އިދިކޮޅު ފަރާތްތަކަކީ އަބަދު ސަރުކާރަށް ގޮންޖަހާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު މިރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހަ އަހަރު ފުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޒުހޫރު ވިދާޅުވީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރާ މަސައްކަތްތަކުގައި ހިޔާލު ތަފާތުވި ނަމަވެސް އެ މަސައްކަތް ބަލައިގަންނަން ޖެހޭ ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ ދިވެހި ގައުމު ބިނާ ކުރުން ދިވެހި ގައުމު ތަރައްގީ ކުރުން. ރައްޔިތުންނަށްޓަކައި ލާބަ އާއި މަންފާ ހޯދައި ދިނުން. އެހެންނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ނަމަވެސް ގައުމު ބިނާ ކުރުމުގައި ހެދޭ ކޮންމެ ގާނޫނަކަށް ގައުމު ބިނާ ކުރުމުގައި އަޅުގަނޑުމެން އެކުލަވާލާ ކޮންމެ ޕޮލިސީ އަކަށް ނޫނީ ސަރުކާރުގެ ކޮންމެ އިލްތިމާސަކަށް ގޮންޖަހައި، އެއާމެދު ފާޑު ކިޔައި އަދި ރަނގަޅަށް އެއް ކަމެއްވެސް ނުކުރެވޭ ކަމަށް ގޮވަމުން ދިއުން،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންނަށް ލާބަ ލިބޭ ކަންތައްތަކުގައި ހިޔާލު ތަފާތު ވިނަމަވެސް، އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުން އެއީ ރަނގަޅު ގޮތް ކަމަށާއި އެކަމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
"ދުނިޔޭގައި ޑިމޮކްރަސީ އައިސްފައިވާ ގައުމުތަކުގައި ސަރުކާރުން އެކުލަވާލާ ޕޮލިސީތަކުގައި ގައުމު ބިނާ ވެގެންދޭ. އެހެން ގައުމު ތަރައްގީ ވެގެންދާ ގައުމުގެ އިގްތިސާދު ފުޅާ ވެގެންދާ ކަންތައްތަކަށް ވަނީނަމަ އިދިކޮޅު ހިޔާލުގައި ތިއްބަވާ ބޭފުޅުންނަކީ ވެސް ހަމަ ސަރުކާރާއެކު ގައުމު ބިނާ ކުރަން މަސައްކަތް ކުރާ ބައެއް،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމު ބިނާ ވެގެންދަނީ އެންމެން އެކުގައި ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ކުރި މަސައްކަތަކުން ގައުމު ތަރައްގީ ވާނީ. އެގޮތުން ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތަކީ ގައުމު ބިނާ ކުރުން. ރައްޔިތުން މަޖިލީހުގެ ތެރެއިންނާއި އެކި ގޮތް ގޮތުން ނެރެވޭ ޕޮލިސީ ތަކަކީ ވެސް ގައުމު ބިނާ ކުރުން،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމު ބިނާ ކުރުމުގައި މީރާ އިން މުހިންމު މަސައްކަތަކެއް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި އައްސަރިބަހާ ސާބަސް ރައްދުކުރާ ކަމަށެވެ.