ވިޔަފާރި

ޑިވިޑެންޑު ގޮތު 5.92 ރުފިޔާ ބަހަން ދިރާގުން ނިންމައިފި

ދިރާގު ބޯޑުން ޖުމްލަ 450 މިލިއަން ރުފިޔާ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ފައިދާގެ ގޮތުގައި ބަހަން ނިންމައިފި އެވެ. މިއީ މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްއަށް ބަލާއިރު 22 ޕަސެންޓްގެ ކުރިއެރުމެކެވެ.

ދިރާގުން މިއަދު ބުނީ، ހަ މަސްދުވަހުގެ ހިއްސާގެ ފައިދާގެ ގޮތުގައި ޖެހެނީ ހިއްސާއަކަށް 5.92 ރ. ކަމަށެވެ. މިދަޔަ އަހަރުގެ ބަހާފައިވަނީ ހިއްސާއަކަށް 4.84 ރ. އެވެ. ދިރާގުގެ ހިއްސާގެ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ އަހަރަކު ދެ ފަހަރު އެވެ. އެއީ ފުރަތަމަ ހަ މަސްދުވަހުގެ ހިސާބުތައް ފާސްކުރުމާއި ގުޅިގެން އަހަރުގެ ފުރަތަމަ ހަމަހަށް ބެހޭ ފައިދާ (އިންޓަރިމް ޑިވިޑެންޑް) އަދި އަހަރީ ހިސާބުތައް ފާސް ކުރުމަށްފަހު އަހަރުގެ ފަހު ހަ މަސްދުވަހުގެ ފައިދާގެ މައްޗަށް ބަލާ ކަނޑައަޅާ ފައިދާ (ފައިނަލް ޑިވިޑެންޑް) އެވެ.

އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.92 ރުފިޔާ ބެހުމަށް ދިރާގުން ނިންމާފައިވަނީ 10 އޮގަސްޓް 2016 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް ކުންފުނީގައި ރަޖިސްޓާ ކޮށްފައިވާ ހިއްސާދާރުންނަށެވެ.

ދެހާސް އެގާރަ ވަނަ އަހަރު ކުންފުނި ލިސްޓްކުރެވުނު ފަހުން ދިރާގުން ކޮންމެ އަހަރަކުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހިއްސާގެ ފައިދާ ބަހަމުން ދެއެވެ. އަދި 2013 ވަނަ އަހަރު ފިޔަވާ އެހެން ހުރިހާ އަހަރަކު ދެ ހިއްސާގެ ފައިދާ ބަހާފައިވެއެވެ.

ދިރާގުގެ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ އުސްއަލިތައް:

  • ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 7 ރަށަކަށް 4ޖީ އެލްޓީއީގެ ހިދުމަތް ފޯރުކޮށްދިނުން
  • ޕޯސްޓްޕެއިޓް ޕްލޭންތައް ރީވެމްޕްކޮށް ހެޔޮ އަގުގައި ޑޭޓާ އަދި ހިލޭ ކޯލު/އެސް އެމްއެސް ހިމެނޭގޮތަށް ފަރުމާކުރެވިގެން ދިޔުން
  • ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ޒަމާނީ އިންޓަރނެޓް ޕެކޭޖްތައް ތައާރަފްކުރުން
  • ކަސްޓަމާ ސާވިސްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ލައިވް ޗެޓްގެ ހިދުމަތް 7/24 ގައި ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސުން
  • މާކެޓަށް ނެރެވޭ އެންމެ ފަހުގެ އައި ފޯން އަދި ސެމްސަންގ ޑިވައިސްތައް ކަސްޓަމަރުންނަށް އަގުހުރި ޕެކޭޖްތަކާއި އެކު ފޯރުކޮށްދިނުން

މީގެއިތުރުން ދިރާގުން ވަނީ ދިރާގުން ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގައިވެސް ކުޑަކުދިންގެ ހިމާޔަތަށާއި ރައްކާތެރިކަމަށް އެކި ޖަމިއްޔާތަކާއި ސްކޫލްތަކާއި އެކު ގިނަ މަސައްކަތްތަކެއްކޮށްފައިވެއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށަކަށް 3ޖީ ހިދުމަތް ފޯރުކޮށްދެމުންދާ އަދި އެންމެ ފުޅާ 4ޖީ ނެޓްވޯކް ކަވަރެޖް ދެމުންދާ ދިރާގުން ފައިދާ ބަހަން ނިންމި އިރު ދާދި ފަހުން ކުންފުނިން ވަނީ ކުންފުނީގެ ފަސްލައްކަ ވަނަ ކަސްޓަމަރަށް މަރުހަބާ ކިޔާފައެވެ.