- ކުވޭތު ފަންޑުން ދިނީ 50 މިލިއަން ޑޮލަރު
- ލޯނު ދައްކަން 20 އަހަރު ލިބޭނެ
- ގިނަ މަޝްރޫއުތަކަށް މީގެ ކުރިންވެސް ފަންޑުދިން
ކުވޭތު ފަންޑުން ރާއްޖެއަށް ދިނުމަށް މިއަދު ސޮއިކުރި 50 މިލިއަން ޑޮލަރުގެ (ގާތްގަނޑަކަށް 771 މިލިއަން ރުފިޔާ) ގެ ލޯނަކީ އަރަބި ނޫން ގައުމަކަށް އެ ފަންޑުން މިހާތަނަށް އެއް ފަހަރާ ދޭ އެންމެ ބޮޑު ލޯނު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އާ ޓާމިނަލް ތަރައްގީ ކުރުމަށް ކުވޭތު ފަންޑު ފޯ އެރަބް އިކްނޮމިކް ޑިވެލޮޕްމެންޓާއެކު ލޯނު އެއްބަސްވުމުގައި ސޮއިކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ މިއިން އެނގެނީ ރާއްޖޭގެ ވިޔަފާރީގެ ވެށި އެހެން ހަރުފަތަކަށް ދަތުރު ކުރަމުން ދިއުން ކަމަށެވެ.
"މީގެން އެނގެނީ ރާއްޖޭގެ އިގްތިސާދު އެހެން ލެވަލް އަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވާ އަމާޒު ރަނގަޅުކަން. މި އެހީ ނުވަތަ ލޯނުތައް ގެނެސް ރާއްޖޭގެ އިންފްރާސްޓަކްޗާ އެބަ ރަނގަޅުވޭ. ރާއްޖޭގެ ޕްރައިވެޓް ސެކްޓަރު އެބަ ފުޅާވޭ. ޓޫރިޒަމާ ގުޅުންހުރި ވިޔަފާރި ފުޅާވަމުންދާއިރު، މުހިންމު ބަދަލުތައް ވެސް ގެނެސްދޭ،" އެއާޕޯޓް ޑިވްލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ ޗެއާ ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ފައްޓަވާފައިވާ މުހިންމު މަޝްރޫއުތައް ކުރިއެރުން ލިބިގެންދާއިރު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ.
"ދާދިފަހުން ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ވަޑައިގެން ވެސް ވިދާޅުވެއްޖެ [ރާއްޖޭގެ އިގްތިސޯދުގެ ކުރިއެރުންތައް]ދުނިޔޭގެ އެހެން ކޮމާޝަލް ބޭންކްތަކުން [ރާއްޖޭގެ] ޕްރައިވެޓް ސެކްޓަރަށް ވެސް ދަނީ ފަންޑް އެންޑޯސް ކޮށްދެމުން. ސްޓޭޓް ސަރުކާރުންކުރާ މަސައްކަތް ތަކަށްވެސް، [ދަނީ ފަންޑް ކޮށްދެމުން]،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހުރި ކަންކަން ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، ދުވަސްކޮޅެއްގެ ތެރޭގައި ހުޅުލެ އާއި މާލެ ގުޅާލެވޭނެ ކަމަށެވެ.
"އެއާޕޯޓްގެ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށިއްޖެ. އަޅުގަނޑު މި ބަލަނި ތަންކޮޅެއް ބޮޑު ޑްރެޖަރެއް ގެނެސް މަސައްކަތް ހަލުވި ކުރަން. މި މަސައްކަތް ނިމޭއިރު އެއާޕޯޓްގައި އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭނެ،" ސައީދު ވިދާޅުވި އެވެ.
ކުވޭތު ފަންޑުން އައިއެންއައިއޭ ތަރައްގީއަށް ދިން މިލޯނު ދެއްކުމަށް 20 އަހަރު ލިބޭނެ އެވެ. މީގެ ކުރިން ވެސް ތަފާތު އެކި މަޝްރޫއުތަކަށް ކުވޭތު ފަންޑުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.