އުއްތަމަ ފަނޑިޔާރު

"އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމަކީ ޝަރުއީ އަދި ގާނޫނީ ޒިންމާއެއް"

އިންސާނީ ވަގުފާރީ ނޫނީ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ބޮލުގައި ވެސް އެޅިފައިވާ ޝަރުއީ އަދި ގާނޫނީ ޒިންމާއެއް ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ، ވަގުފާރިއާދެކޮޅަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ، ދުވަހުގެ މުނާސަބަތުގައި އުއްތަމަ ފަނޑިޔާރު ސައީދު އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމަކަށްވާ އިރު، އިންސާނީ ވަގުފާރީގެ އަމަލުތައް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ރާއްޖޭގައި ފުރުސަތު ބޮޑު މާހައުލެއް އެބަ އޮތް ކަމަށެވެ. މި އަމަލާ ދެކޮޅަށް ސުޕްރީމް ކޯޓުން އިސް ނަގައިގެން މިދަނީ ހާއްސަ ހަރަކާތްތަކެއް ހިންގަމުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، މިއަހަރުގެ މެއިމަހުގެ ތެރޭގައި "ކޮލޯކިއަމް ފޯ ޖުޑީޝަރީ އޮން ޓްރެފިކިން އިން ޕާސަންސް" ގެ ނަމުގައި އެފަދަ އަމަލުތައް ހުއްޓުވުމަށް މަޝްވަރާ ކުރުމަށް މަހާސިންތާއެއް ވަނީ ބާއްވައިފަ އެވެ.

މި އަހަރާއި، އަންނަ އަހަރުގެ ތެރޭގައި އިންސާނީ ވަގުފާރިއާގުޅޭ މުހިންމު ހަރަކާތްތަކެއް ކުރިއަށް ރޭވިފައިވާކަންވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މީގެއިތުރުން އިންސާނީ ވަގުފާރިއާދެކޮޅަށް ޝަރުއީދާއިރާއިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޝަރުއީދާއިރާއިން ފޯރުކޮށްދެވޭނެ އެންމެ މަތީ ހިމާޔަތް ފޯރުކޮށްދިނުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މީގެ އިތުރަށް، އިންސާނީ ވަގުފާރިއާގުޅޭ ޝަރުއީދާއިރާގެ އެކްޝަން ޕްލޭނެއް އެކުލަވައިލުމާއި، އިންސާނީ ވަގުފާރިއާގުޅޭ ޑޭޓާ އެއްކޮށް އެ މައުލޫމާތު ޝަރުއީ ދާއިރާގެ ތަފާސްހިސާބުގައި ހިމަނައި އާންމުކުރުމަކީ މިއަހަރުގެ ތެރޭގައި ކުރުމަށް ޝަރުއީދާއިރާއިން ރާވާފައިވާ ކަންތައްތައް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އިންސާނީ ވަގުފާރިއާގުޅޭ ޝަރުއީދާއިރާގެ ހާއްސަ ރިޕޯޓެއް ތައްޔާރުކޮށް އާންމުކުރުމާއި، އެކުވެރި ރަހުމަތްތެރި ގައުމުތަކުގެ ފަނޑިޔާރުން ހިމެނޭގޮތުން ބައްދަލުވުމެއް އިންތިޒާމުކޮށް، އިންސާނީ ވަގުފާރިއާ ދެކޮޅަށް މާލޭ ޑެކްލަރޭޝަންގެ ނަމުގައި ގާރާރެއް ނެރެ ސަރަހައްދީ ފެންވަރުގައި ހަރަކާތް ކުރިއަށް ގެންދިއުމަކީ ޝަރުއީދާއިރާއިން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ސާބިތުވެތިބި، ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުގައިވާއިރު، އަދި އިންސާނީ ކަރާމަތަކީ އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމަކަށް ވީހިނދު، މި ލާއިންސާނީ އަމަލާ ދެކޮޅަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ޝަރުއީ އަދި ގާނޫނީ ޒިންމާއެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ހިތޯބު ނިންމަވާލައްވަމުން ވިދާޅުވީ، އިންސާނީ ވަގުފާރިއާދެކޮޅަށް ކުރެވޭ މަސައްކަތުގައި އާ އަޒުމަކާއެކު ކުރިމަތިލާއިރު އަމާޒަކަށްވާންވީ، މި ލާއިންސާނީ އަމަލަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ސަމާލުވެ އެކަން މުޖުތަމައު އިން ނައްތާލުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި އަތުކުރި އޮޅާލައި މި ލާއިންސާނީ އަމަލާ ދެކޮޅަށް ތެދުވުމަށް އަޒުމު ކަނޑައެޅުން ކަމަށެވެ.