ކާނާ

ރެސިޕީ: އެވޮކާޑޯ ޓޯސްޓް

Aug 5, 2016

ދުވަސްތައް އެނބުރެމުން ފުރުޅެމުން ދައުރުވަމުންގޮސް މިއަދު މިއޮތީ އަނެއްކާ ހުކުރު ދުވަސް އައިސްފަ އެވެ. ހަފްތާގެ ހުރިހާ ދުވަހެއް ބުރަކޮށް އުޅުމަށްފަހު އަރާމުކޮށްލަން ލިބޭ ދުވަހެވެ. ތައްޔާރުކޮށްލަން ބޭނުންވާނީ ތަންކޮޅެއް ފަސޭހަ އެއްޗެކެވެ. އެކަމަކު ސިއްހަތަށް ފައިދާހުރި އެއްޗަކަށް ސަމާލުކަން ދިނުމަކީވެސް މުހިންމު ކަމެކެވެ. އެވޮކާޑޯ ޓޯސްޓަކީ އެންމެ ރަނގަޅު ޗޮއިސް އަށް ވާނެ އެވެ.

ބޭނުންވާ ތަކެތި

- ދެ ފޮތި ޕާން. (ޓޯސްޓު ކޮށްފައި)
- 1 އެވޮކާޑޯ (ފޮތިކޮށްފައި)
- 1 މޭޒުމަތީ ސަމްސާ ޒައިތޫނި ތެޔޮ
- 1 ސައިސަމްސާ ލުނބޯ ހުތް
- 1/8 ސައިސަމްސާ ފުނޑިމިރުސް
- ލޮނު

ތައްޔާރު ކުރާނެ ގޮތް

މިއީ ތައްޔާރުކުރަން ވަރަށް ފަސޭހަ އެއްޗެކެވެ. ބޭނުންވާނީ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓެވެ. އެންމެ ފުރަތަމަ ޕާން ފޮތީގެ މަތީގައި އެވޮކާޑޯ ކޮޅު ބޭއްވުމަށްފަހު ޗަސް ކޮށްލާށެވެ. ދެން އޭގެ ތެރެއަށް ތެޔޮ ފޮދާއި ލުނބޯ ހުތް ފޮދު މަތި މަތިން ޑްރިޒްލްކޮށްލާށެވެ. އެއަށްފަހު ލޮނު އަދި މިރުސް ކޮޅުވެސް ސްޕްރިންކްލް ކޮށްލާށެވެ.