ވައްކަން

ގަހަނާތަކަކާއި ޓެބެއް ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް

ސެމްސަންގ ގެލެކްސީ ޓެބަކާއި ބައެއް ގަހަނާތައް ވަގަށް ނެގި މީހަކު ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މި ހުކުމް އިއްވާފައިވަނީ އއ. ފެރިދޫ ފެންފިޔާޒުގޭ މުހައްމަދު ރާމިޒުގެ މައްޗަށެވެ.

މުހައްމަދު ރާމިޒުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުގެ ވަގުތެއްގައި މއ. އަންނާރުގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ސ. ހިތަދޫ، އަނބުމާގޭ، އައިމިނަތު ރިޒްނާ ދިރިއުޅޭ އެޕާޓްމެންޓުގައި ހުރި ފޮއްޓެއްގެ ތެރޭގައި އޮތް އައިމިނަތު ރިޒްނާގެ ސެމްސަން ގެލެކްސީ ޓެބަކާއި ދެ ރިހި ފަށާއި ރިހި ކެވެލި ކޮޅަކާއި އަނގޮޓިއެއް މުހައްމަދު ރާމިޒު ވަގަށް ނަގާފައިވާ ކަމަށެވެ.

މިތަކެތި ރާމިޒު ވަގަށް ނެގި ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ. މައްސަލަ އޭނާގެ މައްޗަށް ސާބިތުކޮށްފައިވަނީ އޭނާގެ އަމިއްލަ އިއުތިރާފުގެ މައްޗަށް ބިނާކޮށެވެ.

މުހައްމަދު ރާމިޒުގެ މައްޗަށް އިއްޔެ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މުހައްމަދު ރާމިޒުގެ އަމިއްލަ އިއުތިރާފުގެ މައްޗަށް ބިނާކޮށް ކުށް އޭނާގެ ސާބިތުވާތީ، އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް މައްސަލަ ނިންމި ކަމަށެވެ.