުމީ ސަލާމުގައި ދޭ އަގުހުރި ނަސޭހަތުގައި ހިފައި ގައުމީ ޖޯޝުގައި އެކުވެރިކަމާއެކު ކުރިއަށްދާ ބަޔަކަށް ވުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެ އެވެ.

މިނިވަންދުވަހުގެ ތަހުނިޔާ ދެންނެވުމަށް ފަހު މަސީހް ވިދާޅުވީ، ގައުމަށް މިއަދު ލިބިފައި ވަނީ ކާބަފައިންގެ ބުރަ އަދި އިހުލާސްތެރި މަސައްކަތުން ހޯދައި ދަމަހައްޓާފައިވާ މިނިވަންކަމެއް ކަމަށާއި އެ މިނިވަންކަމަށް އހުތިރާމްކޮށް ހެޔޮގޮތުގައި އެކަން ދެމެހެއްޓުމަކީ ޒިންމާއެއް ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް ގައުމީ ޖޯޝާއެކު އެކުވެރި ބައެއްގެ ގޮތުގައި، ގައުމަށް ހެޔޮގޮތް މެދުވެރިވުމަށް އެދި ދުއާ ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

"އައުދާނަކަން ލިބިގެންވާ ދިވެހި ދިދައަށް ބޯލަނބާ ވާހަކައާ، ދިވެހި ދިދައަށް ސަލާމްކުރާ ވާހަކައާ، މިފަދަ މުހިއްމު ވާހަކަތަކަކުން ގަތާލެވިފައިވާ މި ގައުމީ ސަލާމުގައި އަޅުގަނޑުމެން މި ކަނޑައަޅަނީ އެކަންކަން ކުރުންމަތީ ދެމި ތިބުމަށެވެ،" މަސީހު ވިދާޅުވި އެވެ.

އެހެންކަމުން ގައުމީ ސަލާމުގެ ރޫހާ އެއްގޮތަށް އުޅުމަށް އަޒުމް ކަނޑައެޅުމަށް މަސީހު ވަނީ ނަސޭހަތްތެރިވެވަޑައިގަންނަވާފަ އެވެ.