ބޭރު ކުޅިވަރު

ވެން ހާލަށް އެފްއޭގެ އިންޒާރު

އިނގިރޭސި އެފްއޭ ކަޕްގައި މިދިޔަ މަހު ކުޅުނު މެޗަކަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އިނގިރޭސި އެފްއޭ އިން ވެން ހާލަށް އިންޒާރު ދީފި އެވެ.

އެފްއޭ ކަޕްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ކެމްބްރިޖް އަތުން ޔުނައިޓެޑް ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު ވެން ހާލް ބުނީ މެޗުގެ ހުރިހާ ކަމެއް ވެސް ދިޔައީ ޔުނައިޓެޑްއާ ދެކޮޅަށް ކަމަށެވެ. އަދި އޭގެ ތެރޭގައި ރެފްރީ ވެސް ހިމެނޭ ކަމަށެވެ.

އެެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެން ހާލްގެ ވާހަކަތަކަކީ އެފްއޭގެ ގަވައިދާ ހިލާފަށް މީޑިއާގައި ދެއްކި ވާހަކަތަކެއް ކަމަށެވެ. އަދި އެ ފަދަ ކަމެއް ތަކުރާރުނުކުރުމަށް ވެން ހާލަށް އިންޒާރު ދީފައިވާނެ ކަމަށެވެ.

މި މަހުގެ ހަ ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެން ހާލް ބުނީ އޭނާ ގޯސް ވާހަކައެއް ދެއްކި ކަމަށް ގަބޫލްނުކުރާ ކަމަށެވެ.

"އަހަރެން ރުޅިއެއް ނާދޭ އަދި ދަރެއެއް ވެސް ނުވޭ. އެއީ މިހާތަނަށް އަހަންނަށް ގަބޫލެއް ނުކުރެވޭ އަހަންނަށް ގޯސް ވާހަކައެއް ދެއްކުުނު ކަމަކަށް،" ކުރިން އަޔަކްސް އާއި ބާސެލޯނާ އަދި ބަޔާން މިއުނިކް އަށް ކޯޗުކޮށްދިން ވެން ހާލް ބުންޏެވެ. "ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާތާ ގާތްގަނޑަކަށް 30 އަހަރުވީއިރު، ދުވަހަކު ވެސް އަހަރެންގެ ޑިސިޕްލިނަރީ މައްސަލައެއް ބަލާފައެއް ނޯންނާނެ. އަހަރެން ބުނިހާ ވެސް ވާހަކައަކީ އެންމެން ވެސް ބޭނުންވީ ކުޑަ ޓީމު މޮޅުވާށޭ. އެފްއޭ އިން އަހަރެންގެ މައްސަލަ ބެލީތީ ވެސް ހައިރާންވި."