ދުނިޔެ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކަލަ ގޮވައިފި

މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މެރުމަށް އިންޑޮނީޝިއާގައި ހުކުމް އައިސްފައިވާ އޮސްޓްރޭލިއާ ދެ މީހުން ސަލާމަތް ކުުރުމުގެ މަސައްކަތުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓޯނީ އެބޮޓް އެންމެފަހުން ކަލަ ވެސް ގޮވައިފި އެވެ.

އެބޮޓް ވިދާޅުވީ އޮސްޓްރޭލިއާ ދެ މީހަކު މަރަން އުޅޭއިރު 2004 ވަނަ އަހަރު ސުނާމީގައި އިންޑޮނީޝިއާ އަށް ލިބުނު ގެއްލުމާ ގުޅިގެން އޮސްޓްރޭލިއާ އިން ދިން އެހީއާ މެދު އިންޑިނީޝިއާ އިން ވިސްނާލަން ޖެހޭނެ ކަމަށެވެ. އެބޮޓް ވިދާޅުވީ އެއް ބިލިއަން އޮސްޓްރޭލިއާ ޑޮލަރު (0.79 ބިލިއަން އެމެރިކާ ޑޮލަރު) ގެ އެހީ އޮސްޓްރޭލިއާ އިން އިންޑޮނީޝިއާ އަށް ދީފައި ވާނެ ކަމަށެވެ.

"އޮސްޓްރޭލިއާ ސަރުކާރާއި ރައްޔިތުންނަށް ބުނެލަން ބޭނުންވަނީ އޮސްޓްރޭލިއާ އަބަދުވެސް އެހީވުމަށް ތައްޔާރަށް އޮންނާނަމޭ. އަދި ކުރަން އުޅޭ ކަންތަކުގައި ވިސްނުން ބަދަލުކުރާނެ ކަމަށް އުންމީދު ކުރަމޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެބޮޓް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮސްޓްރޭލިއާގެ މި އާދޭހަށް އަޅާނުލައިފި ނަމަ އެކަމުގައި އޮސްޓްރޭލިއާ އަޅާ ފިޔަވަޅުތަކުގެ އިހްސާސް އިންޑޮނީޝިއާ އަށް ކުރާނެ ކަމަށެވެ.

"ބާލީ ނައިން" ނަމަކަށް ކިޔާ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖަމާއަތަކަށް ނިސްބަތްވާ ދެ މީހުން މަރަން ހުކުމް ކުރުމާ އެކު އެ ދެ މީހުން ސަލާމަތް ކުރަން އޮސްޓްރޭލިއާ އިން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިންޑޮނީޝިއާ އިން ބުނަނީ އެ ދެ މީހުން މަރާލާނެ ކަމަށެވެ.

އިންޑޮނީޝިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެބޮޓްގެ ވާހަކަ އަކީ އޮސްޓްރޭލިއާ މީހުންގެ "ހަގީގަތް" ކަމަށް ނުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެގޮތަށް ބިރު ދެއްކުމަކީ ޑިޕްލޮމެޓިކް ހަމައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. --ބީބީސީ