ސްޓެމް މާއްދާތަކަށް ސްކޫލް ކުދިންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އުރީދޫ މޯލްޑިވްސް އިން އުރީދޫ ސްޓެމް ފެއާގެ ނަމުގައި ފެއާއެއް ބާއްވަން ހަމަޖައްސައިފި އެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ މި ފެއާގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ފަދަ ތަފާތު ސްޓެމް ދާއިރާތަކުން ދަރިވަރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ދައްކާލެވޭނެ އެވެ.
މި ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަހު އިއްޒުއްދީން ސްކޫލް ހޯލުގަ އެވެ.
އުރީދޫ ސްޓެމް ފެއާގެ މަގުސަދަކީ ސްޓެމް ދާއިރާ އިން ދަރިވަރުން ހޭލުންތެރިކުރުވައި ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބުގެ ބޭނުން ކުރިއެރުވުމަށް މަގުފަހިކުރުމެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި ފެއާ ވެގެންދާނީ ސްޓެމް މާއްދާތައް ތަޖުރިބާކޮށް، އިންޑަސްޓްރީގެ ފަންނުވެރިންގެ ކިބައިން އިބްރަތް ހާސިލްކޮށް، އެކުދިންގެ އުފެއްދުންތެރިކަމާއި، އީޖާދީ ވިސްނުމާއި ފަންނީ ހުނަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ތައުލީމީ އަދި ހިތްވަރު ލިބޭ ތަޖުރިބާއަކަށް ކަމަށެވެ.
"ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ރާއްޖޭގެ ޒުވާނުންގެ މެދުގައި ސްޓެމް މާއްދާތަކުގެ ތައުލީމު ކުރިއެރުވުމަކީ މުހިއްމު ކަމެއް. އުރީދޫ ސްޓެމް ފެއާ އަކީ ދަރިވަރުންގެ ހުނަރާއި ވިސްނުން ދައްކާލައި، އިބްރަތް ހާސިލްކޮށް، އެކުދިންގެ ވަށައިގެން ހިނގަމުންދާ އީޖާދުތަކުން ހިތްވަރު ލިބުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް. ސްޓެމް ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން ދެނެގަނެ، އެކުދިންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ހުސައިން ނިޔާޒު ވިދާޅުވި އެވެ.
އުރީދޫ ސްޓެމް ފެއާ އަކީ ބައިވެރިވާ ހުރިހާ ދަރިވަރުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މަޖާ، އިބުރަތްތެރި އަދި ތައުލީމީ ހަރަކާތަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އުރީދޫ ދެއެވެ. އާންމުންނަށް ހުޅުވާލާފައިވާ މި ފެއާއަށް ޒިޔާރަތްކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އުރީދޫއިން ދައުވަތު ދެއެވެ.