ދުނިޔެ

އެމެރިކާ އިން ހަނގުރާމަކުރަނީ އިސްލާމް ދީން ހަލާކުކުރަން އުޅޭ މީހުންނާ: އޮބާމާ

އެމެރިކާ އިން ހަނގުރާމަ ކުރަނީ އިސްލާމް ދީނާ ދެކޮޅަށް ނޫން ކަމަށާއި އިސްލާމް ދީން ހަލާކުކޮށް އެ ދީނުގެ އުސޫލުތައް ނުރަނގަޅު ގޮތްތަކަށް ބަދަލުކުރަން އުޅޭ މީހުންނާ ދެކޮޅަށް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ފްރާންސާއި ޑެންމާކުގައި ދިން ހަމަލާތަކާ ގުޅިގެން، 60 ގައުމެއްގެ މަންދޫބުންނާ އެކު ބާއްވާ ތިން ދުވަހުގެ އިވެންޓެއްގައި އޮބާމާ ވިދާޅުވީ މީހުުންގެ ވިސްނުން ހަރުކަށި ކުރުވާ ކޮންމެ ފިކުރަކާ ދެކޮޅަށް ދުނިޔެ ތެދުވާން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމިކް ސްޓޭޓާއި އައިއެސް ފަދަ ޖަމާއަތްތައް ހިންގަން ތިބީ ދީނީ ލީޑަރުން ނޫން ކަމަށާއި އެއީ ޓެރަރިސްޓުން ކަމަށެވެ.

އަލްގާއިދާ އާއި އައިއެސް ފަދަ ޖަމާއަތްތައް އިސްލާމް ދީނާ ގުޅުވައިގެން ވާހަކަ ދެއްކުމަކީ އެ ޖަމާއަތްތަކުން ފަތުރަން ބޭނުންވާ ޕްރޮޕަގެންޑާ ފަތުރައިދިނުން ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވީ ފްރާންސާއި ޑެންމާކުގައި ދިން ހަމަލާތަކާ ގުޅިގެން އޮބާމާ ދެއްކެވި ވާހަކަތަކުގައި އެއީ އިސްލާމް ދީނުގެ ނަމުގައި ދިން ހަމަލާތަކެއްގެ ގޮތުގައި އޮބާމާ ސިފަ ނުކުރެއްވުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

އިސްލާމް ދީނުގެ ނަމުގައި ހަނގުރާމަކުރާ ޖަމާއަތްތަކާ ބެހޭ ގޮތުން ތަފާތު ގޮތަަކަށް އޮބާމާ ވާހަކަ ދެެއްކެވި އިރު އޭނާ މިހާރު ވަނީ އިރާގާއި ސީރިޔާގައި ބާރުގަދަކޮށްގެން އުޅޭ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކޮންގްރެސްގެ ހުއްދަ އަށް ވެސް އެދިވަަޑައިގެންފަ އެވެ. މިކަމަށް އިޝާރާތް ކުރައްވަމުން އޮބާމާ ވިދާޅުވީ ހަރުކަށި އަމަލުތައް، އަސްކަރީ ބާރުން އެކަނި ނުހުއްޓުވޭނެ ކަމަށެވެ.

"އެފަދަ ޖަމާއަތްތަކަކީ އެންމެ ފުރަތަަމަ ވެސް އެ ޖަމާއަތްތައް ނިސްބަތްވާ މުޖުތަމައުތަކަށް އޮތް ނުރައްކަލެއް،" ޓެރަރިސްޓު ހަރަކާތްތަކާ ދެކޮޅަށް ކޮންމެ މުޖުތަމައެއްގައި ވެސް މަސައްކަތްކުރުމާ ބެހޭ ގޮތުން އޮބާމާ ވިދާޅުވި އެވެ.

ތަފާތު ރާގެެއްގައި ކުރިއަށް ގެންދެވި ތަގުރީރުގައި އޮބާމާ ވިދާޅުވީ ކޮންމެ މުސްލިމަކީ ހައްދުފަހަނަޅައި ގޮސް، ހަރުކަށި އަމަލުތައް ހިންގާ ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދޭ މީހެއް ނޫން ކަމަށެވެ. އެހެންވެ ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރެވޭ ކަމުގެ ވިސްނުމެއް ރަނގަޅު މުސްލިމުންގެ ބޮލަށް ވަންނަ ނަމަ އެއީ ހަރުކަށި ވިސްނުމުގެ މީހުން އިތުރުވާނެ ސަބަބެެއް ކަމަށް ރައީސް އޮބާމާ ވަނީ ވިދާޅުވެފަ އެވެ. --ބީބީސީ