ވިޔަފާރި

ކުރީގެ ނޫޓުތައް މާދަމާއިން ފެށިގެން ބޭނުން ނުކުރެވޭނެ

Jul 31, 2016
1
  • ގިނަ އަދަދެއްގެ ބާ ނޫޓު އަދިވެސް ދައުރުވޭ
  • އެމްއެމްއޭއަށް ދިއުމުން ބަދަލު ކޮށްދޭ
  • ބޭންކްތަކުންވެސް ފައިސާ ބަލައިގަނޭ

އިގްތިސާދުގައި މިހާރު ދައުރުވަމުންދާ ފަސް ރުފިޔާ ފިޔަވާ ކުރީގެ ނޫޓްތައް މާދަމާއިން ފެށިގެން ވިޔަފާރީގެ ބޭނުންތަކުގައި ބޭނުން ނުކުރެވޭނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ އިންފޮމޭޝަން އޮފިޝަރު މަންސޫރު ޒުބައިރު ވިދާޅުވީ މިހާރު ބޭނުންކުރަމުން ގެންދާ ފަސް ރުފިޔާ ފިޔަވާ އެހެން ކުރީގެ ނޫޓުތައް މިރޭ 12:00 އިން ފެށިގެން ބޭނުން ކުރުން މަނާވާނެ ކަމަށެވެ.

މި ގޮތަށް ނިންމި ނަމަވެސް ފަސް ރުފިޔާގެ ބާ ނޫޓު ބޭނުން ކުރެވޭނެ އެވެ. މި ނިންމުމާ ގުޅިގެން ބޭނުން ނުކުރެވޭ ނޫޓުތަކަކީ ކުރީގެ 2ރ، އާއި 10ރ، 20ރ އަދި 50ރ އާއި 100ރ އަދި 500ރ. ގެ ކަރުދާސް ނޫޓުތަކެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިގްތިސާދުގައި ދައުރުވަމުންދާ ބާނޫޓުތަކުގެ ތެރެއިން 91.5 ޕަސެންޓް ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ ވަނީ ނެގިފަ އެވެ. އަދި މިހާރު ބާކީ އިގްތިސާދުގައި ދައުރުވަމުންދަނީ 247 ބިލިއަން ރުފިޔާ (8.5 ޕަސެންޓް) ގެ ފައިސާ އެވެ.

ބާ ނޫޓުތައް ބޭނުންކުރަން ދީފައިވާ މުއްދަތު ހަމަވުމަށް ފަހު ވެސް ކުރިއަށް އޮތް އެއް އަހަރަށް ބޭންކް ތަކުން އެ ފައިސާ ބަދަލުކޮށްދޭނެ އެވެ. އަދި ފަސް އަހަރާ ހަމަޔަށް އެމްއެމްއޭ އިން ވެސް އެ ފައިސާ ބަދަލުކޮށްދޭނެ އެވެ.