ވެކޭޝަންސް އެކްސްޕޯ

ސަންލޭންޑް ޖާނީގެ ޕެކޭޖް: ތިން ގައުމަކަށް ހިލޭ

Aug 3, 2016

މާދަމާ ނޭޝަނަލް އާޓްގެލަރީގައި ފަށާ، ވެކޭޝަންސް އެކްސްޕޯ އަށް ދާ މީހުންނަށް "ސަންލޭންޑް ޖާނީ" އިން ރާއްޖެ ހިމެނޭ ގޮތަށް، ތިން ގައުމަކަށް ޕެކޭޖުތަކެއް ދޭނެ އެވެ.

ސަންލޭންޑް ޖާނީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވި ގޮތުގައި ވެކޭޝަންސް އެކްސްޕޯއަށްދާ މީހުންނަށް ހާއްސަ ކޮށްގެން ޕުކެޓާއި މެލޭޝިޔާ އަދި ސިންގަޕޫރުގެ އިތުރުން އައްޑޫއަށް ދާން ވެސް ހާއްސަ ޕެކޭޖެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޫތައް ގޮސް ކޫޕަން ފުރައިލުމުން މި އިނާމުގެ ގުރުއަތަށް ދާނެ. މި އިނާމުގެ އިތުރުން ސަންލޭން ބޫތުގައި ހާއްސަ ކުއިޒެއްވެސް ކުރިއަށްދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ސަން ލޭންޑް ޖާނީން ދޭ ޕެކޭޖުތަކުގެ ތެރެއިން ތައިލޭންޑުގެ ޕުކެޓަށް ބެންކޮކް އެއާވޭސް އިން ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕެކޭޖުގައި ދެ މީހަކަށް ހަތަރު ދުވަހު ޕުކެޓުގައި ޗުއްޓީ ހޭދަކޮށްލެވޭނެ އެވެ. އަދި ސްރީލަންކަން އެއާލައިންސްއިން މެލޭޝިޔާ އަށް ގޮސް ދެ މީހަކަށް ހަތަރު ދުވަހު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބެ އެވެ. މީގެ އިތުރުން ސިންގަޕޯ އެއާލައިންސް އިން ސިންގަޕޫރަށް ދިއުމަށް ދެ މީހަކަށް ހަތަރު ދުވަހުގެ ހުރުން ލިބޭނެ އެވެ. މީގެ އިތުން ހަތަރު ދުވަހުގެ ހުރުން ދެ މީހަކަށް ލިބޭ ގޮތަށް އައްޑޫއަށް ވެސް ޕެކޭޖެއް ދޭން ވަނީ ނިންމާފަ އެވެ.

ސަންލޭންޑް ޖާނީއަކީ ގިނަ އެއާލައިންތަކެއްގެ ޓިކެޓު ވިއްކާ ކުންފުންޏެކެވެ. އަދި މި ކުންފުނިން ޓިކެޓު ވިއްކާ އެއާލައިންތަކުގެ ތެރޭގައި ބެންކޮކް އެއާވޭސް އާއި މޯލްޑިވިއަން އަދި ސްރީލަންކަން އެއާލައިންސްގެ އިތުރުން ސިންގަޕޯ އެއާލައިންސް ހިމެނެ އެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ޗުއްޓީ ރާވާ ހިންގާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފެއާއެކެވެ. މި ފެއާ އޮންނާނީ މާދާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.