މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ނޫސްތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ އާންމު މެންބަރު ކަމުގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީޑިއާ ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލްގެ އާންމު މެންބަރު ކަމުގައި އިންނެވި ލީޝާ މުހައްމަދު ކައުންސިލުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އާންމު މެންބަރެއްގެ ގޮތުގައި ލީޝާ މީޑިއާ ކައުންސިލަށް އިންތިހާބުވީ 2014 ވަނަ އަހަރު އެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެމްއެމްސީ މެންބަރުންގެ ތެރެއިން އާންމުންގެ ފަރާތުން ތަމްސީލުކުރާ މެންބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމަށާއި އެމްއެމްސީގެ މެންބަރަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާ ކަމަށެވެ. ޝައުގުވެރިވާ ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ސިޓީ ލުމަށް ވެސް އެދިފައި ވެއެވެ.

މީޑިއާ ކައުންސިލްގައި ތިއްބަވަނީ 15 މެންބަރުންނެވެ. އޭގެ ތެރެއިން މިހާރު ތިއްބެވީ މުޙައްމަދު އާސިފާއި އަޙްމަދު ޝަރީފް ނަފީސް އާއި ހިދާޔަތު ﷲ އާއި އަޙްމަދު ހަމްދޫނާއި ހަފްސީ އަބްދުﷲ އާއި މުޙައްމަދު ރަފީގާއި މުޙައްމަދު އަފްޒަލް އާމިރު އާއި
މުޙައްމަދު އާމިރު އަޙްމަދާއި ޙުސައިން ޙަސަނާއި އައިމިނަތު ހަސަނާއި މުޙައްމަދު މުރާދާއި އަޙްމަދު ޒަކީ ނާފިޒާއި އަޙްމަދު މިޒްމާދާއި އަބްދުއްލަތީފް އަޙްމަދެވެ.