ވިޔަފާރި

އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކުރުމާބެހޭ ގަވާއިދެއް އެކުލަވާލައިފި

Aug 9, 2016

ރާއްޖޭގައި އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކުރުމާބެހޭ ގަވާއިދެއް ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެކުލަވާލައިފި އެވެ.

ސީއެމްޑީއޭ އިން ނެރެފައިވާ "އިންވެސްޓްމަންޓް ފަންޑް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދު" ގައިވާ ގޮތުން އިންވެސްޓްމަންޓް ފަންޑެއް ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތަކީ "ޕާޓްނާޝިޕް ގާނޫނުން" ރަޖިސްޓްރީކޮށްފައިވާ ލިމިޓެޑް ލައިބިލިޓީ ޕާޓްނަރެއް ނުވަތަ ދިވެހި ކުންފުންޏާ ބެހޭ ގާނޫނުން ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ވާންވާނެ އެވެ.

މި ގަވާއިދުގައިވާ ގޮތުން އިންވެސްޓްމަންޓް ފަންޑެއް ރަޖިސްޓްރީ ކުރާ ފަރާތަކުން އާއްމުކޮށް ހިއްސާ ނުވަތަ ޔުނިޓް ވިއްކުމަށް ހުޅުވައިލެވޭނީ ރަޖިސްޓްރީކޮށްފައިވާ ޕަބްލިކް ކުންފުންޏަކަށް ނުވަތަ 10 ޕާޓްނަރުންނަށް ވުރެ މަތީ އަދަދަކަށް ޕާޓްނަރުން ހިމެނޭ ޕާޓްނާޝިޕަކަށެވެ.

އިންވެސްޓްމަންޓް ފަންޑުގައި ހިމެނޭ ބައެއް ބައިތައް

  • ފަންޑުގެ ނަން، ބާވަތް، މުއްދަތު
  • ފަންޑު ސްޓަރަކްޗާ ކުރެވިފައިވާ ގޮތް
  • ފަންޑުގެ މަގުސަދު، އިންވެސްޓް ކުރުމުގައި ގެންގުޅޭނެ އުސޫލުތައް، އިންވެސްޓްމަންޓުގެ ނިންމުންތައް ނިންމާނެ އިޖުރާތުތައް
  • އަގު އަދާކޮށްފައިވާ ކެޕިޓަލްގެ މިންވަރު
  • އިންވެސްޓްމަންޓް ފަންޑު މެނޭޖުކުރާނެ ގޮތް
  • ކަސްޓޯޑިއަނެއް ހަމަޖައްސާނަމަ އެކަން
  • އިންވެސްޓްމަންޓް އެޑްވައިޒަރު ފަންޑުގެ ފައިސާ ދައްކާފައިވާނަމަ، ނުވަތަ ދެއްކުމަށް އެއްބަސް ވެފައިވާނަމަ އެ ފައިސާގެ މިންވަރު
  • ފަންޑުގެ ފައިސާ ނުވަތަ ޔުނިޓް ވިއްކުމަށް ކަނޑައަޅާނެ މިންވަރު
  • އިންވެސްޓްމަންޓް އެޑްވައިޒަރު، ކަސްޓޯޑިއަން ނުވަތަ އެހެން ފަރާތަކުން ފަންޑަށް ފީއާއި ހަރަދު

މި ގަވާއިދުގައިވާ ގޮތުން އިންވެސްޓްމަންޓް ފަންޑުގެ ޕޯޓްފޯލިއޯ މިންވަރު ފަސް މިލިއަން ރުފިޔާއަށްވުރެ އިތުރުވާނަމަ ފަންޑުގެ މެނޭޖަރެއް ކަމުގައި ވާންޖެހޭނީ އޮތޯރިޓީން ލައިސަންސް ދީފައިވާ އިންވެސްޓްމަންޓް އެޑްވައިޒަރެކެވެ.