އޭސީސީ

ކުރީގެ ސްޓޭޓް މިނިސްޓަރަކަށް މުސާރައާ އިނާޔަތް ދިނީ ރަނގަޅަށް: އޭސީސީ

Aug 8, 2016

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެއްގެ ހާޒިރީއަށް ބަލާއިރު އޮފީހަށް ވަޑައިގަންނަވަންޖެހޭ ދުވަސްތަކުގެ 55 ޕަސެންޓް ދުވަހު ރަށުންބޭރުގައި ހޭދަކުރައްވާފައިވާއިރު މުސާރާއާއި އިނާޔަތް އުނި ނުކޮށް ދިން ދިނުމުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ބެލެވެން ނެތް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އޭސީސީން ބުނީ ޖެނުއަރީ 2010 އިން ޑިސެމްބަރު 2010 ގެ ނިޔަލަށް އޭނާގެ މުސާރަ އާއި، އިނާޔަތުގެ ގޮތު 453،200.00ރ. ގައުމީ އިދާރާއިން ހަރަދުކޮށްފައިވާ ކަމަށާއި 2010 ގެ އޮކްޓޫބަރުން ފެށިގެން ސްޓޭޓް މިނިސްޓަރުގެ ހާޒިރީ ބެލެހެއްޓުން ހުއްޓާލާފައިވާ ކަމަށެވެ.

މި މައްސަލަ ބެލުމަށް ފަހު އޭސީސީން ބުނީ އެ މުއްދަތުގައި ހާޒިރީ ރެކޯޑްތައް ލިބިފައިނުވާތީ އެ ދުވަސްވަރަށް މުސާރާއާއި ޢިނާޔަތްތައް ދީފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަން ބެލެވޭނެ ހެކި ލިބެން ނެތް ކަމަށެވެ.

އަދި އެ ދުވަސްވަރު މުސާރަ ދިނުމުގައި އަމަލުކުރާ އުސޫލެއް 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ހަމައަށް އެކުލަވާލެވިފައިވާކަން އެނގެން ނެތް ކަމަށާއި އެފަދަ އުސޫލެއް އައިސްފައި ވަނީ 2012 ގައި ކަމަށްވާތީ މިއީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބޭ މައްސަލައެއް ނޫން ކަމަށެވެ.