ވިޔަފާރި

އުރީދޫ ސްމާޓް ކެމްޕަސް އިން ޕޮލިޓެކްނިކްގެ ކޯސްތައް ފުޅާކޮށްލައިފި

Aug 7, 2016

އުރީދޫ އާއި މައިކްރޯސޮޕްޓާ ގުޅިގެން ރާއްޖޭގައި ފަށާފައިވާ "ސްމާޓް ކެމްޕަސް" މެދުވެރިކޮށް ޕޮލިޓެކްނިކްގެ ކޯސްތައް މުޅި ރާއްޖެއަށް ފުޅާކޮށްލައިފި އެވެ.

އުރީދޫން "ހޮޓެލް ޖެން" ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އެންމެ އިސްކަމެއް ދެއްވަނީ ހުނަރުވެރި އާބާދީއެއް ބިނާކުރުމަށް ކަމަށާއި، މި އެއްބަސްވުމުން އެ ކަމަށް ބާރު ލިބިގެންދާ ކަމަށެވެ.

"ރައީސް ޔާމީންގެ އެންމެ އިސް ވައުދަކީ އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ވައުދު. ތަފާތު ކުރުމެއް ނެތި ތައުލީމާއި، ތަމްރީނާއި ތަރުބިއްޔަތުގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ރައީސް އަބްﷲ ޔާމީންގެ ސަރުކާރުން ވެފައިވާ ވައުދުތައް މާތްﷲ ގެ ވާގިފުޅާއެކު އަންނަނީ ކާމިޔާބުކަމާއެކު ފުރިހަމަވަމުން،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އުރީދޫ ސްމާޓް ކެމްޕަސް މެދުވެރިކޮށް ޕޮލިޓެކްނުގައި ކޯސްތައް އުރީދޫ އިން ފޯރުކޮށްދެނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ އެވެ. އަދި މި ހިދުމަތް މެދުވެރިކޮށް ރާއްޖޭގައި ކޮންމެ ރަށެއްގައި ހުރެގެން ވެސް ޕޮލިޓެކްނިކްގައި ކުރިއަށްދާ ތަފާތު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މި ނިޒާމު ފަރުމާކޮށްފައިވާ ގޮތުން ކްލާހެއް ގެއްލުނުނަމަ ވެސް ކްލާސް ރެކޯޑް ހުންނާނެ އެވެ. އަދި ކްލާސްތައް ކުރިއަށް ދާއިރު ލެކްޗަރާ އަށް ވަގުތުން ސުވާލުކޮށް ހެދުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

އުރީދޫ ސްމާޓް ކެމްޕަސްއާ ބެހޭ ގޮތުން ސީއީއޯ ވިކްރަމް ސިންހަ މިއަދު ވިދާޅުވީ އެ ކުންފުނިން މި ހިދުމަތް ތައާރަފު ކުރީ ބުރަ މަސައްކަތްތަކާއެކު، ގިނަ ގޮން ޖެހުންތަކެއް ވެސް ކުރިމަތިވެގެން ކަމަށާއި، ނަމަވެސް މި މަޝްރޫއަކީ ރާއްޖެ ފަދަ ގައުމަކަށް މުހިންމު ކަމެއް ކަމަށެވެ.

"ޓެކްނޮލޮޖީ މެދުވެރިކޮށް އެނޫން ގޮތް ގޮތުން ނުލިބޭ ވަރަށްގިނަ ފުރުސަތުތަކެއް މުޖުތަމައަށް ލިބޭނެ. އުރީދޫއިން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ މީހުންނަށް މި ފަދަ ފުރުސަތުތަކާއި ގުޅުވާލުމަށް. މޯލްޑިވްސް ޕޮލިޓެކްނިކަނީ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ހުނަރުވެރިން ތަމްރީން ކުރުމަށް ރާއްޖޭގައި ގާއިމްކުރި ފުރަތަމަ މުއްސަސާއަށްވާއިރު، ޕޮލިޓެކްނިކްގެ ދަރިވަރުންނަށް ތަމްރީން ދެވޭނީ ހިލޭ،" ވިކްރަމް ވިދާޅުވި އެވެ.