އަހުމަދު ނިހާން ހުސައިން މަނިކު

150 އޮޑިޓް ރިޕޯޓަކަށް ގޮތް ނިންމަން ތަޅުމަށް ފޮނުވައިފިން: ނިހާން

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީން ނިންމުމަށްފަހު ގޮތެއް ނިންމައިދޭން އެދި 150 އޮޑިޓް ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު އައަހްމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ނިހާން މިހެން ވިދާޅުވީ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓުތަކަށް ގޮތެއް ނިންމަވައި ދިނުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އަރިހުގައި މިހާރު ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އެ ރިޕޯޓްތަކާ މެދު ތަޅުމުން ގޮތެއް ނިންމަން މަޖިލީހުގެ ރައީސަށް ދަންނަވާފައި. އެއީ ރިޕޯޓްތައް ވަކިވަކިންތޯ ނުވަތަ ގަނޑުކޮށް ތަޅުމަށް ހުށަހަޅައިގެންތޯ ގޮތެއް ގޮތެއް ނިންމާނީ. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް ތަޅުމުގައި 10 ރިޕޯޓުން 10 ރިޕޯޓުން ގޮތެއް ނިންމައި ދިނަސް،" ނިހާން ވިދާޅުވި އެވެ.

ގިނަ ރިޕޯޓްތަކަކާމެދު ގޮތެއް ނިންމާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިންގާފައިވާ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގެ އޮޑިޓް ރިޕޯޓްތައް ނެރެ މިހާތަނަށް ވަނީ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.