ހަބަރު

ހުޅުމާލޭގައި 1،000 ފްލެޓް އަޅަން ލަންކާގެ އެންމެ ބޮޑު ކުންފުންޏަށް

Aug 1, 2016
6
  • ފުރަތަމަ އަޅަނީ 1،000 ފްލެޓް
  • އަގު އުޅެނީ 1.5-33 މިލިއަން ރުފިޔާއާ ދެމެދު
  • ހުރިހާ ފްލެޓެއް 2018 ގައި ނިމޭނެ

ސީލައިފުން ހުޅުމާލޭގައި ފްލެޓް އަޅަން ސްރީލަންކާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ "ކޮރަލް ހޯލްޑިންގްސް" އާއެކު މިއަދު ސޮއިކޮށްފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ސީލައިފް ގްލޯބަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު އެވެ. އަދި ސްރީލަންކާގެ ކޮރަލް ހޯލްޑިންގްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އެސް. ބްރަބަހަރަން އެވެ.

މި މަޝްރޫއުގެ ދަށުން ސީލައިފުން ޖުމްލަ 3،000 ހައުސިން ޔުނިޓު އަޅާނެ އެވެ. މި މަޝްރޫއު ބަހާލާފައިވަނީ މައިގަނޑު ތިން ފިޔަވައްސަކަށެވެ. ކޮރަލް ހޯޑިންގްސްއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިއަދު ސޮއިކޮށްފައިވަނީ މީގެ ތެރެއިން 1،000 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގަ އެވެ.

"ސީލައިފް ކޮމްޕެކްސް ހުޅުމާލޭ" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު ވިދާޅުވީ މި މަޝްރޫއު ތަފާތު ދަތިތައް ދިމާވުމުގެ ސަބަބުން ލަސްވެގެން ގޮސްފައިވާ ކަމަށާއި، ނަމަވެސް މިހާރު ދެން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.

"މި އަހަރުގެ ޖޫން މަހު ހުއްދަ ލިބުމާއެކު ފަހަތް ބެލުމެއް ނެތި ދެން ދާނީ ކުރިއަށް،" އަހުމަދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ރައީސް އަބްދުﷲ ޔާމީން ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށާއި، ސްރީލަންކާގެ މި ކުންފުންޏާއެކު ސޮއިކުރުމާއެކު އިތުބާރު ބޮޑު ވެގެން ގޮސްފައިވާ ކަމަށެވެ.

"ސަރުކާރުން ބޭނުންވަނީ އެކި ފަރާތްތައް މެދުވެރިކޮށް ހައުސިން ނޫނީ ގެދޮރުވެރިކަން ފޯރުކޮށްދޭން. ގެދޮރުވެރިކަން ފޯރުކޮށްދޭން މިދަނީ މަސައްކަތް ކަމުން. ސަރުކާރުގެ ވުޒާރާތައް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދިއުން މިއީ އެއްގޮތް. ޕްރައިޓް ކުންފުނިތަކާ ގުޅިގެން ގެންދިއުން މިއީ އަނެއް ގޮތް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެކި ފަންތީގެ ގެދޮރު ކަމަށާއި، އެކަމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

"އެކި ފަންތީގެ ހައުސިން ބޭނުންވަނީ. ސޯޝަލް ހައުސިންނާއި މެދުފަންތީގެ ހައުސިން އަދި އެންމެ މަތީގެ ހައުސިންވެސް ހިމެނޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ރަސްމިއްޔާތަށް ފަހު "އަވަސް" އަށް ވާހަކަ ދައްކަވަމުން ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު ވިދާޅުވީ ދުރާލާ ފްލެޓް ހޯދަން ބޭނުންނަމަ ބުކް ކުރަން ޖެހޭ ކަމަށާއި، އެކަން ހ. ބީޗް ޓަވާ ހަވަރު ބުރީގައި (ހަތް ނަމްބަރު ޖެޓީ ކުރިމަތީ) ގައި ކަމަށެވެ.

"ކޮންޓްރެކްޓަރު [ކޮރަލް ހޯލްޑިންގްސް] އާއެކު ، ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއް މަސް ދުވަހުގެ ތެރޭގައި ތަކެތި ގެނެސް މޮބިލޭޝަން މަސައްކަތް ފަށަން ޖެހޭ. އަދި 2018 ގެ މާޗް އަށް ފުރަތަމަ ބައި ނިމޭނެ. މުޅި މަޝްރޫއުގައި ތިން ކޮންޓްރެކްޓަރުންނާއެކު މަސައްކަތް ކުރާނެ،" އަހުމަދު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން އަޅަނީ އެއް ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ. މި ތަންތަނުގެ އަގުތައް އުޅެނީ 1.5 މިލިއަން ރުފިޔާ އާއި 3.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.