ލައިފްސްޓައިލް

ދިވެހިންގެ ޗުއްޓީ ދުރާލާ ރާވަން ޖެހޭ ސަބަބުތައް މި އޮތީ

Jul 31, 2016
2
  • ދުރާލާ ޗުއްޓީ ރޭވުމުން ހަރަދު ކުޑަކުރެވޭ
  • ދިވެހިންގެ ގިނަ މީހުން ދުރާލާ ޗުއްޓީއެއް ނުރާވާ
  • ބަޖެޓް އެއާލައިންތަކުގެ ފައިދާ ދިވެހިންނަކަށް ނުނެގޭ

ޗުއްޓީ އަށް ދާން ބޭނުން ވަނީ ކޮން ގައުމަކަށް ހެއްޔެވެ؟ މެލޭޝިޔާ އަށް ހެއްޔެވެ؟ ސިންގަޕޫރަށް ހެއްޔެވެ؟ ނޫނީ ސްރީލަންކާ އަށް ހެއްޔެވެ؟ ނުވަތަ އަތޮޅު ތެރޭގެ ރަށަކަށް ހެއްޔެވެ؟ ކުރިއަށް އޮތީ ބޮޑު އީދު ޗުއްޓީ އެވެ. ޗުއްޓީ ރާވައިފިން ހެއްޔެވެ؟ ދުރާލާ ރޭވުމުން އަގު ހެޔޮވެ އެވެ. އެކަން އެނގޭ ހެއްޔެވެ؟

"ދުރާލާ ޗުއްޓީ ރޭވުމަކީ ދިވެހިން އެއްގޮތަކަށް ވެސް ކުރާ ކަމެއް ނޫން. މީގެ ސަބަބުން ބޮޑެތި ހަރަދު ތަކެއް ކުރަން ޖެހޭ،" އެއާލައިން އިންޑަސްޓްރީގައި މަސައްކަތްކުރާތާ އަށް އަހަރުވެފައިވާ އިނަ މޯލްޑިވްސްގެ ޑިރެކްޓަރު އަހުމަދު އިޖާޒު (އިޖާ) ވިދާޅުވި އެވެ.

ދިވެހިންނަކީ ކިރިޔާ ބަންދެއް އަންނައިރަށް ޗުއްޓީ ހޭދަކުރަން ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ ކޮންމެވެސް ރަށަކަށްދާ ބައެކެވެ. އެކަމަކު ދިވެހިންނަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންހެން ދުރާލާ ޗުއްޓީ ރާވާ ބައެއް ނޫނެވެ. އެކަމަކު މިއީ ވަރަށް މުހިންމު ކަމެވެ. މި ގޮތަށް ދުރާލާ އިންތިޒާމު ތަކެއް ކުރުމުން ހަރަދު ކުޑަވެ، ގިނަ ދަތިތަކަކުން ސަލާމަތްވާނެ އެވެ. ތިރީގައި އެ ވަނީ ދަތުރުތައް ރާވާއިރު ވިސްނަން ޖެހޭ މުހިންމު ބައެއް ކަންތައްތަކެވެ.

ފުރަތަމަ މި ކަންތައް ބަލާ؟

- ޕާސްޕޯޓް އެކްސްޕަޔާ ތާރީހު ބަލާ: ދިވެހި ޕާސްޕޯޓުގައި ރާއްޖޭން ބޭރަށް ދަތުރުކުރާނަމަ އެންމެ މަދުވެގެން ތިން މަސް ދުވަސް ހުންނަން ޖެހެ އެވެ. އެހެންވެ ޕާސްޕޯޓުގައި ތިން މަސް ބާކީ އޮތްތޯ ބަލަން ޖެހެ އެވެ. ނޫނަމަ އެންމެ ފަހު ވަގުތު ޓިކެޓު ނަގަން ދާއިރު ޓިކެޓެއް ނުނެގޭނެ އެވެ.

ސްރީލަންކަން އެއާލައިންސްގެ، ލޯކަލް އެޖެންޓް އިނަމޯލްޑިވްސްގެ، އިސް މަގާމެއް ވެސް ފުރުއްވަމުން ގެންދަވާ އިޖާޒު ވިދާޅުވީ ދިވެހިން އާއްމު ގޮތެއްގައި ޓިކެޓު ނަގަން އަންނައިރު އެކްސްޕަޔާވާން ކައިރިވެފައި ހުންނަ ޕާސްޕޯޓް ގެންނަ ކަމަށެވެ.

"ވަރަށް ގިނައިން އާދެ ތިން މަސްވެފައި ހުންނަ ޕާސްޕޯޓް ހިފައިގެން. މިފަދަ ދަނޑިވަޅުތަކުގައި ޓިކެޓް އިޝޫކުރަން ދަތިވޭ،" ޓްރެވަލް އެކްސްޕާޓެއްގެ ގޮތުން ބްލޮގް ވެސް ލިއުއްވަމުން ގެންދަވާ، އިޖާޒު ވިދާޅުވި އެވެ.

- ޕާސްޕޯޓުގައި ގަނޑު ހުރިތޯ ބަލާ: ޕާސްޕޯޓު އަތުގައި އޮތް ނަމަވެސް އަދި ދަތުރެއް ނުރެވޭނެ އެވެ. އެހެންވެ މުހިންމު އަނެއް ކަމަކީ ޕާސްޕޯޓުގައި އެކަށީގެންވާ ވަރަށް ގަނޑު ހުރިތޯ ބެލުމެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ މުހިންމު ކަމެވެ. އެއީ މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ދަތުރުކުމުން މަހުރޫމުވާނެތީ އެވެ؟

- އާ މަންޒިލަށް ރޭގަނޑު ދަތުރު ނުކުރޭ: ރޭގަނޑުގެ ވަގުތެއްގައި އާ މަންޒިލަކަށް ދާން ގޮތަށް ދަތުރު ޕްލޭން ނުކުރާށެވެ. ހާއްސަކޮށް އެކަނި ދަތުރުކުރާނަމަ މިއީ ވިސްނަން ޖެހޭނެ މުހިންމު ކަމެވެ. އެއީ ދުވާލުގެ ވަގުތުތަކުގައި ތަންތަން ހޯދަން ފަސޭހަވާނެތީ އެވެ. އެހެންވެ ދަތުރު އިންތިޒާމު ކުރުމާއި ޕްލައިޓެއް ހިޔާރު ކުރުމުގައި މިކަމަށް ވިސްނަން ޖެހެ އެވެ.

ބަޖެޓް އެއާލައިންގެ ފައިދާ ދިވެހިންނަށް ނުނެގޭ

އާއްމުކޮށް ހުންނަ އެއާލައިންތަކަށް ވުރެ، ބަޖެޓް އެއާލައިންތަކުގެ ޓިކެޓުގެ އަގު އެތައް ގުނައެއް ހެޔޮވާނެ އެވެ. މި ނޫން އެއާލައިންތަކުން ވެސް ދުރާލާ ޓިކެޓު ނެގުމުން އަގު ހެޔޮވާނެ ފެއާތައް ވިއްކަ އެވެ. ނަމަވެސް ދިވެހިންގެ ދަތުރު ދުރާލާ ނުރާވާތީ، ބަޖެޓް އެއާލައިންގެ ފައިދާ ދިވެހިންނަކަށް ނުނެގެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ބަޖެޓް އެއާލައިން ކަމަށްވާ އެއާ އޭޝިޔާގެ ރާއްޖޭގެ އެޖެންޓް ކަމަށްވާ އޯލް އެޗް މޯލްޑިވްސްގެ އައްޑޯ ވިދާޅުވީ ދުރާލާ ޓިކެޓު ނެގުމުން 40 ޕަސެންޓް ވަރު ހެޔޮވާނެ ކަމަށާއި، ނަމަވެސް މިއަގު ލިބެނީ ދިވެހިންގެ މަދު ބަޔަކަށް ކަމަށެވެ.

"މިސާލަކަށް މެލޭޝިޔާ އަށް މިހާރު ޓިކެޓު ނެގުމުން ދެކޮޅަށް 500 ޑޮލަރު [ގާތްގަނޑަކަށް 7،710ރ.] އަށް ލިބެނީ. އެކަމަކު ޑިސެމްބަރު މަހަށް ޕްލޭންކޮށް ޓިކެޓު ނަގާނަމަ 300 ޑޮލަރު [4،626ރ.] ވަރަށް ލިބޭނެ. މިއީ ވަރަށް ބޮޑުތަން އަގު ހެޔޮވުމެއް،" އައްޑޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާލައިނުން ދުރާލާ ޓިކެޓު ނަގާނަމަ ދަތުރު ކުރަން ބޭނުންވާ ހުރިހާ މީހުން އެއްބަސްވެ ތާރީހު ފައިނަލް ކުރުން މުހިންމު ކަމަށެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ރާވަން ޖެހޭ ތަ؟

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަންވެސް ރާވަން ޖެހޭ ހެއްޔެވެ؟ މިއީ ބައެއް މީހުން ކޮއްފާނެ ސުވާލެވެ. ނަމަވެސް މިއީ ވަރަށް މުހިންމު ކަމެވެ. ރާއްޖޭގެ ގެސްޓް ހައުސްތަކާއި ރިސޯޓުތަކުން ވެސް "ދިވެހިންނަށް ހާއްސަ" ޗުއްޓީ ޕެކޭޖު ވިއްކަ އެވެ.

ދިވެހިންނާއި ބޭރު މީހުންނަށް ޕެކޭޖު ވިއްކާ މޫދު ހޮލިޑޭސްގެ އެސިސްޑެންޓް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މުހައްމަދު ރިޔާޒު ވިދާޅުވީ ރިސޯޓު ތަކުން އޮފް ސީޒަންގައި ޕެކޭޖު ވިއްކާއިރު މި ޕެކޭޖު އާއްމު ގޮތެއްގައި ލިބޭނީ ހަތަރު ވަރަކަަށް ދުވަސް ކުރިން ކަމަށެވެ.

"ދިވެހިންނަށް ތަންކޮޅެއް ކައިރިވީމަ ޕެކޭޖު ލިބޭނީ. ހަތަރު ވަރަކަށް ދުވަސް އޮއްވާ ޕެކޭޖު ލިބޭނެ. އެހެންވެ ތަންކޮޅެއް ކުރިން މަސައްކަތް ކޮށްލައިނިކޮށް ފަސޭހަ ވާނެ ހޯދަން،" ރިޒާ ވިދާޅުވި އެވެ.

ވެކޭޝަންސް އެކްސްޕޯއިން އެތައް މައުލޫމާތެއް!

ދަތުރުރާވައި އިންތިޒާމުކުރާ ގިނަ ބަޔަކާއެކު މި މަހު ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ" ބާއްވާނެ އެވެ. ނޭޝަނަލް އާޓްގެލަރީގައި އަންނަ މަހުގެ 4-6 އަށް ބާއްވާ މި ފެއާގައި ގެސްޓް ހައުސްތަކާއި މެލޭޝިޔާ އަދި ސިންގަޕޫރުގެ ޓޫރިޒަމް ބޯޑުން ވެސް ބައިވެރިވެ އެވެ. އެހެންވެ މި ފެއާއަކީ ކުރި އަށް އޮތް އީދު ޗުއްޓީ އަށް ދުރާލާ ދަތުރު ރޭވުމަށް މުހިންމު ކަމެކެވެ.

ކޮންމެއަކަސް ދުރާލާ ޗުއްޓީ ރާވަން ޖެހެ އެވެ. ދުރާލާ ޗުއްޓީ ރޭވުމުން އެތައް ފަސޭހައެއް ލިބެ އެވެ. އަގުވެސް ހެޔޮވެ އެވެ. އެހެންވެ މިކަމަކީ ދަތުރުދާން ތައްޔާރުވާ ދިވެހިން ވިސްނަން ޖެހޭ ކަމެކެވެ.