އިންޑިއާއަށް ފާއިތުވެދިޔަ ތިން ހަފްތާއިން ފެށިގެން ކުރަމުންދާ ވިއްސާރައިގައި 152 މީހުން މަރުވެއްޖެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ގައުމުގެ އިރު އުތުރުގައި އޮންނަ އާސާމް ސްޓޭޓުން އެކަނިވެސް 34 މީހުން މަރުވެ މިލިއަނެއްހާ މީހުން އެހެން ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
އެ ސްޓޭޓްގައި ހުންނަ ކަޒިރާންގާ ނެޝަނަލް ޕާކުގައި އުޅޭ ޖަނަވާރުތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ ޕާކުގެ 80 ޕަސަންޓު މިހާރުވެސް އޮތީ ފެނު އަޑީގަ އެވެ. މި ވިއްސާރައިގައި ފެންގަނޑު ބޮޑުވެ ބިހާރު ސްޓޭޓާއި ހިމާޝަލް ޕްރަދޭޝް އަދި ދެކުނު ބެންގާލް ސްޓޭޓްގެ ގިނަ ގެތަކާއި ދަނޑުތައް މިހާރުވަނީ އެކީހެން ހަލާކުވެފަ އެވެ.
އެ އަވަށްތަކުން އެތައް ސަތޭކަ ބަޔަކު މިހާރު ހިމާޝަލް ޕްރަދޭޝްގައި އޮންނަ މަނާލީ ރިސޯޓޫގެ ހައިވޭ އެއްގައި ވަގުތީ ހިޔާ ހަދައިގެން ދިރިއުޅެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިހާރު ކުރަމުންދާ ވިއްސާރައާއި ބެހޭގޮތުން އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޑިޒާސްޓާ މެނޭޖްމެންޓްގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އާސާމްގެ ސްކޫލް ފަދަ ތަންތަނުގައި އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވަނީ ކޭމްޕްތައް ޖަހާފަ އެވެ. އަދި އެ ކޭމްޕްތަކުން ކާނާ އާއި އެހެނިހެން ޒަރޫރީ ވަސީލަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.
ކޮންމެ އަހަރެއްގައި ވެސް ވިއްސާރަ މޫސުމުގައި މި ސްޓޭޓަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. މިދިޔަ އަހަރު ވެސް މި ސްޓޭޓްގެ ފެންބޮޑުވެ އަގު ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.