ވިޔަފާރި

ރާއްޖެއަށް ތައުލީމީ އާ ގޮތްތަށް ތައާރަފުކުރަން އެހީވާނަން: މައިކްރޯސޮފްޓް

Aug 7, 2016

ރާއްޖެއަށް ތައުލީމީ އާ ގޮތްތަށް ތައާރަފުކުރަން މައިކްރޯސޮފްޓުން އެހީވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

"އުރީދޫ ސްމާޓް ކެމްޕަސް" މެދުވެރިކޮށް ޕޮލިޓެކްނިކު ކޯސްތައް މުޅިރާއްޖޭގައި ފެށުމަށް "ހޮޓެލް ޖެން" ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދުނިޔޭގެ އެންމެ ބޮޑު ކޮމްޕިއުޓަރު ކުންފުނި ކަމަށްވާ މައިކްރޯސޮފްޓު އޭޕެކްގެ އެޑިއުކޭޝަން ޑައިރެކްޓަރު ޑޮން ކާލްސަން ވިދާޅުވީ ރާއްޖޭގެ ތައުލީމީ މުއްސަސާތަކުން އާ ގޮތްތައް ތައާރަފު ކުރުމަށް ކުރާ މަސައްކަތުގައި އެހީވާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދޭ ކަމަށެވެ.

"މައިކްރޯސޮފްޓުގެ ތަސައްވަރު ބިނާވެފައިވަނީ ހުރިހާ އެންމެންވެސް ބައިވެރިވެވޭ ޝައުގުވެރި ކުރުވަނިވި، ތަޖުރިބާތަކެއް ފޯރުކޮށްދީން، ހަޔާތުގެ ކޮންމެ ހިސާބެއްގައި ވެސް ތައުލީމް ހޯދުމުގެ ޖޯޝު އާލާކުރުމަށް،" ކާލްސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުރީދޫ އާއި މައިކްރޯސޮފްޓު ގުޅިގެން ދެމުން ގެންދާ "ސްމާޓް ކެމްޕަސް" މެދުވެރިކޮށް، ދަރިވަރުން މުއާސަލާތު ކުރުމާއި އެކުގައި މަސައްކަތް ކުރުން އަދި ބިނާ ކުރުވަނިވި ފާޑު ކިޔުމާއި އުފެއްދުންތެރިކަން ފަދަ ހުނަރުތައް ކުރިއެރުވޭނެ ކަމަށެވެ.

"އުރީދޫ އާއެކު ސޮއިކޮށްފައިވާ ޕާޓްނާޝިޕްގެ ދަށުން ދަރިވަމުންނަށް ކްލާސްރޫމް ބޭރުންނާއި އެތެރެއިން ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވާފަދަ ހުނަރުތައް ތަރައްގީ ކުރެވޭނެ.ހީވެސް ނުކުރާހާ ކުރިއެރުންތަކާއި ހަމައަށް އެ ކުދިން ވާސިލް ކޮށްދޭނެ،" ކާލްސަން ވިދާޅުވި އެވެ.

އުރީދޫއާއި މައިކްރޯސޮފްޓު ގުޅިގެން ދެމުން އަންނަ "ސްމާޓް ކެމްޕަސް" ހިދުމަތް މެދުވެރިކޮށް ވަގުތުން ކްލާސްތަކުގައި ބައިވެރިވުމުގެ އިތުރުން، ގެއްލޭ ކްލާސްތައް ވެސް ރެކޯޑްވެފައި ހުރެ އެވެ.