އުތުރު ކޮރެއާ

އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑުގެ އައްސޭރިއަށް މިސައިލެއް ފޮނުވާލައިފި

Aug 3, 2016
1

އުތުރު ކޮރެއާއިން ޖަޕާނުގެ ކަނޑުގެ އައްސޭރިއަށް އަމާޒުކޮށް މެދުރާސްތާގެ ބެލަސްޓިކް މިސައިލެއް ފޮނުވައިލައިފި އެވެ.

ޖަޕާނާއި ދެކުނު ކޮރެއާގެ އޮފިޝަލުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. ޖަޕާނުގެ ސަރުކާރުން ބުނީ އެ މި ސައިލް އަމާޒުވީ އެ ގައުމުގެ އުތުރުގެ ހަވަންގީ ޕްރޮވިންސްގެ ކަނޑުގެ އައްސޭރިއަށް ކަމަށެވެ.

"އެއީ ޖަޕާނުގެ ސަލާމަތަށް ކުރިމަތިވި ނުރައްކަލެއް. މިއީ މާފްދެވޭނެ ކުށެއް ނޫން،" ޖަޕާނުގެ ބޮޑުވަޒީރު ޝެންޒޯ އަބޭ ވިދާޅުވި އެވެ.

މިދިޔަ މަހު އުތުރުން ވަނީ ދެކުނު ކޮރެއާގެ ސަރަހައްދަށް އަމާޒުކޮށް ތިން މިސައިލެއް ފޮނުވާލާފަ އެވެ. އެމެރިކާ އާއި ދެކުނުގެ އަސްކަރިއްޔާއިން ދަނީ މިސައިލުން ރައްކާތެރިވާނެ ނިޒާމެއް ގާއިމު ކުރުމަށް ތައްޔާރުވަމުންނެވެ.

އުތުރުން ބުނީ އެ މިސައިލަކީ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ބާރުތަކަށް ދިން އިންޒާރެއް ކަމަށެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރަޖަމާން ގެރީ ރޯސް ވިދާޅުވީ އުތުރުގެ މި އިންޒާރުގެ ސަބަބުން ބައިނަލްއަގްވާމީ ދުނިޔެއަށް މުހިންމު ވެގެންދަނީ އުތުރުން ހިންގާ ގާނޫނާ ހިލާފު ކަންކަމަށް ފިޔަވަޅު އެޅުމަށް ކަމަށެވެ.