- ފްލެޓްތަކަށް ޑިމާންޑް ބޮޑު
- އިމާރާތް ކުރާނީ ސްރީލަންކާގެ ކުންފުނިން
- ޑިޒައިން ކޮށްފައިވަނީ ޖާގަ ބޮޑުވާނެ ގޮތަށް
ސީ ލައިފުން ހުޅުމާލޭގައި ހަދާ ފްލެޓުތަކުގެ 1000 ފްލެޓުގައި ހިމެނޭ 450 އެޕާޓްމަންޓެއް ދުރާލާ ބުކިން ހައްދައިފި އެވެ. "ސީލައިފް ގްލޯބަލް" ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު "އަވަސް" އަށް ވިދާޅުވީ މިހާތަނަށް 450 އެޕާޓްމަންޓެއް ދުރާލާ ޕްރީބުކިން ހައްދާފައިވާ ކަމަށާއި، ފްލެޓްތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ.
"މިހާރު ޑިމާންޑް ވަރަށް ބޮޑު. ގިނަ މީހުން ބޭނުންވަނީ ސައިޒުގެ ގޮތުން ބޮޑެތި އެޕާޓްމަންޓްތައް،" އަހުމަދު ވިދާޅުވި އެވެ.
ހުޅުމާލޭގައި ސީ ލައިފުން ޖުމްލަ 3،000 ފްލެޓް އަޅާނެ އެވެ. މި މަޝްރޫއު ބަހާލާފައިވަނީ މައިގަނޑު ތިން ފިޔަވައްސަކަށެވެ. ސްރީލަންކާގެ ކޮރަލް ހޯޑިންގްސްއާއެކު ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފުރަތަމަ އަޅާނީ 1،000 ފްލެޓެވެ. މި މަޝްރޫއުގެ ދަށުން އަޅަނީ އެއް ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ. މި ތަންތަނުގެ އަގުތައް އުޅެނީ 1.5 މިލިއަން ރުފިޔާ އާއި 3.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި އެޕާޓްމަންޓުތަކުގެ ސައިޒުތައް ހުރީ ގާތްގަނޑަކަށް 800-1200 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.
އަހުމަދު ވިދާޅުވީ ގިނަ މީހުން ބޭނުންވަނީ 1،200 އަކަފޫޓުގެ ބޮޑެތި އެޕާޓްމަންޓްތައް ކަމަށެވެ.
"ގިނަ މީހުންގެ ޑިމާންޑް ހުރީ ބޮޑެތި އެޕާޓްމަންޓްތަކަށް،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުރަށް ހުރި ފްލެޓްތައް އެޅުމަށް ބޭނުންވާ ކޮންޓްރެކްޓަރުންނާއެކު ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށެވެ.
"މިހާރު ވަނީ 1،000 ފްލެޓް އަޅަން ބޭނުންވާ ކޮންޓްރެކްޓަރާއެކު ސޮއިކޮށްފަ. ބާކީ ހުރި ފްލެޓްތައް އެޅުމަށް ބޭނުންވާ ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުން ވަރަށް އަވަހަށް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
"އަވަސް" އަށް ވާހަކަ ދައްކަވަމުން އަހުމަދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ދުރާލާ ފްލެޓް ހޯދަން ބޭނުންނަމަ ބުކިން ހެދުން އޮންނާނީ، ހ. ބީޗް ޓަވާ ހަވަރު ބުރީގައި ގައި ކަމަށެވެ.
"ކޮންޓްރެކްޓަރު [ކޮރަލް ހޯލްޑިންގްސް] އާއެކު ، ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއް މަސް ދުވަހުގެ ތެރޭގައި ތަކެތި ގެނެސް މޮބިލޭޝަން މަސައްކަތް ފަށަން ޖެހޭ. އަދި 2018 ގެ މާޗް އަށް ފުރަތަމަ ބައި ނިމޭނެ. މުޅި މަޝްރޫއުގައި ތިން ކޮންޓްރެކްޓަރުންނާއެކު މަސައްކަތް ކުރާނެ،" އަހުމަދު ވިދާޅުވި އެވެ.