ވެކޭޝަންސް އެކްސްޕޯ

ގެޓް ސެޓުން އުފަންވި، ކްރަކެން އެޑްވެންޗާސް ވިޔަފާރިއަށް!

Aug 5, 2016
2
  • ވިޔަފާރި ފެށީ ގެޓްސެޓް ލޯނުން
  • އެކްސްކާޝަން ހިދުމަތް ދޭ ވިޔަފާރިއެއް
  • މި ވިޔަފާރި ވަނީ މިހުނަށް ހިތްވަރަކަށްވެފައި

މި ވިޔަފާރީގެ ބިންކާ އެޅުނީ "ގެޓްސެޓް" ލޯނުންނެވެ. ސަރުކާރުން ޒުވާނުންނަށް ދޫކުރި ލޯނަކުންނެވެ. މި ވިޔަފާރީގައި ހިދުމަތް ދެނީ ރާއްޖެ އަންނަ ޓޫރިސްޓުންނަށެވެ. ޓޫރިސްޓުންނަށް މަސް ދަތުރު އަޅައި ދިނުމާއި އެކްސްކާޝަން އަށް ޓޫރިސްޓުން ގެންގޮސް ދިނުމަކީ މި ވިޔަފާރީ އުފެދިގެން އައި ސަބަބެވެ. މިއީ "ކްރެކެން އެޑްވެންޗާސް" އެވެ.

"ރާއްޖޭގެ ގިނަ ގެސްޓް ހައުސްތަކުގައި އެކްސްކާޝަން ޖައްސާނެ ފެސިލިޓީސްތައް މަދު. އެހެންވެ އެފަދަ ފުރުސަތެއް ތަނަވަސް ކުރުމުގެ ގޮތުން ފެށި ވިޔަފާރިއެއް މިއީ،" ކްރެކެންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ރިޔާޒު "އަވަސް" އަށް ވިދާޅުވި އެވެ.

ވެކޭޝަންސް އެކްސްޕޯގައި ކްރެކެންގެ ސްޓޯލެއް

ނޭޝަނަލް އާޓްގެލަރީގައި މިހާރު ކުރިއަށްދާ "ވެކޭޝަންސް އެކްސްޕޯ" ގައި ކްރެކެންގެ ސްޓޯލެއް ވަނީ ބަހައްޓާފަ އެވެ. މި ސްޓޯލުން ވަނީ ވެކޭޝަންސް އެކްސްޕޯއަށް ދާ މީހުންނަށް އަށް މީހުންގެ ބިގްގޭމް ފިޝިން ދައުރެއް ދޭން ނިންމާފަ އެވެ.

ޒުވާން ސިކުނޑިތަކަކުން އުފަންވި ކްރެކަންގެ ވިޔަފާރީގެ ހާއްސަ ކަމަކީ ކޮބައި ހެއްޔެވެ؟

މި ވިޔަފާރީގައި އެންމެ ހާއްސަ ކަމަކީ މީގައި ބޭނުންކުރާ ހާއްސަ އުޅަނދެވެ. ޓޫރިސްޓުނާއި ދިވެހިންނަށް ވެސް މަސް ދަތުރު އެޅޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ސްޕީޑް ލޯންޗެކެވެ. އާއްމުކޮށް ރާއްޖޭގައި ހުންނަ ލޯންޗް ތަކަށާ މި ލޯންޗް ތަފާތެވެ. ބަލައިލަން ހިތްގައިމު ކަޅު ކުލައިގެ މި ލޯންޗް ބަނދެފައިވަނީ ދިވެހި ވަޑިންނެވެ.

"މި ލޯންޗަކީ އޮފްޝޯ ޔާޑް [ސުޖާ] މެން ހެދި ލޯންޗެއް. މި ލޯންޗް ތަފާތު ވެގެން މި އުޅެނީ ކަޅު ކުލައިގައި ހެދީމަ،" ކްރެކެން އެޑްވެންޗާސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް މެރިން އެކްސްޕޯގައި ވެސް އޮފްޝޯ މީހުންގެ އެއްޗެއް ގޮތުގައި މި ލޯންޗް ދައްކާލާނެ ކަމަށެވެ.

"ފެށުމުގެ އެހީއަކީ ގެޓް ސެޓް"

މި ވިޔަފާރި ފެށުމުގައި އެންމެ ބޮޑު އެހީއެއް ވެދިނީ ގެސްޓް ސެޓް ލޯނެވެ. މިކަމަށް ނުކުތްއިރު، އަތްމަތީގައި އެކަށްޗެއް ވެސް ނެތެވެ. ނަމަވެސް ގެޓްސެޓު ލޯނަށް ފުރަތަމަލީ ޕްރޮޕޯސަލް އެވެ. އަދި ލޯނުގެ ގޮތުގައި ލިބުނު އަށް ލައްކަ ރުފިޔާ ވެގެން ދިއައީ މި ވިޔަފާރި ފެށުމަށް އެންމެ ބޮޑު އެހީއަށެވެ.

"އަސްލު އަށް ލައްކައަކީ ކުޑަ އެއްޗެއް މި ކަހަލަ ކަމަށް. އެކަމަކު އެ ވެސް ވެގެން ދިޔައީ މުހިންމު އެހީއަކަށް މިކަން ފަށަން. ބިޒްނަސްއެއް ސްޓާޓް ކުރަން ގެޓްސެޓް ކުޑަ. ނަމަވެސް އަމިއްލަ އަށް ވެސް ފައިސާ ހޯދީ ވިޔަފާރި އަށް އިތުރު ޝެއާ ހޯލްޑަރުން ވައްދައިގެން. އެގޮތުން ކާމިޔާބުވީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްރެކެންގެ މަގުސަދަކީ ދިވެހިންނަށް ވެސް އެކަށީގެންވާ އަގެއްގައި ހިދުމަތް ދިނުން ކަމަށެވެ.

"ހަމައެކަނި ޓޫރިސްޓުންނަކަށް ނޫން. އަޅުގަނޑުމެންނަށް ގުޅާލާފައި ބުނުމުން ގެސްޓް ހައުސް ހުރި ތަނަކަށް ގޮސް އެކްސްކާޝަން އަޅައި ދެވޭނެ. ހަފުތާ ބަންދު ތަކަށްވެސް ދަތުރު ދެވޭނެ،" އަހުމަދު ވިދާޅުވި އެވެ.

ކްރެކެންގެ އަޒުމަކީ ޓޫރިޒަމް ދާއިރާއަށް ހިދުމަތް ކުރުމެވެ. ގެޓްސެޓް ވިޔަފާރިން އުފަން ކުރުވި، މި ވިޔަފާރި މިވަނީ ހިނގައިގެންފަ އެވެ.