- ނޫސްވެރިންގެ ކަންބޮޑުވުން ބަލައިގަނެ ބަދަލުތައް ގެންނާނެ
- ބިލް ދިރާސާ ކުރަން 11 މެންބަރުގެ ކޮމެޓީއެއް ހުށަހެޅުއްވެވި
- އަބުރު ރައްކާތެރި ކުރުން ވެސް ކަށަވަރުވާން ޖެހޭ
އަބުރާ ގުޅުން ހުރި ބިލެއް ފާސް ކުރުމަކީ ރާއްޖޭގައި އެކަނި ކުރަން އުޅޭ ކަމެއް ނޫން ކަމަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ހިމެނޭ 19 ގައުމެއްގައި ވެސް އަބުރާ ބެހުމާ ގުޅޭ ގާނޫނުތަކުގެ ދަށުން އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގައި ބަހުސް ފެށި، "އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް" ދިފާއު ކުރައްވާ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން، ނިހާން ވިދާޅުވީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ގޮތަށް، އަބުރު ރައްކާތެރި ކުރުމަކީ ވެސް ކަށަވަރު ކޮށްދޭން ޖެހޭ ހައްގެއް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އާ ގާނޫނު އަސާސީއާއެކު ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ލިބިގެން ގޮސް އެ ހައްގު ބޭނުން ކުރާ ގޮތާމެދު ސުވާލު އުފެދޭ މިންވަރަށް ހުދޫދެއް ނެތި އެ ހައްގުގެ ބޭނުން ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ނިމުމެއް އަންނަންޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބުރުގެ ބިލުން ހުއްޓުވަނީ ދޮގު ހަބަރު ފެތުރުމާއި އެއްވެސް އަސާސެއް ނެތި މީހުންގެ އަގު ވައްޓާލުމަށް ވާހަކަތައް ދެއްކުން ކަމަށެވެ. ނިހާން ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ބިލުގެ މައްސަލާގައި ޔޫރަޕުން ކަންބޮޑުވުން ފާޅުކުރާއިރު، އީޔޫގެ 19 ގައުމެއްގައި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނަކަށް އަމަލު ކުރާ ކަމަށެވެ. އަދި އެ ގައުމުތަކުގައި ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ޖަލު އަދަބު ވެސް ކަނޑައަޅާފައިވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އީޔޫގެ ބައެއް ގައުމުތަކުގައި އަބުރާ ބެހުމުގެ ގާނޫނު އޮންނަ އިރު، ބައެއް ގައުމުތަކުގައި އެކަން އޮންނަނީ މަދަނީ ކުށެއްގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ބިލާ މެދު ނޫސްވެރިން ދައްކާ ޓެކްނިކަލް ވާހަކަތައް ބަލައިގަނެ ބިލަށް ބަދަލުތަކެއް ގެނައުމަކީ ޕީޕިއެމްގެ ޕީޖީ ގްރޫޕްގެ ރޫހު ހުރި ގޮތް ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން ވަނީ ހުރިހާ ޕާޓީއެއްގެ މެންބަރުން ހިމެނޭ ގޮތަށް، 11 މެންބަރުގެ ކޮމިޓީއަކަށް ބިލް ފޮނުވައި ބިލް ރަނގަޅަށް ދިރާސާ ކޮށް މީޑިއާގެ ކަންބޮޑުވުންތަކަށް ވެސް އެޑްރެސް ކުރުމަށް ވެސް ހުށަހަޅުއްވާފަ އެވެ.