ހަބަރު

އެޗްއާރްސީއެމުން ހުށަހެޅީ ޖޫރިމަނާތައް އުނިކުރަން

އަބުރު ރައްކާތެރިކުރުމައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ބެހޭ ބިލުގައި ޖޫރިމަނާތައް ހިމަނާފައިވާ މާއްދާ އުނިކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމުން) އިން ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމުން އަމިއްލައަށް ފޮނުވައިގެން މި ހުށަހެޅުން ހުށަހެޅި އިރު އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމައި ބެހޭ ބިލަށް ފިގުހު އެކަޑަމީއިން ދިން ލަފާތަކާ ގުޅިގެން އެ ބިލް ދިރާސާ ކުރާ 11 މެންބަރުންގެ ވަގުތީ ކޮމިޓީއަށް އިތުރު އިދާރާއަކާއި އާންމުންގެ ހިޔާލު ނުހޯދަން އެ ކޮމިޓީއިން އޮތީ ނިންމާފަ އެވެ.

ނަމަވެސް އެޗްއާރްސީއެމްން ވަނީ ހިޔާލުތަކެއް ހުށަހަޅާފަ އެވެ. އެ ގޮތުން ފޮނުވި ހިޔާލުތަކުގައި ބުނަނީ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަކީ ގާނޫން އަސާސީއިން ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ ހައްގެއް ކަމަށާއި ހިޔާލު ފާޅުކުރުމުގެ ބައި އުނިކޮށް އަބުރު ރައްކާތެރި ކުރެވޭނެ ހަރުދަނާ ނިޒާމެއް އެކުލެވޭ ގޮތަށް އެބިލު އެކުލަވާލުމަށް އެދޭ ކަމަށެވެ. އަދި އަބުރުގެ ބިލުގައި މިހާރު ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދުތަކަކީ ނިސްބަތުން ބޮޑު އަދަދެއްކަން ފާހަގަކުރާ ކަމަށާއި އޭގެ ސަބަބުން ނޫސްވެރިކަމައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމައި ހުރަސް އެޅޭނެ ކަމަށެވެ.

އެބަރުގެ ބިލަށް އެޗްއާރްސީއެމް އިން ހުށަހެޅި އިސްލާހުތަކުތެރޭގައި 50،000 އާއި 2،000،000 ރުފިޔާއާ ދެމެދު އަދަދަކަށް ޖޫރިމަނާ ކުރާ މާއްދާ އުނިކުރުމުގެ އިތުރުން އިސްތިއުނާފް ކުރުމުގެ ހައްގާގުޅޭ މާއްދާ ވެސް އުނި ކުރަން ހުށަހަޅައިފައެވެ. އަދި ޖޫރިމަނާ ނުދައްކައިފި ޖިނާއީ ދައުވާ އުފުލައި ގޮތަށް އޮތް މާއްދާ މަދަނީ ދައުވާއަކަށް ބަދަލު ކުރަން ވެސް އެޗްއާރްސީއެމުން ހުށަހެޅި އެވެ. އެކޮމިޝަނުން ބުނީ އަބުރާ ބެހިގެން މަދަނީ ދައުވާއެއް އުފުލިޔަސް ބިލުގައި ބުނާ މަގްސަދު ހާސިލްވާ ކަމަށެވެ.

އެޗްއާރްސީއެމްއިން އިތުރު އިސްލާހު ތަކުގެތެރޭގައި ހިމެނެނީ ޖަލްސާ ނުވަތަ ޕޯޑިއަމްތަކުގައި ދައްކާވާހަކަތައް ރިޕޯޓު ކުރާ އިރު ބަސް ރައްދުވާ ފަރާތުގެ ބަހެއް ނުހޯދިޔަސް ދައްކާ ވާހަކައެއްގެ މާނަ ނުގެއްލޭ ގޮތަށް ރިޕޯޓު ކުރުން ދިފާއެއް ގޮތުގައި ހެދުމަށެވެ. އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ހިޔާލު ފާޅު އެހެން ގާނޫނުތަކުން މަނާވާ ކަމަށް ބުނެ މި ބިލުގައި އެކަމަށް އޮތް މާއްދާ އުނި ކުރަން ފެންނަ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަބުރުގެ ބިލު ދިރާސާ ކުރާ ކޮމިޓީއިން އިތުރު އިދާރާތަކުން ހިޔާލު ނުހޯދަން ނިންމާފައިވާ އިރު މިހާތަނަށް ވަނީ މި ބިލާ ގުޅޭގޮތުން މީޑިއާތަކައި ފިޖުހު އެކަޑަމީގެ އިތުރުން މީޑިއާ ކައުންސިލް އަދި ބްރޯޑްކޮމްގެ ހިޔާލު ހޯދާފައެވެ. އަދި މިމަހު 25ގެ ކުރިން އަބުރުގެ ބިލު ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ވެސް އެކޮމިޓީއިން ވަނީ ނިންމައިފައެވެ.