ޕިއްޒާގެ ވާހަކަ އަނެއްކާވެސް މިއޮތީ ފަލަ ސުރުހީ ފަވާލާފަ އެވެ. އެކަމަކު މިފަހަރު، ބާވަތެއް ނުވަތަ މީރު ރަހައެއްގެ ވާހަކައެއް ނޫނެވެ. ނުވަތަ އާ ބްރޭންޑެއްގެ ވާހަކައެއް ވެސް ނޫނެވެ. މިއީ ޕިއްޒާ ފޭނުންނަށް އުފާވެރި ހަބަރެކެވެ. ޕިއްޒާ ކާހިތުން އޯޑަރެއް ދީގެން ދެ އަތުގައި ތެޔޮލައިގެން ސިޓިން ރޫމުގެ ސޯފާގައި ދޮރަށް ބަލަހައްޓައިގެން ތިބެން ޖެހޭ ދުވަސް ނިމުމަކަށް އަންނަނީ އެވެ. ފުރަތަމަ ފަހަރަށް ޕިއްޒާ އޭޓީއެމެއް ތައާރަފްކޮށް، އެމެރިކާގެ އޮހައިއޯގެ އަވަށެއްގެ ކޮލެޖަކުން މިވަނީ، ދުވެލާފައި ގޮސް އޭޓީއެމަކަށް ވަދެ އެންމެ ބޭނުންވާ ރަހައެއްގެ ޕިއްޒާ އަތްމައްޗަށް ލައިގެން ގެއަށް އާދެވިދާނެ ކަމުގެ އުންމީދު އާކޮށްދީފަ އެވެ.
އޮހައިއޯގެ ސިންސިނާޓީގައި ހުންނަ ޒެވިއާ ޔުނިވަސިޓީން އެ ގައުމުގެ ކުންފުންޏަކާ ގުޅިގެން ކުރި ބުރަ މަސައްކަތަކަށްފަހު ބެހެއްޓި ޕިއްޒާ އޭޓީއެމް މިހާރު ވަނީ ޓެސްޓު ކުރަން ފަށާފަ އެވެ. މި އޭޓީއެމަކީ މުޅި އުތުރު އެމެރިކާގައި ވެސް އެންމެ ފުރަތަމައަށް ގާއިމްކުރި ޕިއްޒާ އޭޓީއެމެވެ. 24 ގަޑިއިރު ހިދުމަތް ލިބޭ ގޮތަށް ބަހައްޓަން ނިންމާފައިވާ އެ އޭޓީއެމަށް، ތައްޔާރުކޮށްފައި ހުންނަ 70 ޕިއްޒާ އެއްފަހަރާ އަޅައިލެވެއެވެ. އޭޓީއެމްގެ ފައިސާ ސްލޮޓަށް ނުވަ ޑޮލަރު ލުމަށްފަހު ބޭނުންވާ ވައްތަރެއްގެ ޕިއްޒާ ހިމެނޭ ފިތަށް ފިލާތުލުމުން ކުޑަ އިރުކޮޅެއް ތެރޭ ޕިއްޒާ ހޫނުވެގެން ނިކުންނާނެ އެވެ.
މި އޭޓީއެމް މިހާރު ޓެސްޓު ކުރަމުން ދިޔަ ނަމަވެސް މިމަހުގެ 22 ވަނަ ދުވަހު ހުޅުވައި، އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ބޮޑު ރަސްމިއްޔާތަކާއެކު ހުޅުވަން ވަނީ ނިންމާފަ އެވެ.
ޒެވިއާ ކޮލެޖުގައި ޕިއްޒާ އޭޓީއެމް ގާއިމްކުރާ ފަރާތުން ބުނެފައިވަނީ މިއަހަރު ނިމުމުގެ ކުރިން 20 ޕިއްޒާ އޭޓީއެމް ދުނިޔޭގެ އެކި ހިސާބުތަކުގައި ތައާރަފްކުރުމަށް ޕްލޭން ހަދަމުންދާ ކަމަށެވެ.
ޕިއްޒާ އޭޓީއެމަކީ މުޅިން އާ އީޖާދަކަށް ވީނަމަވެސް، މިގޮތަށް އެހެނިހެން ކާއެއްޗެހި ނެގޭ އޭޓީއެމްތައް ދުނިޔޭގެ ބައެއް ގައުމުތަކުގައި ހުރެ އެވެ. އެފަދަ ބައެއް އޭޓީއެމްތަކުން ކަޕްކޭކާއި އެނޫންވެސް އެފަދަ ބައެއް ކާއެއްޗިހި ނެގޭގޮތަށް ހުރެ އެވެ.
ރާޢްޖެއަކީވެސް ޕިއްޒާއަށް ދެވި ހިފާފައިވާ ގިނަ ބަޔަކު ދިރިއުޅޭ ގައުމެކެވެ. އެހެންކަމުން މިބާވަތުގެ މެޝިނެއް ރާއްޖެއަށް ވެސް ހަމަ އެންމެ ފުދޭނެ އެވެ.