ފުލުހުންގެ އެއްވެސް ކޮމާންޑަރަކު އެއްވެސް ފުލުހަކަށް ގާނޫނާ ހިލާފު އަމުރެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް ވިދާޅުވެއްޖެ އެވެ.
ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އަރީފް ވިދާޅުވީ ގާނޫނީ މަސައްކަތަކާއި ގައުމީ ހިދުމަތުގެ ވާޖިބު އަދާކުރަމުން އަންނަ އިރު ފުލުހުން މަސައްކަތް ކުރަނީ ގާނޫނާ އެއްގޮތުގެ މަތިން ކަމަށާއި އެކަން ކޮންމެ ކޮމާންޑަރަކުވެސް ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. ފުލުހުންގެ މަަސައްކަތްތަކުގައި ލިބެމުންދާ އެންމެ ބޮޑު ކާމިޔާބީއަކީ ގުޅިގެން މަސައްކަތް ކުރުން ކަމަށްވާއިރު އެކަން ދަމަހައްޓަން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ފުލުހުންގެ މެދުގައި އޮންނަ ބަދަހި ގުޅުން ނަގާލާ ބައިބައިވުން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ދެނެގަނެ އެކަން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ކޮންމެ ކޮމާންޑަރަކުވެސް އަދި ކޮންމެ ވެރިއަކުވެސް ކުރަންޖެހޭނެ ކަމަށާއި ކޮމާންޑަރުން ފުލުހުންގެ މަސައްކަތް ވަރަށް ގާތުން މޮނީޓާކުރަން ޖެހޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ދަމަހައްޓައި، ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހާއްސަ އިސްކަމެއް ދީގެން ކުރުމަށް އަދި ފުލުހުންނަށާއި ފުލުހުންގެ މަސައްކަތަށް ރައްޔިތުން ކުރަމުންދާ އިތުބާރު ދެމިއޮންނާނެ ގޮތަށް މަސައްކަތްތައް ބައްޓަންކޮށްގެން ކުރިޔަށް ގެންދިއުމަކީ އެންމެ މުހިއްމު ސަމާލުކަމެއް ދޭންޖެހޭ ކަންކަން ކަމުގައިވެސް ސީޕީ ވިދާޅުވި އެވެ.