ރިޕޯޓް

މިނިވަން ފުޅަނދުން ވެސް ޑިޒްނީގެ ހިޔާލީ ފޮލައާއި ސްޓާވޯޒް

Jul 28, 2016
15
  • ފުޅަނދުތަކުން ދިވެހިންގެ ސަގާފަތެއް ނެފުނުނު
  • އެތައް ބައެއްގެ ފާޑުކިޔުމާއި ރުޅިވެރިކަން
  • ދިވެހިންގެ ވާހަކަތައް މާ ޝައުގުވެރިވީސް

"އަޅެ މި ކާޓޫނާއި ސްޓާ ވޯޒް އާއި މިނިވަންކަމާ އަޅެ ފަހެ ހުރީ ކޮން ގުޅުމެއްތަ؟" ރޭގެ ފުޅަނދު ބުރު ކުރިއަށް ދިޔަ ވަގުތު ގާތް ރަހުމަތްތެރިއަކު އޭނާގެ އިހުސާސްތައް ޓްވިޓާގައި ބަންޑުންކޮށްލި އެވެ. "ދިވެހިންނަށް މިނިވަންކަން ހޯދައި ދިނީ، ޑިޒްނީ ކާޓޫންގައި މި އުޅޭ ހިޔާލީ ކެރެކްޓާތައްތަ؟ ނޫނީ ސްޓާވާޒްގެ ސްޓޯމް ޓްރޫޕާޒްތަ؟"

މިނިވަން ކަމަށް 51 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ފުޅަނދު ބުރުގައި ހަތަރު ކުންފުންޏަކުން ދައްކާލި 14 ފުޅަނދުގައި މުޅިން ވެސް ހުރީ ކުޑަކުދިން އެންމެ ގިނައިން ބަލާ ކާޓޫނުތަކުގެ ކެރެކްޓާޒް ތަކާއި މަޝްހޫރުކަން ހޯދާފައިވާ ސްޓާ ވާޒްގެ ކެރެކްޓާޒްތަކެކެވެ. ފެންނަ ފެނުމަށް ހީވީ، މި އުޅެވެނީ ހޮލީވޫޑްގެ ކާނިވަލެއްގައިހެންނެވެ. ނޫނީ ޑިޒްނީ ލޭންޑްގެ ތީމް ޕާކެއްގައި ހެންނެވެ.

މިއޮށް ފަދަ ދިވެހި ވަންތަ ދުވަހު، ބޭރުގެ ކުލަތަކަކުން ޖަރީވެފައިވާ ފުޅަނދުތަކުން އެތައް ބަޔަކަށް ގެނުވި މާޔޫސްކަން އިންތިހާއަށް ބޮޑެވެ. އެންމެންގެ މައްސަލައަށް ވީ ވެސް އަދި ޝަކުވާއަކަށް ވީ ވެސް ދިވެހި ވަންތަ ގައުމިއްޔަތުގެ ޖޯޝުން ފުރިގެންވާ މިނިވަން ދުވަހުގެ، މި ހަރަކާތުން ގައުމިއްޔަތުގެ އެއްވެސް ކުލައެއް އަދި ވައްޓާފާޅިއެއްގެ ކަންފުޅެއް ވެސް ނުފެނުނީމަ އެވެ. ބަޔަކު އެ ފުޅަނދުތައް އެންޖޯއި ނުކުރާ ވާހަކައެއް ނޫނެވެ. އެ ފުޅަނދުތައް ކަމު ދިޔަ ބަޔަކު ވެސް ތިއްބެވެ. އެކަމަކު އެއް ބައެއްގެ ނަޒަރުގައި މިއީ ވަރަށް ނުގުޅޭ އަދި އެހާމެ ފީކަޅާ ކަމެކެވެ. މައްސަލައަކީ ދިވެހި ވަންތަ ގޮތްތަކެއް ނުފެނުނީނަމަ އެވެ.

މައްސަލައަކަށްވީ، 14 ފުޅަނދުގެ ތެރޭގައި އެއް ގޮތަކަށް ވެސް ދިވެހި ސަގާފަތް އަދި މިނިވަން ދުވަހާ ގުޅުވައިގެން ބުނެދެވޭނެ ވާހަކައެއް ނެތީމަ އެވެ. ތުއްތު ކުދިންނަށް ދިވެހިންގެ އެތައް ވާހަކައެއް ބުނެދޭން ލިބުނު ފުރުސަތު ނަގާލީ އެވެ. ތުއްދު ކުދިންނަށް މިފަހަރު ބުނެދޭން އޮތީ ކާޓޫންތަކުން އެ މީހުންނަށް އާންމުކޮށް ވެސް ފެންނަ ވާހަކަތަކެވެ. މިފަދަ ގައުމީ މުހިންމު ދުވަހެއްގައި، ދިވެހިވަންތަ ފުޅަނދުތަކެއް ދެއްކޭނެ ގޮތެއް ހަމަ ނެތީ ހެއްޔެވެ؟ ނޫނީ މިކަން މި ގޮތަށް ކޮށްފައި މި ވަނީ އެހެން ތަފާތު ވިސްނުމެއްގައި ހެއްޔެވެ؟

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަހުމަދު އަޝްރަފުގެ ވިސްނުމުގައި، މިކަހަލަ މިނިވަން ދުވަހަކު ދިވެހިންގެ ސަގާފަތަށް އިސްކަން ދޭން ޖެހެ އެވެ. ފުޅަނދުތަކުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ކާޓޫން ކެރެކްޓާޒް ހިމެނި ނަމަވެސް ކޮންމެވެސް ދިވެހި ވަންތައް ފުޅަނދުތައް ފެންނަން ޖެހޭނެ ކަމަށް އޭނާދެކެ އެވެ. އަދި އިސްކަން ދީފައި ހުންނަން ޖެހޭނީ ވެސް އެފަދަ ފުޅަނދުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާގެ ވިސްނުމުގައި ދިވެހިންގެ ސަގާފަތުގެ ތެރެއިން އެތައް ވާހަކައެއް ފުޅަނދުބުރުން ދައްކާ ދެވިދާނެ އެވެ. ދިވެހިންގެ ސަގާފަތުގެ ތެރެއިން ދިވެހި ވަންތަކަށް ފެންނަ ކިތަންމެ ވާހަކަތަކެއް އެބަ ހުއްޓެވެ. ދިވެހިންގެ އެތައް އަބުތޯލުންގެ ގުރުބާނީގެ ޝައުގުވެރި ވާހަކަތައް ވެސް އެބަ ހުއްޓެވެ. ދިވެހިންގެ ސަގާފަތުގެ ތެރެއިން ނިކުމެގެން އައިސްފައި ހުރި ފޯކްލޯ ވާހަކަތައް ވެސް އެބަ ހުއްޓެވެ. އެކަމަކު މައްސަލައަކީ މިއިން އެއްވެސް ކަމެއް ނުފެނުނީމަ އެވެ.

"ބޮޑު ހަރަދު ކޮށްގެން ހެދި ފުޅަނދު ބުރުގައި ދިވެހިންނާއި ތާރީހާއި ސަގާފަތާ އިސްލާމް ދީނާއި އިގްތިސާދާ އޮތީ އަޅެ ކޮން ގުޅުމެއް. އެކަންކަން ފެންނަންވާނެ. އެހެން ނޫނީ ބޭކާރު،" އެހެން މީހަކު ސުވާލު އުފެއްދި އެވެ.

ޑިޒްނީ ކާޓޫން ކެރެކްޓާތަކާއި ސްޓާ ވޯޒްގެ ހިޔާލީ ފޮލާތައް ދިވެހިންގެ މިނިވަންކަމާ ގުޅޭ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. މިއީ އަޅެ ހަމަ މިނިވަން ދުވަހުގެ ފުޅަނދު ބުރެއް ހެއްޔެވެ. ނޫނީ ދިވެހިންގެ ތެރޭގައި އަމިއްލަވަންތައް ފުޅަނދުތަކެއް ހަދައިގެން ދައްކާލެވޭ ވަރުގެ ވިސްނުމެއް ވެސް ނެތީ ހެއްޔެވެ؟ އެންމެ ބޮޑު ހިތާމަ އަކީ ދިރާގު ފުޅަނދުގައި ނޫނީ، ދިވެހި ދިދަ ވެސް އެންމެ ކުޑަމިނުން ފެންނަން ނެތުމެވެ. ފުޅަނދުތައް ތައްޔާރު ކުރި ބައެއް ކުންފުނިތަކުން ބުނީ، އެ މީހުން މިފަހަރު ބަލާފައި ވަނީ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެވޭނެ ކަހަލަ މަގުބޫލު ފުޅަނދުތަކެއް ހެދުމަށް ކަމަށެވެ. އަދި މިފަހަރުގެ ތީމް އޮތީ ވެސް ކުޑަކުދިންނަށް ހާއްސަ ކެރެކްޓާތަކަށް ބިނާކޮށްފައި ކަމަށް ވެސް އެ ކުންފުނިތަކުން ބުންޏެވެ.

މީގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. ފުޅަނދުގެ ބޭނުމަކީ މިނިވަން ކަމާ އެކު މަޖާކޮށްލުމަށް ފުރުސަތު ދިނުމެވެ. ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ މަގުސަދު ކިތަންމެ ރަނގަޅަކަށް ވެސް ހާސިލް ކުރެވިއްޖެ ކަމަށެވެ. ތެދެކެވެ! ރޭގެ ފުޅަނދުތައް ކުޑަކުދިން ކިތަންމެހާ ވެސް ރަނގަޅަކަށް ވެސް އެންޖޯއި ކުރި އެވެ. ސްޓާވޯޒްގެ ކެރެކްޓާތަކާއި ޑިޒްނީގެ އެންމެ ލޯބިވާ ކާޓޫން ކެރެކްޓާތައް އެކުގައި މަގުތަކުން ފެނުމުން ކުޑަކުދިންނަށް ހީވީ އީދެއް އައިސްގެން އުޅޭހެންނެވެ. މީގެ އިތުރަށް ދިވެހިންގެ ހުނަރުވެރިކަން އެ ފުޅަނދުތަކުން ވެސް ފެނިގެން ދިޔަ އެވެ. ހާއްސަކޮށް ކެރެކްޓާތައް ހުށަހަޅާދީފައިވާ ގޮތާއި ކޮސްޓިއުމް އަދި މޭކަޕަށް ދައްކާނެ މާކަ ބޮޑު ވާހަކައެއް ނެތެވެ. އެއީ ދިވެހިންގެ ތެރޭގައި ހުނަރުވެރިން ތިބި ކަމުގެ މިސާލެކެވެ.

ކޮންމެ ގޮތެއް ވިޔަސް، ރޭގެ ފުޅަނދުތަކުން ދިވެހި ވަންތަކުގެ އެއްވެސް ސިފައެއް ނުފެނުމަށް ދައްކާނެ ބަހަނާއެއް އޮތް ހެނެއް ހިއެއް ނުވެ އެވެ. ދިވެހި ވަންތަ ގައުމީ ދުވަހު ފެންނަން ވާނީ ހަމަ އެ ކުލަތަކެވެ. ދިވެހިންގެ ވާހަކަތަކެވެ. އެހެން ބައެއްގެ ކޮޕީއެއް ނޫނެވެ. ދިވެހިންގެ ވާހަކަތައް ވަރަށް ފުރިހަމަޔަށް ވަރަށް ރީއްޗަށް އެހާމެ، ޝައުގުވެރި ކުރުވާނެ ގޮތަކަށް ގެނެސްދެވޭނެ އެތައް އާޓިސްޓުންނެއް ދިވެހިންގެ ތެރޭގައި ތިބިކަން ޔަގީނެވެ. ގައުމީ ދުވަހެއްގައި ފެންނަން ޖެހެނީ ގައުމީ ކުލަތަކެވެ. އެއްގޮތަކަށް ވެސް ޑިޒްނީ އާއި ސްޓާވޯޒް ދައްކައިގެން ދިވެހިންގެ މިނިވަންކަމެއް އަދި އަމިއްލަ ވަންތަކަމެއް ބުނެއެއް ނުދެވޭނެ އެވެ. އެ ކުލަތައް ގެއްލުމުން ލިބޭނީ މާޔޫސްކަމެވެ. ރުޅިއެރުން ނޫން ކަމެއް ނުވާނެ އެވެ.