ހަބަރު

ކަނޑުގެ ލޮނުގަނޑު އުފުލުމުން ނުރައްކާ ބޮޑީ ތަރައްގީވެފައިވާ ރަށްތަކަށް: ދިރާސާ

ކަނޑުގެ ލޮނުގަނޑު އުފުލި ދިވެހިރާއްޖެ އާއި ކުދި ޖަޒީރާ އެހެން ގައުމުތަކުގެ ރަށްތައް އަޑިއަށް ހިނގައިދާނެ ކަމަށް ބުނި ނަމަވެސް ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ރަށްތަކަށް މާބޮޑު ނުރައްކަލެއް ނެތް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ނިއު ޒީލެންޑުގެ ޔުނިވަސިޓީ އޮފް އޯކްލެންޑުގެ ސްކޫލް އޮފް އެންވަޔަމަންޓްގެ ގިއޯމޮފޮލޮޖިސްޓް ޕޯލް ކެންޗްގެ އަދި އޮސްޓްރޭލިއާ އާއި ފިޖީގެ ތަޖުރިބާކާރުންގެ ދިރާސާއަކާ ހަވާލާދީ ނެޝަނަލް ޖިއޮގްރަފިކުން ބުނީ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ވަރަކަށް، ފަރުތަކުގެ މަތީގައި ހެދިފައިވާ ރަށްތަކަށް ވެސް ބަދަލުތައް އަންނަ ކަމަށާާއި ގިނަ ރަށްތަކުގެ ސައިޒު ކުޑަވުމުގެ ބަދަލުގައި އަންނަނީ ބޮޑުވަމުން ކަމަށެވެ. ލޮނުގަނޑު އުސްވުމުން ފަރުތަކާއި ރަށްތަަކަށް އަންނަ ބަދަލު ދެނެގަތުމަށް ކުރަމުންދާ މި ދިރާސާ އިން އެނގިފައި ވަނީ ބިޔަ އިމާރާތްތައް އަޅައި ކަނޑު ތޮށިލައި އަދި ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގާފައި ނުހުންނަ ރަށްތަކަށް ކަނޑު ލޮނުގަނޑު އުފުލުމުގެ ނުރައްކާ ކުޑަ ކަމަށެވެ. އެގޮތުން، އުމްރާނީ ގޮތުން ބޮޑެތި މަސައްކަތްތައް ކޮށްފައި ނެތް ރަށްތަކަކީ ކުރިއަށް އޮތް 100 އަހަރު ވެސް ސަލާމަތުން އޮވެވިދާނެ ރަށްތައް ކަމަށް ފާހަގަވެފައިވެ އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ނިސްބަތުން ބޮޑީ ބިޔަ އިމާރާތްތަކާއި ކަނޑު ތޮއްޓާއި މަގުތައް އަދި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވާ ރަށްތަކަށް ކަމަށާއި އެގޮތުން ދިވެހިރާއްޖެ އާއި ކިރިބަތީ އާއި ޓުވާލޫގެ ވެރިރަށަށް ނިސްބަތުން ނުރައްކާ ބޮޑު ކަމަށް ފާހަގަކޮށްފައިވެ އެވެ. ދިރާސާގައި ބުނެފައި ވަނީ ތަރައްގީގެ ބޮޑެތި މަސައްކަތްތަކާ އެކު ރަށްތަކުގެ ހެދި ބޮޑުވުން ހުއްޓުވާލާ ކަމަށާއި ކަނޑުގެ ލޮނުގަނޑާ އެކު ފަރު މައްޗަށް އުފުލޭއިރު ރަށް އުފުލުމަށް ހުރަސް އެޅޭ ކަމަށެވެ. 

ކަނޑުގެ ލޮނުގަނޑު ބޮޑުވުމުން، ރަށް އުފެދިފައި އޮންނަ ފަރު ވެސް މައްޗަށް ހެދި ބޮޑުވެ އެވެ. އެކަމަކު ތަރައްގީގެ މަޝްރޫއުތައް ވަނީ ފަރާ އެކު ރަށް މައްޗަށް އުފުލުމަށް އެޅޭ ހުރަހަކަށެވެ.

މި ދިރާސާގައި 600 ފަރާއި ރަށުގެ މައުލޫމާތު އެއްކޮށްފައިވެ އެވެ. ޕެސިފިކް އަދި އިންޑިއާ ކަނޑުގެ ފަރުތަކާއި ރަށްތަކުގައި ކުރި ދިރާސާ އިން އެނގުނީ 80 ޕަސެންޓް ރަށަކީ މިދިޔަ ޒަމާންތަކުގައި ކުޑަ ވުމުގެ ބަދަލުގައި ބޮޑުވެފައިވާ ރަށްތައް ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ގިރާލައި ނުވަތަ މޫދުގެ ތެރެއަށް ރަށުގެ ބައިތައް ގޮސްފައިވާ ކަމަށް އެނގިފައި ވަނީ 20 ޕަސެންޓް ރަށުގަ އެވެ.

ބައެއް ރަށްތައް 10 އަހަރު ތެރޭ 14 އޭކަރް (5.6 ހެކްޓަރު) އަށް ބޮޑުވެފައިވެ އެވެ. އެގޮތުން ޓުވާލޫގެ އެންމެ ބޮޑު އަތޮޅު ކަމަށްވާ 33 ރަށް ހިމެނޭ 'ފުނަފުޓި' އަށް މިދިޔަ 115 އަހަރު ތެރޭ 32 ހެކްޓަރުގެ ބިން އިތުރުވެފައިވާ ކަމަށް ވެސް ދިރާސާ އިން ވަނީ އެނގިފަ އެވެ.

ދިރާސާގައި ބެލި ރަށްތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބައި ރަށް މިދިޔަ ޒަމާންތަކުގައި ވަނީ ކަނޑުގެ އުސްމިނާއި އޮއިވަރަށް އައި ބަދަލާ އެކު، އެކި ގޮތްގޮތަށް ބަދަލުވެފަ އެވެ. ތުނޑި އާއި ފަޅު އޮންނަ ދިމާ އެކި ދުވަސްވަރު އެކި ގޮތަށް ބަދަލުވެފައިވާކަން ވަނީ ހާމަވެފަ އެވެ. މިގޮތުން ޓުވާލޫގެ ރަށެއް މިދިޔަ 40 އަހަރު ތެރޭ 350 ފޫޓަށް ޖެހިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.